ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ވަށައިގެން ޖަހާ ސީ ވޯލް މަސައްކަތް ނިންމަވައިދެއްވުމަށާއި، ރަށުގެ ނަރުދަމާގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި، ކޮމަންޑޫގައި އައިސް ޕްލާންޓް ނިންމަވައިދެއްވައި މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ފެން ޕްލާންޓުގައި ހުރި މައްސަލަ ހައްލުކޮށްދެއްވައި، ރަށުގެ ރައްޔިތުންނަށް ސާފު ފެން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ކޮމަންޑޫގައި އިޤްތިޞާދީ ކަންކަން ފުރިހަމަ ކުރުމަށް ފަތުރުވެރިކަމާއި، އެއާޕޯޓް ތަރައްޤީކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ، އެކަނބަލުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޖާގައިގެދަތިކަން ހުރިކަމާއި، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކޮމިޓީގެ ފަރާތުން ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮމަންޑޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކައުންސިލާއި ރައްޔިތުން ބޭނުންވާގޮތަށް ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.