ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ޞިއްޙީ މާރުކަޒަށް އިތުރު ކުރެވުނު ޢިމާރާތާއި، މާކުރަތު ފުޓުބޯޅަ ދަނޑާއި މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި ހުންނަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރު ކުރެވުނު ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތައް ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިއަދު ހެނދުނު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރ. މާކުރަތުގައި ތަރައްޤީކޮށްފައިވާ ޞިއްޙީ މާރުކަޒަށް އިތުރު ކުރެވުނު ޢިމާރާތުގައި އޮފީހަކާއި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ހެލްތު އެޑިއުކޭޝަން ރޫމަކާއި، ސްޓޯރޫމް ފަދަ ތަންތަން ހިމެނެއެވެ. މި މަޝްރޫޢު ސަރުކާރުން ކުރިޔަށް ގެންގޮސްފައި ވަނީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. ރ. މާކުރަތުގައި ސަރުކާރުން ތަރައްޤީކުރި ފުޓުބޯޅަ ދަނޑަކީ ޓަރފް އަޅައިފެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރެވުނު ޢިމާރާތުގައި އިމަރޖެންސީ ރޫމަކާއި، ރޭޑިއޮލޮޖީ ރޫމަކާއި، ލެބޯރެޓޮރީއަކާއި، ތިއޭޓަރަކާއި، ސީ.އެސް.އެސް އަދި 10 ކޮޓަރީގެ ޕްރައިވެޓް ވޯޑެއް ވަނީ ޤާއިމްކޮށްފައެވެ. މި މަޝްރޫޢު ސަރުކާރުން ކުރިޔަށްގެންގޮސްފައި ވަނީ އެލިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. ރަށްރަށުން ރައްޔިތުންނަށް ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވަޞީލަތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.