ކޮޕް28ގައި ޤައުމީ ބަޔާން އިއްވަވަމުން، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޢުދު ވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރައްވާފައި ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްދާ 28ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި މިއަދު ޤައުމީ ބަޔާން އިއްވަވަމުންނެވެ.

ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއްކަމަށާއި، އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިޤްތިޞާދަށާއި މުޅި ޤައުމަށްވެސް ލިބޭ އުނިކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިރިއުޅެވޭނެ ގޮތްތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ މާޙައުލީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް އެހީތެރިވާ 'ލޮސް އެންޑް ޑެމޭޖް ފަންޑު' ގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ މަގުފަހިވެގެންދާނެ ކަމަށާއި، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެ ގޮތްތައް ފަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ދުނިޔޭގެ ފަރުދެއްގެ ޙައިޘިއްޔަތުން، ދުނިޔޭގެ ވެށްޓަށްޓަކައި ކޮންމެ މީހަކުވެސް އުފުލަން ޖެހޭ ޒިންމާތަކެއްވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ހަނދުމަކޮށްދެއްވާފައެވެ. މީގެ އިތުރުން، އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، އަމަލުތަކުން އެކަން ޔަޤީންކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.