ޓިމޯރ ލެސްތޭގެ ތަޖުރިބާއިން ރާއްޖެއަށް އެތައް ފިލާވަޅުތަކެއް ދަސްކުރެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޓިމޯރ ލެސްތޭގެ ރައީސް ޑޮކްޓަރ ޜޮޒޭ ރާމޮސް-ހޯތާގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރު ކުރުނބާ ވިލެޖް ރިޒޯޓުގައި ބޭއްވެވި ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަރަށްގިނަ ކަންކަމުގައި ދިވެހިރާއްޖެއާއި ޓިމޯރ ލެސްތޭއާ ދެޤައުމުގެ ޚިޔާލު އެއްގޮތްކަން ފާހަގަކުރައްވަމުން، ދެޤައުމަކީވެސް ޑިމޮކްރެޓިކް އުޞޫލުތައް ވަރުގަދަކޮށް، އެ އުޞޫލުން ކަންތައްތައް ހިންގުމަށް މަސައްކަތް ކުރަމުންދާ ދެޤައުމު ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޓިމޯރ ލެސްތޭގެ ރައީސްގެ މިދަތުރުފުޅަކީ، ދެޤައުމުގެ ދެމެދުގައި ވަރަށް ރަނގަޅު ގުޅުމެއް ބަދަހިކޮށް ތަރައްޤީ ކުރުމުގެ ރަނގަޅު ފެށުމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޓިމޯރ ލެސްތޭގެ ރައީސް ޑޮކްޓަރ ޜޮޒޭ ރާމޮސް-ހޯތާ ދެއްކެވި ވާހަކަފުޅުގައި، ޞުލްޙައަށާއި، އަމަންއަމާން ކަމަށާއި، ޑިމޮކްރަސީގެ ރީތި އުޞޫލުތަކަށާއި މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި ޓިމޯރ ލެސްތޭއަށް މިނިވަންކަން ލިބުނުފަހުން އަދި މިވީ 8 އަހަރު ކަމަށާއި، އެ ޤައުމަކީވެސް ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާ ޤައުމެއް ކަމުގައި ވިދާޅުވިއެވެ. ޑޮކްޓަރ ޜޮޒޭ ރާމޮސް-ހޯތާގެ ވާހަކަފުޅުގައި، އެމަނިކުފާނަށާއި އަރިހުގައި ގެންނެވި ވަފްދުގެ ބޭފުޅުންނަށް ދިވެހި ސަރުކާރުން ދެއްވަމުން ގެންދަވާ ފުރިހަމަ މެހްމާންދާރީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.