ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ، ފައިނު އިންޖީނުގެއާ ފެނަކަ އޮފީސް އަދި އެއަތޮޅު މީދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ރ. ފައިނަށާއި ރ. މީދޫއަށް ވަޑައިގެންނެވީ މިއަދު މެންދުރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ރ. ފައިނު ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 520ކިލޯވޮޓްއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ރ. މީދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މި ދަނޑުގެ ސަބްބޭސްގެ މަސައްކަތް އާރް.ޑީ.ސީން ކޮށްފައިވާއިރު، ޓަރފްއެޅުމުގެ މަސައްކަތްކޮށްފައި ވަނީ، މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.