ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ގއ. ގެމަނަފުށީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށަކީ މަސްވެރި އޮޑިދޯނިފަހަރު ގިނަ ރަށެއްކަން ފާހަގަކުރައްވައި ރަށުގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން މަގުހެދުމުގެ މަސައްކަތް އަވަސްކުރުމާއި ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމާއި ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު އިތުރު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެކޮމިޓީގެ ކުރިއެރުމަށް ބޭނުންވާ މުހިންމުކަންތައްތައް ވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް މިބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ސަމާލުކަންދެއްވައި ކުރިޔަށްގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ.