ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް މަގު ތަނަވަސްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން މުހިންމު ދައުރެއް އަދާކުރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، "ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މަޢުޟޫއަށް އ.ދ.ގެ ޢާންމު މަޖިލީހުގައި މިއަދު ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަޤްރީރު ކުރައްވަމުންނެވެ. މި ބަހުސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުޢިއްޔާ (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އާ ގުޅިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުالله ޝާހިދު އިންތިޒާމު ކުރެއްވި ބަހުސްއެކެވެ.

ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރި ނޭދެވޭ އަސަރުތައް ބަޔާންކުރައްވަމުން ޤައުމުގެ ޖީ.ޑީ.ޕީ.ގެ 60 އިންސައްތަ ދަށަށް ދިޔައިރު، 4.6 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން ޤާއިމުކުރެވިފައިވާ ގޮތަށް އަލިއަޅުވާލައްވަމުން އެއީ އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރާއްޖޭގެ ބޮޑުމިނާއި އޮންނަ ސަރަޙައްދާއި އަދި ތަރައްޤީއަށް ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުވީ ފަހުން ފަންސާސް އަހަރު ވީއިރު،ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީ.ޑީ.ޕީގެ 45 އިންސައްތަ ޙިއްޞާކުރާ އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އައުމުގެ މައިގަނޑު ބާރަކަށް ވެގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޭގެ ފަހުން ބޯޑަރު އަލުން ކާމިޔާބުކަމާއެކު ހުޅުވާލެވި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ފުރުޞަތު ލިބި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވުމުގެ މަގުމަތީގައިވާކަން ފާހަގަކުރައްވާފައެވެ. އަދި 2021 ވަނަ އަހަރު އަމާޒުހިފި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ 30 އިންސައްތަ އިތުރަށް ހާޞިލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މިކަމުގައި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ޤާނޫނެއް މި ސަރުކާރުން ވުޖޫދަށް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ލިބިދީފައިވާކަމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އޭގެ ފައިދާ ލިބޭގޮތަށް ޓޫރިޒަމް ސިނާޢަތުގެ ސަރވިސް ޗާޖްގެ ގޮތުގައި 10 އިންސައްތަ ނަގަންޖެހޭގޮތަށް ޤާނޫނެއް ވުޖޫދަށް ގެނެސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޘަޤާފަތާއި ތަރިކަ އާއި، ޖަޒީރާ ވަންތަ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކުރުމުގެ ފުރުޞަތު ފަތުރުވެރިންނަށް ތަނަވަސްވާނެހެން ފަތުރުވެރިކަން ރަށްތަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ޚާއްޞަކޮށް މި ސިނާޢަތުގައި އަންހެނުންނާއި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރަން ކުރަމުން އަންނަ ކަންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭނަކީ، ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުންދޭ އަހަންމިއްޔަތު ފެނިގެންދާނެ ޕްލޭނެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ކޯވިޑް-19އިން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ފަތުރުވެރިކަމަކީ މައިގަނޑު ދައުރެއް އަދާކުރެވިދާނެ ކަމެއްކަން ފާހަގަކުރައްވައި މެންބަރު ޤައުމުތަކާއި އެހެނިހެން ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވަމުންނެވެ.