ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ރަށުގައި ހުއްޓިފައިހުރި މަޝްރޫޢުތައް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުނި މެނޭޖުކުރުމަށް ބޭނުންވާ ކަމަށާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލެއް ޤާއިމުކޮށްދެއްވުމަށާއި، 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ރަށުގެ ޞިއްޙީ މަރުކަޒުތައް ހެދުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގައި އާޓިފިޝަލް ބީޗެއް ހައްދަވައިދެއްވުމަށާއި، ޕްރީސުކޫލު ހިންގުމަށް ސަރުކާރުން ބަޖެޓެއް ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރިނބީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެ ކަނބަލުން ބޭނުންވާ ހަރަކާތްތައް ނުހިންގެނީ ބަޖެޓުގެ ދަތިކަން ހުރުމުން ކަމުގައި ވިދާޅުވެ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.