ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމަކީ ސަރުކާރުންވެސް އެންމެ އިސްކަންދޭނެ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ދަތިކަމާއެކު ހުރިހާ ރަށެއްގެ ކައުންސިލަކުންވެސް އެރަށެއްގައި މިއަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކުރަން ބޭނުންވެފައިވާ އަދި އެންމެ އިސްކަންދޭ ކަންކަމުގެ ތަރުތީބެއް، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެގޮތަށް ތަރުތީބު ކޮށްލެވުމުން، ކަނޑައެޅޭ އުސޭލެއްގެ ތެރެއިން މިއަހަރުގެ ތެރޭގައި ފެށެންހުރި މަޝްރޫޢުތައް ފެށުމަށް ސަރުކާރުން މަސައްކަތްކުރާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަންދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަޝްރޫޢުކަމުގައެވެ. އެހެންކަމުން އެމަޝްރޫޢު އެންމެ އިސްކަންދޭ މަޝްރޫޢުގެ ގޮތުގައި ސަރުކާރުން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ދެންހުރި ތަރައްޤީގެ ކަންކަމުގައި އިސްކަންދޭ ތަރުތީބެއް ކަނޑައެޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި އެރަށުގެ ތަރައްޤީއަށް ހުރި މަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި އެކަންކަން ކުރިއަށް ގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށްކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ސަރުކާރުން މިހާރު ކައުންސިލްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ރަށެއް ލިބޭގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް ކައުންސިލުތަކަށް ގޮވާލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ވަންދޫގައިވެސް ތަކުރާރު ކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ގަވައިދުގައި ވާގޮތަށް އެފަދަ ރަށެއް ބޭނުންކުރެވޭނީ އެރަށެއްގެ ވަކިވަކި ފަރުދުންނާއި ވިޔަފާރިތައް ހިމެނޭހެން އެރަށެއްގެ މުޅި މުޖުތަމަޢަށް ފައިދާވާ ގޮތަށް އަދި ކައުންސިލަށް އާމްދަނީ އިތުރުކުރެވޭ ގޮތަށް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
-