އިޤްތިޞާދީގޮތުން ސަރުކާރުން އަޅަމުންގެންދަނީ ކާމިޔާބު ޙާސިލުކުރެވޭނެ ފިޔަވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔޫ.އެސް.ސީ)ގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ރަޝިޔާއިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިއަހަރު ފެށުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދިޔަ ޤައުމުން ފަތުރުވެރިން އައުން، ހަނގުރާމައާ ގުޅިގެން ހުއްޓުމަކަށް އައުމާއި، ތެލުގެ އަގު އެތައްތަނެއް މައްޗަށް ދިއުމާ އަދި ތަކެތީގެ އަގުތައް އުފުލި، ކުރިން ސަރުކާރުން އަންދާޒާ ކުރިވަރަށްވުރެ ބޮޑު ހޭދައެއް ތެޔޮގަތުމަށާއި ސަބްސިޑީއާ އަދި ރާއްޖެއަށް ތަކެތި އިމްޕޯޓްކުރުމަށް ހޭދަކުރަންޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް މިއަދު ބޭއްވި އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުމުގައި، މި ޙާލަތާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ކުރިން ރިސޯޓްތަކުގެ ބިމުކުލި ކުޑަކުރުމަށް ސަރުކާރުން ނިންމާފައި އޮތް އޮތުން މި ވަގުތަށް މަޑުޖައްސާލައި މި ދުވަސްވަރު ރިސޯޓްތަކުގެ ބިމު ކުލި ކުޑަނުކުރާ ގޮތަށް ނިންމެވުމާއި އަދިވެސް ޚަރަދުތައް ކުޑަކުރުމާއި އަދި މިވަގުތަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމެވުން ހިމެނެއެވެ.

މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި އޮތް ނަމަވެސް ރާއްޖޭގެ އިޤްތިޞާދުގެ އަމާޒުހުރީ ރަނގަޅަށްކަން ފާހަގަކުރައްވައި އަންދާޒާ ކުރިވަރަށްވުރެ އިތުރަށް ރާއްޖެއަށް ފަތުރުވެރިންވެސް ޒިޔާރަތްކުރިކަމާއި އަންދާޒާ ކުރިވަރަށްވުރެ އިތުރަށް އާމްދަނީ ލިބުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަކިން ޚާއްޞަ ގޮތެއްގައި ދަރަނި ދެއްކުމުގައި މިއަހަރާއި އަންނަ 2023 ވަނަ އަހަރާއި އަދި 2024 ވަނަ އަހަރުވެސް އެއްވެސް ދަތިކަމެއްނެތި ކަނޑައެޅިފައިވާ ގޮތަށް އެކަންކަން ކުރިޔަށްގެންދެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދީ ގޮތުން ދަތިތަކެއް ހުރުމާއެކު ސަރުކާރުން ކުރިޔަށްދާނީ ޚަރަދުތައްކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އަދި އިޤްތިޞާދަށް އަންނަ ކުރިއެރުމާ ވެސް އެކުގައި ކަމުގައެވެ.

އެމް.ޑަބްލިއު.އެސް.ސީ އުފެއްދި ބޭނުމާއި އެ ކުންފުނީގެ ތާރީޚަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 70 އިންސައްތަ ރަށުގައި، ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބެން ނެތްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، އެއް އުޞޫލަކުން، ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމުކުރުމުން ދިވެހިންގެ ދިރިއުޅުމަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
"އެންމެ މުހިންމު ބަދަލަކީ، ނަޖިހުން ތަޣައްޔަރުނުވާ ފެނުން، ސާފުތާހިރުވުމުގެ ފުރުޞަތު ލިބުމާއެކު، ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް އަންނާނެ ބަދަލު. އެއީ އެތައް ބަލިތަކަކުން ދިފާޢުކޮށްދޭނެ ކަމެއް. އަދި ފެނަށް ޖެހުމުގެ މައްސަލައަށް ލިބޭނެ ދާއިމީ ޙައްލަކަށްވެސް ވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެއާއެކު، ބޯފެނާއި މި ޚިދުމަތްތައް ޤާއިމުކުރުމަށް، ބަޖެޓުން ކުރަމުން އަންނަ ބޮޑެތި ޚަރަދުތައް، 2024 ވަނަ އަހަރުން ފެށިގެން ކުރަން ނުޖެހޭނެކަން ފާހަގަކުރައްވައި، ނަތީޖާއެއްގެ ގޮތުން އެ ފައިސާއިން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދުނިޔެ ކުރިމަތިލާންޖެހިފައިވާ ތިމާވެށީގެ މައްސަލަތަކަށް ބަލާއިރު، ބޯފެން އުފެއްދުމުގައިވެސް އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ކުރިޔަށްގެންދާ ނަރުދަމާގެ މަޝްރޫޢުތައްވެސް ކުރިއަށް ގެންދަނީ ތިމާވެށީގެ ރައްކާތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެންކަމުގައެވެ.

މިއަހަރުގެ ބަޖެޓުގައި ވެސް ތިމާވެށި ޙިމާޔަތްކުރުމަށް، 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 836 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަށެވެ.

މިރޭގެ ޖަލްސާގައި "ޗެއާރމަން އެވޯޑް ފޯރ އެކްސެލެންސީ" އެވޯޑް ލިބުނު މުވައްޒަފަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ޖަލްސާގައި، އެމް.ޑަބްލިއު.އެސް.ސީގެ "ޔުނީކް ޕަރފޯރމާސް އެވޯޑް" ޙާޞިލުކުރި މުވައްޒަފަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.