ދައުލަތަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ ބ. ކުޑަރިކިލު ނޫރާނީމާގެ މުޙައްމަދު ޖަލީލް މިއަދުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޯނުން ގުޅުއްވައި ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މުޙައްމަދު ޖަލީލަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި ސަރުކާރުގެ ވަރަށް މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ވަރަށް ޚިދުމަތްތެރި ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މަރްޙޫމް މުޙައްމަދު ޖަލީލަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރުކަމާއި، ބ. އަތޮޅު އެޓަރނީ ޖެނެރަލްގެ އެހީތެރިޔާކަމާ، ކުޑަރިކިލު ކޯޓުގެ ޤާޟީކަމާއި، އެޓޯލްސް މިނިސްޓްރީގެ ގިނަ މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މީގެ ތެރޭގައި އެޓޯލްސް މިނިސްޓްރީގެ ސީނިއަރ އަންޑަރ ސެކްރެޓަރީގެ މަޤާމާއި، ވަކީލެއްގެ މަޤާމާއި، ޑިރެކްޓަރެއްގެ މަޤާމާއި، ސީނިއަރ އިންވެސްޓިގޭޓަރެއްގެ މަޤާމާއި، އިންވެސްޓިގޭޓަރެއްގެ މަޤާމު ހިމެނެއެވެ.

މީގެ އިތުރުން ވެސް މަރްޙޫމް މުޙައްމަދު ޖަލީލް ވަނީ 26 ފަހަރެއްގެ މަތިން 13 އަތޮޅެއްގެ އަތޮޅު އޮފީސް ހިންގަވާފައެވެ. މީގެ ތެރޭގައި ހއ. އަތޮޅު އޮފީހާއި، ހދ. އަތޮޅު އޮފީހާއި، ށ. އަތޮޅު އޮފީހާއި، ޅ. އަތޮޅު އޮފީހާއި، ކ. އަތޮޅު އޮފީހާއި، އއ. އަތޮޅު އޮފީހާއި، އދ. އަތޮޅު އޮފީހާއި، ފ. އަތޮޅު އޮފީހާއި، ތ. އަތޮޅު އޮފީހާއި، ލ. އަތޮޅު އޮފީހާއި، ގއ. އަތޮޅު އޮފީހާއި، ގދ. އަތޮޅު އޮފީހާއި، ޏ. އަތޮޅު އޮފީސް ހިމެނެއެވެ.

މަރްޙޫމް މުޙައްމަދު ޖަލީލް އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ.