ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ވަށަފަރު ސުކޫލުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އެބޭފުޅުން މިހާރު ބޭނުންވާ ކަންކަން އެކި މިނިސްޓްރީތަކަށް ހުށަހަޅާފައިވާނެކަން ފާހަގަ ކުރައްވައި، އެކަންކަން ފުރިހަމަ ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ކައުންސިލުން ވަނީ ރަށުގެ ކުނި މެނޭޖުކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ ބަނދަރުގައި ހުރި ރަނގަޅުކުރަން ބޭނުންވާ ކަންކަން އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.

ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެކި ދާއިރާތަކުން އަންހެނުންނަށް ކުރިއަށް ދިއުމަށް އިތުރު ފުރުޞަތު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތްތައް ބައްލަވާނެކަމުގައެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.