بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
އައްޑޫސިޓީގެ މޭޔަރ، ސިޓީ ކައުންސިލްގެ މެންބަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީއަށް ނިސްބަތްވާ މެންބަރުން އަދި ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން އަދި އައްޑޫ ސިޓީގެ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، އައްޑޫ ސިޓީ ރައްޔިތުންގެ މާހެފުމަށް ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރުޙަބާ ކިޔަން. އަދި ދުވަސްތަކަކަށްފަހު އަޅުގަނޑު މި ސިޓީއަށް އިއްޔެ އައުމުން، މި ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ކީ ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑާއި އަޅުގަނޑުގެ ޑެލިގޭޝަންގެ ހުރިހާ ބޭފުޅުންގެ ފަރާތުން ޝުކުރު ދަންނަވަން.
އާދެ، ޙަޤީޤަތުގައިވެސް އައްޑޫ ސިޓީއަށް އައުން އަޅުގަނޑަށް ލަސްވެއްޖެ. އަޅުގަނޑަށް އެންމެފަހުން އައްޑޫ ސިޓީގެ ހިތަދުއަށް އާދެވުނީ، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ ހަމަ މި ދުވަހު. މާރިޗު 27 ވަނަ ދުވަހު. މިއަދު އިއްތިފާޤުން އަނެއްކާވެސް މާރިޗު މަހުގެ 27 ވަނަ ދުވަހު އަޅުގަނޑަށް މި ހުރެވުނީ އައްޑޫސިޓީގެ ހިތަދޫގައި.
އާދެ، އަޅުގަނޑުމެންނަށް ތިން އަހަރު މެދުކެނޑިގެން މިދިޔައީ. އެހެންނަމަވެސް، އޭގެ ތެރެއިން އަޅުގަނޑުމެންނާ ކުރިމަތިވި ދެ އަހަރު، ކޯވިޑުގެ ޢާލަމީ ވަބާއާހެދި ހުރިހާ ދަތުރުފަތުރަކާއި ކަންތައްތައް ހުއްޓުމަކަށް އައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި މިއަދު އަޅުގަނޑާ ބައްދަލުވި ގިނަ ބޭފުޅުންވެސް އަޅުގަނޑުގެ ކައިރިން އެދުނު އެދުމާ އެއްގޮތަށް މި ސިޓީއަށް ގިނަގިނައިން އާދެވޭތޯ އަޅުގަނޑު ބަލާނަން.
އަޅުގަނޑުމެން، ހަމަގައިމުވެސް އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް، އައްޑޫ ސިޓީ ތަރައްޤީނުވެ، ރާއްޖެ ތަރައްޤީއެއް ނުވާނެއޭ. މިއީ ޙަޤީޤަތެއް. މި ޙަޤީޤަތުގެ މައްޗަށް ބުރަވެ މި ސަރުކާރުން މި ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް މިގެންދަނީ. ރާއްޖެ ތަރައްޤީ ކުރުމުގައި، މިވޭތުވެދިޔަ ތަނުގައި މި ސިޓީގެ ވަރަށްގިނަ ބައެއްގެ ޙިއްޞާއާއި އެހީތެރިކަން ލިބިފައި އެބައޮތް. އެއީ، ތަޢުލީމީ ދާއިރާ ކަމަށްވިޔަސް، ޞިއްޙީ ދާއިރާ ކަމަށްވިޔަސް، ވިޔަފާރީގެ ދާއިރާ ކަމަށްވިޔަސް، ކޮންސްޓްރަކްޝަންގެ ދާއިރާ ކަމަށްވިޔަސް، އެންމެ އިސް ސަފުގައި މި ރާއްޖެ ތަރައްޤީ ކުރުމުގައި ތިއްބެވި އެއްބަޔަކީ، އައްޑޫސިޓީއަށް ނިސްބަތްވާ މި ސިޓީގެ ލޮބުވެތި ދަރިން. އެހެންކަމުން، އަޅުގަނޑުމެން ރާއްޖެ ތަރައްޤީކުރާއިރުގައި، ކުރިންވެސް ދެންނެވި ފަދައިން، މި ސިޓީ އެބަޖެހޭ ތަރައްޤީވާން.
އާދެ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެންމެފަހު ޖަލްސާ، އަޅުގަނޑުގެ ކެމްޕެއިންގެ އެންމެފަހު ޖަލްސާ ބޭއްވީ މި ރަށުގައި. އެރޭގެ ބައްދަލުވުމަށް އަޅުގަނޑު އައުމާއެކީގައި، މި ސިޓީގެ ކައުންސިލްގެ ފަރާތުން އަޅުގަނޑަށް ދެއްވީ އައްޑޫ ސިޓީގެ ވަޢުދުނާމާ. މި ސިޓީ ތަރައްޤީ ކުރާނެގޮތް، އެބޭފުޅުން މި ސިޓީގެ ރައްޔިތުންނާ އެކީގައި މަޝްވަރާކޮށް ތައްޔާރުކޮށްފައި އޮތް ފޮތެއް. އަޅުގަނޑު އެރޭވެސް ދެންނެވިން، އަޅުގަނޑުމެން ވެރިކަމަށް އިރާދަކުރެއްވިއްޔާ އާދެވިއްޖިއްޔާ، ރާއްޖެ ތަރައްޤީ ކުރަމުންދާއިރުގައި، މި ސިޓީ އަޅުގަނޑުމެން ތަރައްޤީ ކުރަމުން ގެންދާނީ، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި ވަޢުދުނާމާއާ އެއްގޮތަށޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ތިޔަބޭފުޅުން އެ އެކުލަވައިލި ވަޢުދުނާމާ ތަންފީޛު ކުރުމަށް.
އޭގެތެރޭގައި ހުރި، މި ސިޓީއަށް ބޭނުންވެފައި ހުރި ބޮޑެތި ކަންތައްތަކުގެ ވާހަކަ. ސިޓީގެ މަގު ހެދުމުގެ ވާހަކަ އޮތް. ބޯހިޔާވަހިކަމުގެ ވާހަކަ އޮތް. ވަޒީފާ ލިބުން ދަތިވެފައި އޮތް މިންވަރު ފާހަގަކޮށްފައި އޮތް. އިޤްތިޞާދީ ޙާލަތު ފާހަގަކޮށްފައި އޮތް. ބަނދަރުގެ ވާހަކަ އޮތް. މިހެންގޮސް މި ސިޓީގައި ޙައްލުކުރަން ބޭނުންވެފައިވާ އެތައް ކަމެއްގެ ވާހަކަ، އެ ވަޢުދުނާމާގައި އޮތް. އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް އޭގެ މަސައްކަތްތަކެއް ފަށައިގަނެވިއްޖެ. ކޮންމެ ބަޔަކުވެސް އެދޭނީ، ކޮންމެ ރަށެއްގެ ބަޔަކުވެސް އެދެނީ، އެ ރަށެއްގެ ތަރައްޤީއަށްޓަކައި ކުރަންހުރި މަސައްކަތްތައް އެންމެ އަވަހަށް ކުރުމަށް. ލިސްޓުގެ އެންމެ ކުރިއަށް ދިޔުމަށް.
އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިއިރުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އަދި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހިފައި ހުރި ވަރަށްގިނަ ކަންތައްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި. އެންމެކުޑަމިނުން ބޯފެނާއި، ނަރުދަމާގެ ނިޒާމު ނެތް އެތައް ރަށެއް ހުރި. ކަރަންޓް ރަނގަޅަށް ނުލިބޭ ރަށްރަށް ހުރި. ޞިއްޙީ ޚިދުމަތް ނުލިބޭ ރަށްރަށް ހުރި. ތަޢުލީމީ ނިޒާމު ރަނގަޅަށް ނެތް ރަށްރަށް ހުރި. އަދި އިޖުތިމާޢީ އެތައް މައްސަލަތަކެއް ފުނިޖެހިފައި ހުރި ކިތަންމެ ރަށެއް ހުރި. މިކަހަލަ އަސާސީ ކުދިކުދި ޚިދުމަތްތައް ނުލިބިހުރި ބައިވަރު ރަށްރަށް ހުރި.
އެހެންވީމާ، އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ފެށިގެން އައއިރުގައި، ބައެއް ކަންތައްތައް ހުންނާނެ، އެ ދާއިރާތަކަށް އިސްކަންދީފައި. އެހެންނަމަވެސް، އާބާދީގެ ދެވަނައަށް އެންމެބޮޑު އަތޮޅު، ނޫނީވިއްޔާ ސިޓީ ކަމަށްވާ އައްޑޫގެ މައްޗަކުން އަޅުގަނޑެއް ހަނދާންނައްތައެއްނުލަން. މި ރަށަށް ނާދެވުނަސް، މި ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، ކުރަންހުރި ކަންތައްތައް އަޅުގަނޑު ދިޔައީ ގާތުން ބަލަމުން. ކުރީގެ ސިޓީ ކައުންސިލާއި، މިހާރުގެ ސިޓީ ކައުންސިލާއި އަދި މި ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، މި ދާއިރާއާ ދޭތެރޭގައި ވަރަށް ގާތުން ވަރަށް ފުންކޮށް ވިސްނައި މަސައްކަތް ކުރައްވާ ބައެއް. އަޅުގަނޑު އެކަމަށްޓަކައި ކުރީގެ ކައުންސިލަށާއި، މިހާރުގެ ކައުންސިލަށާއި، ރައްޔިތުންގެ މަޖިލީހުގައި މި ދާއިރާ ތަމްސީލު ކުރައްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން.
ދާއިރާގައި ނުކުރެވިހުރި ކަންތައްތައް އަޅުގަނޑުމެންނާ ޙިއްޞާ ކުރަމުން އަބަދުވެސް ގެންދޭ. ދުވަހުން ދުވަހަށް ކަންތައްތައް ބައްލަވަމުން ގެންދެވި. އާދެ، މިއަދު އަޅުގަނޑުމެން މިކުރާ ދަތުރުގައި، މި ރަށުގައި ބިޔަ ބޮޑެތި މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެން އެދަނީ. ބޭނުންވެފައި އޮތް މަގު ހެދުން އިރާދަކުރެއްވިއްޔާ މިއަދު ޢަމަލީގޮތުން ފެށިގެން އެދިޔައީ. އަޅުގަނޑުމެންނަށް އެބައޮތް، އަދި މި މަޝްރޫޢު ފެށިގެން ކުރިއަށް ގެންދާއިރުގައި، އިތުރަށް މަގުހަދަން ބޭނުންވާ ބައެއް އިތުރުކުރުމަށް އެދިފައި. އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާނަން. ވިސްނައި، މި މަޝްރޫޢު ކުރިއަށްދާއިރުގައި އެކަމަށް ގެނެވޭނެ ޙައްލަކީ ކޮބައިތޯ ބަލައި، އެކަން އަޅުގަނޑު ކުރިއަށް ގެންދާނަން.
އާދެ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ، މި ސިޓީއަށާއި މި ދާއިރާއަށް، ދެކުނަށް ވަރަށް މުހިންމު ޕޯޓެއް. އައްޑޫ ސިޓީއަށް ނިސްބަތްވާ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ފުރިހަމަ ޔަޤީންކަން މިއަދުގެ ބައްދަލުވުމުގައި އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރ އެވަނީ ދެއްވާފައި. ލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ، ބިޑް ކުރެވި، އޭގެ ޢަމަލީ މަސައްކަތް އައްޑޫގައި، ގަމުގައި ފެށިގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް އަރުވަން.
ބިން ހިއްކުން އެއީ އައްޑޫ ސިޓީގެ ވަޢުދުނާމާގައި އޮތް ކަމެއް. އެ ވަޢުދުނާމާ ތަންފީޛު ކުރަމުންދާއިރުގައި، އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން. މިއަދު މިވަނީ އޭގެ ޢަމަލީ މަސައްކަތް ކުރުމަށްޓަކައި ބަޔަކާ ޙަވާލުކުރެވިފައި. އަޅުގަނޑަށް އެނގޭ، އޭގައި ތިމާވެށްޓާބެހޭ މައްސަލަތަކެއް، ކަންބޮޑުވުންތަކެއް ހުރިކަން ބައެއް ފަރާތްތަކުގެ. ތަރައްޤީގެ ކޮންމެ މަޝްރޫޢެއްގައި، ތިމާވެށްޓާ ގުޅުންހުރި މިފަދަ މައްސަލަތަކެއް ހުރޭ. އެހެންވެ އީ.އައި.އޭ.އެއް މި ހަދަނީ. އެއަށްފަހުގައި، ތިމާވެށްޓަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަން ޙައްލުކޮށް، އެއަށް އެންމެ ކުޑަވާނެ ގޮތަކަށް ބަލައިގެން، އެފަދަ މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ.
އައްޑޫ ސިޓީގައި ބިން ހިއްކުމުގެ މައްސަލަވެސް އަޅުގަނޑުމެން ގެންދާނީ އެގޮތަށް. މިހާރު އީ.އައި.އޭ.ގެ ކޮންސަލްޓަންސީގެ ބައްދަލުވުންތަކެއް، މާރިޗު 9 ވަނަ ދުވަހު ބޭއްވި، އެންމެފަހުގެ ހުށަހެޅުންތައް އީ.ޕީ.އޭ. އަށް ހުށަހަޅައި، ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ލަސްތަކެއްނުވެ އެ އެޕްރޫވަލް އަޅުގަނޑުމެންނަށް ލިބިގެންދާނެ. އެއާއެކުގައި ޢަމަލީ މަސައްކަތް އަޅުގަނޑުމެން ފަށައިގެން ކުރިއަށް ގެންދާނީ، މިޓިގޭޝަން މެޝަރސްތައް އޭގައި ހުރިގޮތަށް އަޅައިގެން. އިރާދަކުރެއްވިއްޔާ، އައްޑޫ ސިޓީގެ ބިން ހިއްކުމަށް އަޅުގަނޑުމެން ވެފައި އެ އޮތް ވަޢުދު އެގޮތަށް ނިމިގެންދާނެ.
ބިން ހިއްކަމުންދާއިރުގައި، ޓޫރިޒަމް ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެންވީ ވަޢުދާ އެއްގޮތަށް، މި ތަނުގައި 5 ރަށް ހިކިގެންދާނެ. އެކަން ވެގެންދާނީ، މި ސަރަޙައްދަށް ޓޫރިޒަމް ގެނައުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށް. މިހާތަނަށް އައިއިރުގައި، މި ދަތިހާލާ އެކީގައި، އިޤްތިޞާދަށް ކުރިމަތިވި ދަތިހާލާ އެކީގައި، އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި
މިހާތަނަށް އަޅުގަނޑުމެން 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފިން. މިއީ މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި މިވޭތުވެދިޔަ 3 އަހަރު ބަޖެޓުން ކުރި ޚަރަދުގެ ބޮޑު ބައެއް. އެއީ އެކަންވާންވެސްޖެހޭނެ ގޮތް. އައްޑޫ ސިޓީގައި ކުރަން ޖެހިފައި ހުރި މަސައްކަތްތައް ގިނަ. އައްޑޫ ސިޓީ ބޭނުންވާ ޚިދުމަތްތައް ބައިވަރު އެބަހުރި. މި ކަންތައްތައް ކުރެވޭނީ، އަޅުގަނޑު މި ދެންނެވި ގޮތަށް، މި ޚަރަދުތައް ކޮށްގެން. މިއީ ބޭކާރު ޚަރަދެއް ނޫން. އަޅުގަނޑު ހިތުން މީގެ ފައިދާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނެ.
ޒުވާނުންގެ އެންމެބޮޑު ކަންބޮޑުވުމަކަށް އަޅުގަނޑުމެންނަށް ފެނިފައި މިއޮތީ ވަޒީފާގެ މައްސަލަ. ރަށްރަށުގަޔާއި ސިޓީތަކުގައި ވަޒީފާތައް އިތުރުކުރެވޭނީ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ޚިދުމަތްތަކާއި ވަސީލަތްތައް ލާމަރުކަޒު ކުރެވިގެން. ލާމަރުކަޒީ ޤާނޫނަށް މި ގެނެވުނު ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ އެއީ. އެ ބަޔަކު ދިރިއުޅޭ ތަނެއްގައި ދިރިއުޅެވި، ވަޒީފާ އަދާކުރެވި، ޢާއިލާއާ އެކުގައި ދުވަސްތައް ހޭދަކުރެވުން. އެގޮތުން، ލާމަރުކަޒީ ޤާނޫނާ އެއްގޮތަށް ވަސީލަތްތަކާއި ޚިދުމަތްތައް އަޅުގަނޑުމެން މިދަނީ ލާމަރުކަޒު ކުރަމުން. ޤާނޫނު ތަންފީޛު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. އިޤްތިޞާދީ އެކިއެކި ޙަރަކާތްތައް އައްޑޫ ސިޓީގައި ހިންގުމަށްޓަކައި މި ދެންނެވިހެން. މި ހިއްކާ ބިމާއި، މި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ކޮމާޝަލް ސީ ޕޯޓާއި އަދި އައްޑޫ ސިޓީގައި މި ހަދާ ބަނދަރުތަކާ ގުޅިގެން، އެއީ ހިތަދުއާއި، މަރަދުއާއި، މަރަދޫފޭދުއާއި، ހުޅުދުއާއި މީދުއާއި އަދި ފޭދޫގައި މި ތަރައްޤީކުރާ ބަނދަރުތަކުގެ ސަބަބުން އަޅުގަނޑު ދަންނަވާނީ އިތުރު ވަޒީފާތައް އުފެދި، މި ސަރަޙައްދުގައި، މި ސިޓީގައި އިޤްތިޞާދީ ބައިވަރު ޙަރަކާތްތައް އިތުރުވެގެންދާނެއޭ. މިއަދުވެސް އަޅުގަނޑުމެން އޭގެތެރެއިން ދެ ބަނދަރެއް ހުޅުވައިފިން. އަދި މާދަމާވެސް އެބައޮތް. އަދި މިހާތަނަށް ނުފެށި މިއޮތް ފޭދޫ ބަނދަރު އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އަޅުގަނޑުމެން ފަށައިގެން ކުރިއަށް ގެންދާނަން.
ވަޒީފާގެ އޮތް ދަތިކަން ޙައްލުކުރުމަށްޓަކައި މި ސަރަޙައްދުގައި މިއޮތް ހެރެތެރެއާއި ޝަންގްރިލާ އެބަޖެހޭ ހުޅުވެން. އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން. ހެރެތެރޭގެ އެއްބައި މިހާރު ހުޅުވި، އެބަ އޮޕަރޭޓް ކުރަމުން ގެންދޭ. ޝަންގްރިލާ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވަރަށްދަތި މައްސަލަތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވޭ. ސަރުކާރުގެ 30 ޕަސެންޓް އަދި އެހެން ބައެއްގެ 70 ޕަސެންޓާ އެކީގައި ކޮށްފައި އޮތް އިންވެސްޓްމަންޓެއް އެއީ. އޭގެ މާދިގު ތަފްޞީލަކަށް އަޅުގަނޑު ނުދިޔަ ނަމަވެސް، އަޅުގަނޑު ދަންނަވާނީ އެކަމަށް ޙައްލެއް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށް، އިރާދަކުރެއްވިއްޔާ، ޝަންގްރިލާވެސް އޮޕަރޭޝަނަށް ގެނައުމުގެ ކަންތައް ލަސްތަކެއްނުވެ ހަމަޖެހިގެންދާނެ ކަމަށް.
އަދި އޭގެއިތުރުން، އެއަރޕޯޓުގައި "ދޫގަސް" ހުރި ޢިމާރާތުގައި ހޮޓަލެއް އެޅުމަށްޓަކައި އެ ބިން، އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު ދިނުމަށް އަޅުގަނޑުމެން ވަނީ ނިންމާފައި. އެތަނުގައި 120 އެނދުގެ ހޮޓަލެއް، މި އަންނަ އަހަރުގެ މޭ ޖޫންއާ ހިސާބުގައި ހުޅުވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. ފުރިހަމަ ހޮޓަލަކަށް ވެގެންދާނެ. އެތަން ބިނާކުރަނީ، އެތަނުގައި ކޮންވެންޝަންތައް ބޭއްވޭގޮތަށް. އަދި ބޭނުންވާ އިތުރު ވަސީލަތްތަކާ އެކުގައި. އެހެންވީމާ، އެއާއެކީގައި، މި ސިޓީގައި ތިބި ޒުވާނުންނަށް އިތުރު ވަޒީފާތައް ލިބިގެންދާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން.
އާދެ، ޑްރަގްގެ މައްސަލައަކީ، މުޅި ރާއްޖޭގައި ފެތުރިފައި އޮތް ބޮޑު ވަބާއެއް. މި ސިޓީގައިވެސް އެބައޮތް. މިކަން އަޅުގަނޑުމެންގެ ސަމާލުކަމަށް، އަޅުގަނޑުމެން ބޭއްވި ކޮންމެ ބައްދަލުވުމެއްގައި ރައްޔިތުންގެ ފަރާތުން ހުށަހަޅާ. މިކަމަށް ޙައްލެއް ހޯދައިދޭން. އަދި ހަމައެކަނި އައްޑޫ ސިޓީއަކުންނެއް ނޫން. ފުވައްމުލައް ސިޓީއިންވެސް އެ މައްސަލަ އަޅުގަނޑުމެންނާ ހިސާބަށް ގެނައި. އަޅުގަނޑު މިގެންދަނީ، މިދިޔަ މަހު މިކަމަށް ޚާއްޞަ ޓާސްކްފޯސްއެއް އެކުލަވައިލައި، ކޮންމެ ހަފްތާއަކު އެފަރާތްތަކާ ބައްދަލުކޮށް، ވަރަށް ކައިރިން އެކަން ބަލަމުން. އޭގެތެރޭގައި، ޕޮލިހާއި، އެމް.އެން.ޑީ.އެފް.އާއި، ޖެންޑަރ މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީއާއި އަދިވެސް ސަރުކާރުގެ މިކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ހިމެނޭގޮތަށް.
ކޮންމެވެސްވަރަކަށް ތިޔަބޭފުޅުންނަށް ފާހަގަކުރެއްވޭނެ މިހާރު، މާލޭގައި ޙަރަކާތްތަކެއް މިކަމާ އިދިކޮޅަށް ހިނގާތަން. ޑްރަގް ކޮންޓްރޯލް ކުރުމަށްޓަކައި، އެތެރެކުރާ ޑްރަގް ހުއްޓުވުމަށްޓަކައި ފުލުހުންނާއި ސިފައިން އިސްވެ ތިބެ ވަރަށް ރަނގަޅު މަސައްކަތްތަކެއް އެބަ ކުރޭ. ހަމަ އެގޮތަށް، މި ސިޓީގައި ދިމާވެފައި އޮތް މައްސަލަ ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކަމެއް ހުއްޓައެއްނުލާނަން، ރަނގަޅު ޙައްލެއް މިކަމަށް ނުގެނެހެއް. ހަމައެއާއެކީގައި، މާލެއާއި އެކި ސަރަޙައްދުތަކުގައި މިއޮތް ކުށްކުރާ ޑްރަގް ގޭންގްތައް، މިއީ ގުޅިފައި އޮތް ދެ ކަންތައް. ގޭންގްތައް ކޮންޓްރޯލްކޮށް ޙައްލުކުރުމަށްޓަކައިވެސް މަސައްކަތްތަކެއް އަޅުގަނޑުމެން އެބަ ކުރަން. ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކަމުގައި ޙައްލު ހޯދައިދޭނަން.
އާދެ، މިއަދު އައްޑޫ ސިޓީ ހުޅުމީދޫގައި އެވަނީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރެއް ހުޅުވިފައި. މިއީ މާލެއަތޮޅުން ބޭރުގައި ހުޅުވުނު މީގެ ފުރަތަމަ ސެންޓަރު. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ޑްރަގުގެ މަސްތުގައި ޖެހިފައި ތިބި ޒުވާނުންނާއި، އަދި ދުވަސްވީ މީހުންވެސް މިހާރު އެބައުޅޭ. މިފަރާތްތަކަށް ރަނގަޅު ޓްރީޓްމަންޓެއް ދެވޭނީ މި ޚިދުމަތްވެސް ލާމަރުކަޒުކޮށްގެން. ހަމައެކަނި މާލެ ކައިރީގައި ސެންޓަރެއް ހަދައިގެން، އެ ޚިދުމަތްދޭން އުޅެގެންނެއް މިކަމެއް ނުވާނެ. މިއީ އަޅުގަނޑުމެންނަށް ސަރވޭތަކުން، ދިރާސާތަކުން ފެނިފައި އޮތް ކަމެއް. އޭގެ އަލީގައި އައްޑޫ ސިޓީގައި ފުރަތަމަ މީގެ ޓްރީޓްމަންޓް ސެންޓަރު އަޅުގަނޑުމެން މި ހުޅުވީ. އިރާދަކުރެއްވިއްޔާ، މި ސިޓީއާއި، މި ހިސާބުގެ، ދެކުނުގެ އޮތް ޑްރަގްގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި މިތަނުން މަސައްކަތްތަކެއް ކުރެވިގެންދާނެ. ހަމައެއާއެކު، އެތަނުން ރީހެބިލިޓޭޝަން ޓްރީޓްމަންޓް ދެވިގެން ނުކުންނަ ފަރާތްތައް މުޖުތަމަޢަށް ނެރުމުގެ ކުރިން، އެފަރާތްތަކަށް އިތުރު ޓްރޭނިންގތަކެއް ދިނުމަށްޓަކައި، އެފަދަ ތަނަކަށް، ހުޅުދޫ ސްކޫލް އަޅުގަނޑުމެން އެބަ ބަދަލުކުރަން.
އެއާއެކުގައި، އަޅުގަނޑުމެން މި ދެންނެވި ޓްރީޓްމަންޓް ސެންޓަރުން ކުދިން މުޖުތަމަޢަށް ނެރޭނީ، ޑްރަގްގެ ވަބާއިން އެކުދިން ސަލާމަތްކުރުމަށްފަހުގައި، މުޖުތަމަޢުގައި މަސައްކަތެއް ކޮށްގެން އުޅެވޭ ކޮންމެވެސްކަހަލަ ޓްރޭނިންގއެއް ދިނުމަށްފަހު. އިރާދަކުރެއްވިއްޔާ މިއީވެސް މި ސިޓީގައި އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމެއް.
މި ސިޓީގެ ކަރަންޓުގެ މައްސަލައަކީ، މީގެކުރިން އަޅުގަނޑު އަންނަ ކޮންމެ ފަހަރަކު ހުށަހަޅާ އެއް މައްސަލަ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިއަދު އެވަނީ އެކަމަށް ޙައްލެއް ގެނައުމަށްޓަކައި މަސައްކަތް ފަށާފައި. މިއަދު ބިމުގެ މަސައްކަތް އެ ފެށީ. އަޅުގަނޑަށް ފެނަކައިގެ އެމް.ޑީ. ޔަޤީންކަން ދެއްވި، ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި، 41 މެގަވޮޓުގެ ކެޕޭސިޓީއާ އެކުގައި، އާ އިންޖީނުގެއެއް، ސެންޓްރަލް އިންޖީނުގެއެއް އަޅައި، މުޅި ނެޓްވަރކް، މުޅި ސިޓީގެ ނެޓްވަރކް ބަދަލުކޮށްދޭނެ ކަމަށް.
އަޅުގަނޑުގެ މިދިޔަ ދެ ދުވަހުގެ ބައްދަލުވުންތަކުގައި، މި ރަށުގެ ނަރުދަމާ ކަނެކްޝަންގެ އިޝޫ ކުރިމަތިކުރި. ގޭގެޔަށް ގުޅުމުގައި ހުރި ދަތިތައް ފާހަގަކޮށް، އެކަންތައް ޙިއްޞާކުރި. ފެނަކައިން މިއަދު ވަނީ އެ މަސައްކަތާ ޙަވާލުވެފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިހާރުހުރި ދަތިތައް ޙައްލުކޮށް، ނުގުޅި ހުރި ގޭގެޔަށް ލަސްތަކެއްނުވެ، އެ ޚިދުމަތް ދިނުމަށް، ފެނަކައިގެ ފަރާތުން އެ ކަނެކްޝަން ގުޅައިދޭނެ.
އާދެ، ތަރައްޤީގެ މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންދާއިރުގައި، އަބަދުވެސް ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާގޮތް ދެނެގަނެ، ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނަން. މިއަދު މަރަދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް އޭގެ ބައެއް ޚިޔާލުތައް އައި. މަރަދޫ ހިއްކައި، ބިން ބޭނުންކުރުމުގައި، ޒުވާނުން ބޭނުންވާ ކަންތައްތަކެއް ހުށަހެޅިގެންދިޔައީ. އަޅުގަނޑުމެން އެ ކަންތައްތައް ބަލައިގަނެ، އެ ގެންނަންޖެހޭ ބަދަލެއް ގެނެވެން އޮތްތޯ ބަލައި، އިރާދަކުރެއްވިއްޔާ، އެ ޒުވާނުންގެ އެ ބޭނުމާ އެއްގޮތަށް، އެ ބޭނުންވާ ކަންތައްތައް އެތަނުގައި ފަހިކޮށްދޭނަން.
އޭ.އީ.އެޗް. އައްޑޫ އީކްއެޓޯރިއަލް ހޮސްޕިޓަލަކީ، މި ސިޓީގެ އަދި ދެކުނުގެ ރައްޔިތުންގެ ޞިއްޙީ ޚިދުމަތްތަކަށް ވަރަށްބޮޑު އުންމީދެއް ކުރަމުން އަންނަ ތަނެއް. މިހާތަނަށް އަޅުގަނޑުމެން އެ ބޭނުންވާ އެންމެ ރަނގަޅު ޚިދުމަތްތައް އެތަނުން އަދިއެއް ނުލިބޭ. ބައިވަރު ސަބަބުތައް އެބަހުރި އޭގައި. ތަން އެހެރީ އެންމެ މިޒަމާނީ ފެންވަރަށް ހަދައި އަދި އައި.ޖީ.އެމް.އެޗް.ގައި ނެތްވަރުގެ އިކްވިޕްމަންޓް އެތަނުގައި ބެހެއްޓިފައި. އެހެން ނަމަވެސް، އެހެން ދަތިތަކަކާހުރެ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް އެތަނަކުންނެއް ލިބޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. ޝަކުވާތައް އާދޭ އަޅުގަނޑާ ހިސާބަށް. ރޭގައި ސިޓީ ކައުންސިލާ އެކީގައި އަޅުގަނޑުމެން ބައްދަލުވުމެއް ބޭއްވިން. އޭގައި ރައްޔިތުންގެ ފަރާތުން ހުރި ޝަކުވާތައް އަޅުގަނޑުމެންނާ ހިސާބަށް އައި. އަދި ރައްޔިތުންނާ ބައްދަލުވާ ކޮންމެ ފަހަރަކު ރައްޔިތުންގެ ފަރާތުންވެސް އެ ޝަކުވާތައް އާދޭ. ބޭނުންވާ ކަންތައްތައް.
މިއަދު އަޅުގަނޑު ބައްދަލުކުރިން، އެ ހޮސްޕިޓަލްގެ އިސްވެރިންނާ. އެބޭފުޅުންނަށް ކުރިމަތިވެފައި ހުރި ކަންތައްތަކުގެ ވާހަކަ މިއަދު އެބޭފުޅުން ޙިއްޞާކުރި. ބަޖެޓުގެ ދަތިކަމުގެ ވާހަކަ. ޑޮކްޓަރުން މަދު ވާހަކަ. ނަރުހުން މަދު ވާހަކަ. އެމްބިއުލެންސްގެ ދަތިކަމުގެ ވާހަކަ. މިހެންގޮސް، އެބޭފުޅުންނަށް ޚިދުމަތް ދިނުމުގައި ކުރިމަތިވެފައި ހުރި ދަތިތައް އަޅުގަނޑާ ޙިއްޞާކުރި. އޭގެތެރެއިން މިހާރުން މިހާރަށް އެބޭފުޅުން އެ އެދިވަޑައިގެންނެވި ގޮތަށް، ޑޮކްޓަރުންނާއި ނަރުހުން އިތުރުކޮށްދިނުމަށްޓަކައި އަޅުގަނޑު ވާނީ ނިންމާފައި. މި ހަފްތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ހޮސްޕިޓަލްގެ މެނޭޖްމަންޓް، ޚިދުމަތް ދޭން އެ ތިއްބެވި މެނޭޖްމަންޓުން އެ އެދިވަޑައިގެންނެވި ގޮތަށް، ބޭނުންވާވަރަށް ޑޮކްޓަރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރުކޮށްދޭނަން. ނަރުހުން އިތުރުކޮށްދޭނަން. އެމްބިއުލެންސްގެ ދަތިކަން ޙައްލުކޮށްދޭނަން. އެއަށްފަހުގައި އަޅުގަނޑުމެން ދެން ބަލަމާ ހިނގާ އެތަނުގެ ޚިދުމަތަށްވާގޮތެއް. ދެންވެސް ބަދަލުކުރަންޖެހޭ ކަމެއް އޮވެއްޖިއްޔާ، އަޅުގަނޑުމެން ކޮށް، ރައްޔިތުންނަށް އެ ބޭނުންވާ ޚިދުމަތް އެތަނުން ފުރިހަމައަށް ލިބޭނެގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން.
އާދެ، ފޭދޫ ސްކޫލަށް އަޅުގަނޑުމެން ހަވީރު މިއަދު ދިޔައިން. ވަރަށް ހިތްގައިމު މަންޒަރެއް. ދަރިވަރުންނާއި ޓީޗަރުންނާ އެކީގައި އަޅުގަނޑުމެން ހޭދަކުރިން. ފޭދޫ ސްކޫލް އިތުރަށް ތަރައްޤީ ކުރެވޭކަށެއް ނެތް. މިހާރު ހުރި ތަން. އަޅުގަނޑުމެން އެހެންވެ މިއަދު މި ނިންމީ، ފޭދޫގައި އާ ސްކޫލެއް އަޅައިދިނުމަށް. މިހާރު ހުރި ސްކޫލްގެ ބަދަލުގައި. މި އަހަރުގެ ބަޖެޓަކު ނެތް. އެހެން ނަމަވެސް، ކުރިއަށް އޮތް ތަނުގައި، މި އަންނަ އަހަރަށް އަޅުގަނޑު ނިހާދަށް ދަންނަވާނަން، އެކަން ބަޖެޓުގައި ހިމެނުމަށް. އިރާދަކުރެއްވިއްޔާ އެކަން ކުރިއަށްދާނެ.
އާދެ، ވަރަށްގިނަ ވާހަކަ ދެއްކިއްޖެ. މިގޮތަށް އެހާ ދުވަސްކޮށްފައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުވީމާ ދައްކަން ހުރި ވާހަކަ އަދިވެސް އެބަހުރި. އެހެން ނަމަވެސް، މިރެޔަށް އަޅުގަނޑު އިހަށް މެދުކަނޑާލާނަން. ރަމަޟާން މަހުގެ ހެޔޮއެދުންތައް، ތިޔަ ހުރިހާ ބޭފުޅުންނަށް ފޮނުވަމުން، މާހެފުމާއިގެން ކުރިއަށް ދިޔުމަށް އަޅުގަނޑު ދަޢުވަތު އަރުވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ ވަޑައިގެންދެއްވީތީ.