بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ދިވެހި ދައުލަތުގެ އިނާމު ލިބިވަޑައިގަންނަވާ އެންމެހައި ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދުގެ މި ޖަލްސާއަކީ، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ޖަލްސާއެއް. މިނިވަން ދުވަހުގެ އުފާވެރި އިޙްތިފާލުތަކުގެ ތެރޭގައި މި ޖަލްސާ ބޭއްވޭކަމީ، އަޅުގަނޑުމެން އެންމެންނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް، ސަރުކާރުގެ ފަރާތުން އިނާމު ދޭން ފެށީ، 2021 ވަނަ އަހަރު. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، 309 ބޭފުޅަކަށް މި އިނާމު އެރުވިއްޖެ. މިއަދުގެ މި ޖަލްސާގައި، 148 ބޭފުޅަކަށް އިނާމު އެބަ އެރުވޭ. އެހެންކަމުން، މިއަދުގެ ޖަލްސާއާ އެކީގައި، ޖުމްލަ 457 ބޭފުޅަކަށް މި އިނާމު އެ އެރުވުނީ.

ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން، އެ ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއް. އެ ބޭފުޅުން، އެ ބޭފުޅުންގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، ވަރަށް ދިގު މުއްދަތެއް ހޭދަކުރެއްވި. އެ ބޭފުޅުންގެ ޚިދުމަތްތަކަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ވަރަށް ބޮޑު ބުރަދަނެއް އެކުލެވިގެންވާ ޚިދުމަތްތަކެއް.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމަށް އެންމެ ފަހުން ބޭއްވި ޖަލްސާގައި، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން، މި ޝަރަފް ނޭރުވޭ ބޭފުޅުންގެ ނަންފުޅުތައް، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވާނެ ވާހަކަ އަޅުގަނޑު ދެންނެވިން. އެގޮތުން، މިއަދު އެންމެ ފުރަތަމަ އަޅުގަނޑު މި އިނާމު މި އެރުވި ބޭފުޅުންގެ ތެރޭގައި، އެ ބޭފުޅުން ހިމެނިވަޑައިގަންނަވާ.

އެ ބޭފުޅުންގެ ތެރެއިން، ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ތިން ބޭފުޅަކު އެބަ ތިއްބެވި. އޭގެ ތެރެއިން، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ އަންހެން ބޭފުޅެއްކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. އެއީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި ހެންވޭރު މާހާ އާމިނަތު ވަޙީދާ.

އާމިނަތު ވަޙީދާ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 52 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. އަޅުގަނޑު ދެކޭގޮތުގައި، އާމިނަތު ވަޙީދާ އެ ދައްކަވަނީ، މިއަދު ޚިދުމަތުގައި ދެމިތިއްބެވި އަންހެން ބޭފުޅުންނަށް ވަރަށް ރީތި މިސާލެއް. އެންމެ ގިނަ ދުވަހު އާމިނަތު ވަޙީދާ ޚިދުމަތް ކުރެއްވީ ނަރުހެއްގެ ގޮތުގައި.

އަނެއް ބޭފުޅަކީ، 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ރ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ފުރުއްވާފައިވާ، ރ. އަނގޮޅިތީމު ފެހިވިލާގޭ އަޙްމަދު ރަޝީދު. ދެން ހުންނެވި އަނެއް ބޭފުޅަކީ، އެމް.އެން.ޑީ.އެފް.ގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ލެފްޓިނަންޓް (ރިޓަޔަރޑް) ގަލޮޅު ފަސާނާ އަޙްމަދު މަނިކު.

އަދި ބައި ޤަރުނާ ވަރަށް ކައިރިކުރާ މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވި އަންހެން ބޭފުޅެއްގެ ވާހަކަ އަޅުގަނޑު ފާހަގަކޮށްލާނަން. އެއީ، 49 އަހަރާއި 11 މަހާއި 12 ދުވަހު ޚިދުމަތް ކުރެއްވި ހެންވޭރު ލައިލެކް ހައުސް ޒަހީރާ އަޙްމަދު. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކުޑަކުދިންގެ ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުގައި.

އެހެންކަމުން، މި ހަތަރު ބޭފުޅުންނަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އަދި މިއަދު މި އިނާމު ޙާޞިލްކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ޝުކުރު ދަންނަވަން. މި ހުރިހާ ބޭފުޅުން ކުރެއްވި ޚިދުމަތްތަކަކީ، އޭގެ އަގު ވަޒަންނުކޮށް ދޫކޮށްލެވިގެންވާނެ ޚިދުމަތްތަކަކަށް ވެގެންނުވާނެ. އެބޭފުޅުންގެ ޙަޔާތުގެ ވަރަށްބޮޑު ބައެއް ޤައުމީ ޚިދުމަތަށް ހުސްކުރައްވައި، ދިވެހި ޤައުމަށްޓަކައި އެ ކުރެއްވި ބުރަ މަސައްކަތްތަކަކީ، ވެވަޑައިގެންނެވި ވަރަށް މަތިވެރި ޤުރްބާނީއެއް ކަމަށް އަޅުގަނޑު ދެކެން. އެހެންކަމުން، އެ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.

މިފަހަރު އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން، އެއް މުއައްސަސާއެއްގެ 26 ބޭފުޅަކަށް މި އިނާމު ލިބިވަޑައިގަންނަވާކަން އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކުރަން. އާދެ، އެއީ މިފްކޯގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ، ވަރަށް ގިނަ ދުވަސްވީ ބޭފުޅުންކޮޅެއް. ފެލިވަރާއި، ކޫއްޑޫއާއި، ކަނޑުއޮތްގިރީގައި އަދި މިފްކޯގެ ހެޑް އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅުން، އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ. އެހެންކަމުން، މި ދެންނެވި ބޭފުޅުން މިފްކޯއަށް އެ ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް ވަކިން ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާބެހޭ ކަންކަން ކުރިއަށް ގެންދެވީ، ޤައުމީ އިނާމާބެހޭ ކޮމިޓީން. އެހެންކަމުން، އެ ކޮމިޓީން ކުރެއްވި ބުރަ މަސައްކަތްޕުޅުތައް ފާހަގަކޮށް، ކޮމިޓީގެ ޗެއަރޕަރސަން ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދަށާއި، ކޮމިޓީގެ އެހެން މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބައެއް. އެ ބޭފުޅުންގެ ޚިދުމަތުގެ މުއްދަތުގައި އަދާކުރެއްވީ ހަމައެކަނި ވަޒީފާއެއްގެ މަސްއޫލިއްޔަތުތަކެއް ނޫން. ޤައުމީ މިންގަނޑުން ވަޒަންކުރާއިރު، އެ ބޭފުޅުންގެ ޚިދުމަތުގެ ބުރަދަން އެއަށްވުރެ މާބޮޑު.

އެންމެ ފުރަތަމަ ކަމަކީ، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި އެބޭފުޅުން ބެހެއްޓެވި ފަރުވާތެރިކަން. އެބޭފުޅުންގެ ހިތްޕުޅުގައި މަސައްކަތަށް އޮތް ޝައުޤުވެރިކަމާއި ލޯބި. އަނެއް ކަމަކީ، އެބޭފުޅުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން. ޚިދުމަތުގެ ސާފު ރެކޯޑަކާއެކު ބައި ޤަރުނު ކަޑައްތުކުރުމަކީ، ފަސޭހަ ކަމެއް ނޫން.

30، 40 އަހަރަކީ ވެސް ކުރު މުއްދަތެއް ނޫން. ޚިދުމަތުގެ އަގު ވަޒަންކުރަނީ ހަމައެކަނި، އެ ބޭފުޅުން ހޭދަކުރައްވާ މުއްދަތުގެ ދިގުމިނަކުން ނޫން. އެބޭފުޅުންގެ އަގު ވަޒަންކުރެވެނީ، ކަމަށް ކަމޭހިއްތަވައިގެން، ތެދުވެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޒިންމާތަކުން. އެ ޒިންމާތައް އަދާކުރެއްވުމުގައި، އެ ބޭފުޅުން ކުރެއްވި ހިތްވަރާއި އުފުއްލެވި ބުރަތަކުން.

އަޅުގަނޑު މިހެން ދެންނެވިޔަސް، އެ ބޭފުޅުން އެ އުފުއްލެވި ބުރަ، މިއަދުގެ ޒުވާނުންނަށް ތަޞައްވަރު ނުކުރެވިދާނެ. މިއަދު އިނާމު ޙާޞިލުކުރެއްވި ގިނަ ބޭފުޅުން، ޚިދުމަތާ ގުޅިވަޑައިގެންފައިވަނީ، ސަރުކާރުގެ އިދާރީ ހިންގުމުގެ ތެރެއަށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ޒަމާނީ ލުއިފަސޭހަކަން ތަޢާރަފްވުމުގެ މާކުރިން. އެއީ ދައުލަތުގެ ހުރިހާ ލިޔެކިޔުންތަކެއް އަތުން ލިޔެ، ބޮކްސް ފައިލްތަކުގައި ރައްކާކޮށް ބެލެހެއްޓި ދުވަސްވަރު.

ސަރުކާރުގެ އިދާރާތަކާއި، ޝަރުޢީ ކޯޓުތަކާއި، ރައްޔިތުންގެ މަޖިލީހުގައި ވެސް، އެ ދުވަސްވަރު ކަންތައް ކުރަމުން އައީ އެގޮތަށް. އެއް އޮފީހުން އަނެއް އޮފީހަށް ލިޔުމެއް ފޮނުވަން ޖެހުނަސް، އެ ލިޔުމެއް ހިފައިގެން އެތަނަކަށް ދިއުން ނޫން ގޮތެއް އެއިރަކު ނެތް. ކިތަންމެ ކުޑަ ކުށެއް ޖެހުނަސް، އަލުން އެ އެއްޗެއް ލިޔުން ނޫން ގޮތެއްވެސް ނޯވޭ.

އެހެން ނަމަވެސް، ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަމެއް، ނުނިމިފައެއް ނޯވޭ. ކިތަންމެ ވަގުތެއް އޮފީހުގައި ހޭދަކުރައްވައިގެން، އަދި ކިތަންމެ ބުރައެއް އުފުއްލަވައިގެން ވިޔަސް، އެމަސައްކަތެއް ފުރިހަމަކުރައްވައި ނިންމެވުމަކީ، އެ ބޭފުޅުން އެންމެ އިސްކަން ދެއްވި ކަންތައް. އެ ހުރިހާ ތަކުލީފުތަކެއް އުފުއްލަވައިގެން ވެސް، އެ ބޭފުޅުން ޚިދުމަތުގައި 30، 40، 50 އަހަރު ހޭދަކުރެއްވުމަކީ، އަޅުގަނޑުމެން އަގު ވަޒަންކުރަންޖެހޭނެ ކަމެއް. އަދި މިއަދުގެ ޒުވާން މުވައްޒަފުން، ނަމޫނާ ލިބިގަންނަންޖެހޭ ކަމެއް.

އެ ބޭފުޅުން ދިގު މުއްދަތުގެ ޚިދުމަތުގެ އިނާމު އެ ޙާޞިލްކުރެއްވީ، ވަރަށް ޒުވާން އުމުރުގައި ޤައުމީ ޚިދުމަތާ ގުޅިވަޑައިގެން. އެއީ އޭރުގެ ނޫކަށި ފުރާގެ ޒުވާނުން. މިއަދު ވެސް ސަރުކާރުގެ ވަޒީފާތަކުގައި ވަރަށް ގިނަ ޢަދަދެއްގެ ޒުވާނުން އެބަ ތިއްބެވި.

މިއަދުގެ ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ދައުލަތަށް ޚިދުމަތް ކުރެއްވުމަކީ ކޮންމެ ޒުވާނެއްގެ ވެސް އުފަލަކަށް ހައްދަވާށޭ. އޮފީހަށް ވަޑައިގަންނަވަންވީ ހަމައެކަނި ވަޒީފާއެއް އަދާކުރައްވާކަށް ނޫން. ތިޔަ ޒުވާނުން ޙަވާލުވެވަޑައިގެން ތިއްބެވީ، ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ޒިންމާތަކަކާ. ތިޔަ އަދާކުރައްވަނީ ވަރަށް މަތިވެރި ޤައުމީ ވާޖިބެއް.

އެ ވާޖިބުތައް އަދާކުރެއްވުމުގައި، ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު، ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް، ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. މަސައްކަތަށް ވަގުތު ދެއްވައިގެން، ކެތްތެރިކަމާއި ތެދުވެރިކަމާއެކު، ކަމަށް ކަމޭހިއްތަވައިގެން ވަޒީފާ އަދާކުރެއްވުމުގައި ދެމިތިއްބަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ތަރައްޤީގެ މަގުގައި މިއަދު އަޅުގަނޑުމެން މިތިބަ ހިސާބަށް އާދެވުނީ، މިއަދު އިނާމު ލިބިވަޑައިގެންނެވި ޚިދުމަތްތެރިންގެ ވަރަށް ބޮޑު ޤުރުބާނީއަކުން. ދައުލަތް ހިންގުމުގައި އެއިން ކޮންމެ ބޭފުޅަކު، އެ ބޭފުޅެއްގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުން. އެހެންކަމުން، މިއަދު ޚިދުމަތުގެ އިނާމު ޙާޞިލްކުރައްވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވައި، ތަހުނިޔާ އަރިސްކުރަން. ތިޔަ ޚިދުމަތްތެރިންނަށް ތާއަބަދުގެ އުފާވެރިކަމާއި ފާގަތިކަމަށް

އަޅުގަނޑު އެދެން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ފާގަތިކަމާއި ތިޔާގިކަން މިންވަރުކުރެއްވުން. ޤައުމަށް ވަފާތެރި ތެދުވެރި ބައެއްގެ ގޮތުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވައި، އުފާވެރިކަމާއި އަމާންކަމުގެ މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.