ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ މިލަދުންމަޑުލު ދެނުކުބުރީ މިލަދޫ ފެނަކަ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ބޭނުންވާ ކަމަށާއި، ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ޞިއްޙީ މަރުކަޒުން ލެބޯޓްރީގެ ޚިދުމަތް ރައްޔިތުންނަށް ދިނުމަށް ބޭނުންވާ ކަމަށާއި، ޒަމާނީ ފެންވަރަށް ޔޫތު ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ސުކޫލަށް މަލްޓިޕާޕަސް ހޯލް ވީ އެންމެ އަވަހަކަށް ނިންމަން ބޭނުންކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހުއްޓިފައިހުރި މަޝްރޫޢުތައް ފައްޓަވައިދެއްވައި އެކި މަޝްރޫޢުތަކުގައި ހުރި މައްސަލަތައް ބައްލަވައި، އެކަންކަން ކައުންސިލާއި ރައްޔިތުން ބޭނުންވާގޮތަށް ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.