ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު ކިނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުކުރި ކޮޅުމަޑުލު ކިނބިދޫ ސްކޫލުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ކިނބިދޫ އާއި ވޭމަންޑޫ އެއްފަސްކުރުމާއި، ސްކޫލުގެ މަލްޓިޕާޕަސް ހޯލް ޤާއިމުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ރައްޔިތުންނަށް އާސަންދަ ނިޒާމުގައި ހުރި ކަންބޮޑުވުންތައް ތަފުޞީލީ ގޮތެއްގައި ކައުންސިލުން ޙިއްޞާކުރެއްވިއެވެ. ހަމަ އެއާއެކު ރަށުގެ ކުރިއެރުމަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ކިނބިދޫގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި، އިޖުތިމާޢީ ގޮތުން ހުރި ކަންބޮޑުވުންތައް ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކިނބިދޫގެ ޒުވާނުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގައި ކުޅިވަރު ކުޅެވޭނެ ރަނގަޅު ވަސީލަތްތައް ޤާއިމުވެފައި ނެތުންކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކިނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް އެކަނބަލުންގެ ކަންބޮޑުވުންތަކާއި އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބަޖެޓުގެ ދަތިކަމާއި، ރަށުގެ އަންހެން ކަނބަލުން އުފައްދާ ތަކެތި މާކެޓަށް ނެރުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކޮށްދެއްވާނެކަމަށެވެ. އަދި ރަށަށް އާމްދަނީ ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައި ރައްޔިތުންގެ އާމްދަނީ ތަނަވަސްވާނެ މަގު ފަހިކުރުމަށް ކައުންސިލުގެ ފަރާތުން މަސައްކަތްކުރެއްވުމަށް ބާރުއެޅުއްވިއެވެ. މީގެ އިތުރުންވެސް އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ވިދާޅުވެދެއްވައި، އަންހެނުން އުފައްދާތަކެތި ގަނެ ވިއްކައި ކަނބަލުންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ފުޅާ ފުރުޞަތުތަކެއް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.