ޤައުމަށްޓަކައި ކޮންމެ ފަރުދަކުވެސް ކުޑަނަމަވެސް ޚިދުމަތެއް ކޮށްދިނުމަކީ އުފަލެއްކަމުގައި ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް އައްޑޫސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިއަދު ހެނދުނު އައްޑޫ ހައި ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ފަށްޓަވަމުން އެމަނިކުފާނު ވަނީ މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އައްޑޫ ސިޓީއާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުއްވާފައެވެ.
މިނިވަންދުވަހުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއަށް މިނިވަންކަން ހޯދައިދެއްވި ޤައުމީ އަބުޠާލުން އެކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އައުކޮށް އެ ބޭފުޅުންގެ ޒިކުރާ އައުކުރަންޖެހޭކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި މި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ ޤައުމުގައި ހަމަޖެހުން ޤާއިމުކުރުންކަން ފާހަގަކުރެއްވިއެވެ. އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވޭ އެކި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކާއެކު އައްޑޫސިޓީއަށް އިންގިލާބީ ބަދަލެއް ގެނެވޭނެކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޤައުމުގެ ތަރައްޤީ ޙާޞިލުކުރުމުގައި ޒުވާނުން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްދެއްވުމަށާއި އަދި ކިޔަވާކުދިން މަސައްކަތްތެރިބަޔަކަށްވެ ކޮންމެ ރޮނގަކުންވެސް ޤައުމަށް ޚިދުމަތްކުރާ ބަޔަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ.
މި ޖަލްސާއަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އައްޑޫ ހައި ސްކޫލުގައި އައްޑޫ ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ސްކޫލުތަކުގެ ފަރާތުން ވަނީ ސްކޫލުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަމާއި އިންސާނީ ވަޞީލަތްފަދަ ސްކޫލުތަކަށް ބޭނުންވާ މުހިންމުކަންކަމާއި ސްކޫލުތަކަށް ކުރިމަތިވާ ދަތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.