ކޮޅުމަޑުލު ދިޔަމިގިލީގެ ތަރައްޤީއަށް ރާވާފައިހުރި ހުރިހާ މަޝްރޫޢެއް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުއްޓިފައިހުރި މަޝްރޫޢުތަކާއި އަދި ކުރިއަށްހުރި ހުރިހާ މަޝްރޫޢެއްވެސް މި ސަރުކާރުން ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އެހެންނަމަވެސް މިހާރު ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކަންދޭ ތަރުތީބެއް އެކުލަވައިލަންޖެހޭކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. އެގޮތަށް ތަރުތީބުކުރެވުމުން އެރަށުގެ ތަރައްޤީއަށް ހުރި ގިނަ ކަންކަން މިއަހަރުގެ ތެރޭގައިވެސް ފެށޭނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ ކޯޒްވޭގެ މަސައްކަތްވެސް ހަޤީޤަތަކަށް ހެދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މިހާރު 9 ހަފުތާގައި ހިމެނޭ ހުރިހާ ކަމެއް ނިމިފައިވާކަމަށާއި، އެގޮތަށް ހަފުތާ 14ގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި 3 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.