ތުރުކީވިލާތުގެ މިނިސްޓަރ އޮފް އިންޓީރިއަރ ޢަލީ ޔަރލިކަޔާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ތުރުކީގެ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރެވިފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަ ކުރުމާއި، ދޭދޭ އަދި ބައިނަލްއަޤްވާމީ ކަންކަމުގައި އިތުރު ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ތުރުކީވިލާތުގެ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ތުރުކީވިލާތުގެ އިންޓީރިއަރ މިނިސްޓަރ ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރަސްމީ ދަތުރުފުޅެއްގައި ފުރަތަމަ ވަޑައިގެންނެވި ޤައުމަކީ ތުރުކީވިލާތް ކަމުގައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އަދި ތުރުކީވިލާތުގެ އިންޓީރިއަރ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއާއި، އަދި ދިވެހިރާއްޖޭގެ މަދަނީ ދިފާޢުގެ ކަންކަމަށް ބޭނުންވާ ތަމްރީނު ދިނުންފަދަ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.