ރ. މަޑުއްވަރި އަދި ދުވާފަރުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ މިހާރު އެމަނިކުފާނު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ދެރަށަށް ވަޑައިގެންނެވެ.
މަޑުއްވަރީއަށް އިއްޔެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި ދުވާފަރަށް ވަޑައިގެން އެމަނިކުފާނު މިއަދު ވަނީ އެރަށުގެ ބިން އިތުރުކުރުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި މަގުހެދުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި އަދި އެރަށު ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވާފައެވެ.
މަޑުއްވަރީ ބަނދަރުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރާއި ނެރު ފުންކުރުމާއި 582 މީޓަރުގެ އެއްގަމުތޮށި ލުމާއި 135 މިޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި ބަނދަރާގުޅޭ އެހެން މަސައްކަތްތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ނިމުން ފާހަގަކޮށްދެއްވި ދުވާފަރު ބިން އިތުރުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ ވެސް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން އެރަށަށް 22.2 ހެކްޓަރުގެ ބިން އިތުރުކޮށް ބޮޑުހިލައިގެ ރިވެޓްމެންޓް އަދި ބޭރުތޮށި ޖަހާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ނިމުން ފާހަގަކޮށްދެއްވި ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 5.7 ކިލޯމީޓަރުގެ މަގު ރަނގަޅުފެންވަރަކަށް ހަދާފައިވެއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ދުވާފަރު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ. ދަނޑުގެ ޓަރފް އެޅުމުގެ މަސައްކަތް ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކޮށްފައިވާއިރު ލައިޓިންގ ސިސްޓަމުގެ މަސައްކަތްކޮށްފައި ވަނީ ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.