ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހިތާދޫ ކައުންސިލުގެ އިދާރާގައެވެ.

ފުޅަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭން ހުއްޓިފައިވާ ނުވަތަ މަޑުޖެހިފައިވާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްގެންދަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ފެނާ ނަރުދަމާގެ މަސައްކަތާއި ސްކޫލު ކްލާސްރޫމުތަކުގެ މަސައްކަތް އަދި މިސްކިތުގެ މަސައްކަތް ކައުންސިލުން ފާހަގަކުރެއްވިއެވެ.މީގެ އިތުރުންވެސް ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޚިދުމަތްތައް ފުޅާކުރުމާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި ދަތުރުފަތުރުގެ ނިޒާމުގެ ޚިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.