ރައީސުލްޖުމްހޫރިއްޔާ ވަޢުދުތައް ވެވަޑައިގެންނެވީ، ރައްޔިތުންނާމެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބި ސާބިތުކޮށްދެއްވުމަށްކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދޫ އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގެ ބިންހިއްކުމާއި، ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ސަރުކާރުގެ ޅަފަތުގައި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ގޮންޖެހުންތަކާ އެކުގައިވެސް، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކުގެ އިތުރަށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް، އަދި ކުރިއަށް އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނޭ މަޝްރޫޢުތައް، ޙިކުމަތްތެރިކަމާއި، ދުރުވިސްނުންފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ތަންފީޒުކުރައްވަމުންގެންދެވިކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
އަދި ދުނިޔޭގައި ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައިވެސް، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް ކުރާ އަސަރުތައް ރައްޔިތުންނަށް އިހުސާސްވާ މިންވަރު ކުޑަކުރެއްވުމަށްވެސް، އިޚުލާސްތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅުކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުތަކުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރާ ދައުރުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކުރީ ސަރުކާރުން އޭރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި އިރު އޮތީ، އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ޕާޓީއެއްގެ އަޣުލަބިއްޔަތު އޮތް މަޖިލީހެއްކަން ހަނދާންކޮށްދެއްވައި، އެ މަޖިލީހުން، އެ ސަރުކާރުން އެދުނު ބަޖެޓު ފާސްކޮށްދީ، އެ މަޖިލީހުގެ މެންބަރުންގެ ތަހުޒީބުކަން ދައްކުވައިދިންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ފަރެސްމާތޮޑާގެ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތްވެސް ފައްޓަވައިދެއްވާފައެވެ.