ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ މިއަދު 70 އަހަރު ފުރުމުގެ މުނާސަބަތުގައި، ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރަމުން، އެ ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަމެވެ. އެ ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކުރައްވައިފައިވާ ބޭފުޅުންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ހެޔޮ ރަޙްމަތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި މި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ، ސްކައުޓް އެސޯސިއޭޝަންގެ އެންމެހައި ވެރިންނަށާއި، ހިންގުންތެރިންނަށާއި، ރާއްޖޭގެ ހުރިހާ ސްކައުޓުންނަށާއި، ސްކައުޓް އާއިލާއަށް އަޅުގަނޑު ފޮނުވަމެވެ.
ސްކައުޓް ހަރަކާތަކީ، އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެކެވެ. މި ހަރަކާތުން ރަމްޒުކޮށްދެނީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ އަދި ޢަމަލީ ތަރުބިއްޔަތުގެ މައިދާނެކެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލިކަމުގައިވިޔަސް ސްކައުޓް ހަރަކާތަކީ، މި ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެކެވެ. އަދި ކޮންމެ ސްކައުޓެއްގެ ކިބައިން ފެނިގެންދާ ހިތްވަރާއި، ޢަޒުމާއި، އެކަކުއަނެކަކަށް އެހީތެރިވުމުގެ މާތް ސިފައަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިޙްތިރާމް ކުރުމާއި، އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއްވެސް މެއެވެ.
ހަމައެއާއެކުގައި ސްކައުޓް ހަރަކާތަކީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއްކަންވެސް ހަނދާންކުރަންޖެހެއެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައި އަޅުގަނޑުމެންނަށް ގޮވާލައްވައިފައިވާ ކަމެކެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރީތި ނަމޫނާ އަޅުގަނޑުމެންގެ ސްކައުޓުންގެ ފަރާތުން މިހާތަނަށްވެސް ވަނީ ފެނިފައެވެ. އަޅުގަނޑުމެންގެ ޤައުމީ ހަޔާތުގައި ކުރިމަތިވި ކޮންމެ ބޮޑު ކާރިސާއެއްގައި، އަދި ޤައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ދަނޑިވަޅެއްގައި ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ބިރުވެރި ކާރިސާއިންވެސް، އެއްވެސް ޖެހިލުމެއްނެތި ޤައުމީ ކަންކަމުގައި އަބަދުވެސް ތައްޔާރަށް ތިބޭނޭ އެއްބަޔަކީ، އަޅުގަނޑުމެންގެ ލޮބުވެތި ސްކައުޓުންކަން ވަނީ ސާބިތުކޮށްދީފައެވެ. ހަމައެހެންމެ، ސްކައުޓުންގެ ހިތްތަކުގައިވާ އިންސާނިއްޔަތަށް އަދި ހިލޭ ސާބަހަށް ޚިދުމަތް ކުރުމާއި، ކަންކަމުގައި އިސްނެގުމާއި، ހުޝިޔާރުކަމާއި، ހިންގުންތެރިކަމުގެ ރޫޙަކީ، މުޅި މުޖުތަމަޢަށް ދައްކައިދޭ ހަރުދަނާ ނަމޫނާއެއްވެސް މެއެވެ.
އަޅުގަނޑުގެވެސް ތަޢުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބުނު ހުނަރާއި ތަޖުރިބާއަކީ، އަޅުގަނޑު އެޅި ކޮންމެ ފިޔަވަޅެއްގައި އަޅުގަނޑަށް މަގު ދައްކައިދިން ކަންކަމެވެ. އެއީ، ކަބް ސްކައުޓް މޮޓޯގައި ބުނާ " ޑޫ ޔުއަރ ބެސްޓް" އަދި ސްކައުޓް މޮޓޯގައި ބުނާ "ބީ ޕްރިޕެއަރޑް" ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގެނުވި ތަޖުރިބާތަކެކެވެ. އެއީ، އެފަދަ ތަޖުރިބާތަކަކަށް އަޅުގަނޑުމެންގެ ޒުވާނުން ބޭނުންވެފައިވާ ތަޖުރިބާ ތަކެއްކަން އަޅުގަނޑަށް ޔަޤީނެވެ. އެހެންކަމުން، ސްކައުޓް ހަރަކާތްފަދަ ހަރަކާތްތަކަކީ، އޭގެ ގޮތުގައި އޭގެ އަޞްލާ އެއްގޮތަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއްނެތެވެ.
މި ފުރުސަތުގައި، ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި ކުރިއަށް ގެންދެވުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އެ އެސޯސިއޭޝަނަށާއި، ރާއްޖޭގެ ސްކައުޓް ހަރަކާތުގައި ޝާމިލުވެވަޑައިގަންނަވާ އެންމެހައި ބޭފުޅުންނަށް އަޅުގަނޑު އަރުވަމެވެ.
ދިވެހި ސްކައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ ކިޔަވާކުދިންނާއި ޚާއްޞަކޮށް ޒުވާނުންގެ މެދުގައި އެއްބަނޑުއެއްބަފާ ކަމާއި، އަޚުވަންތަކަމުގެ ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވުމާއި، ޖަމާޢަތަށް ޚިދުމަތް ކުރުމުގެ ރޫޙު އަޅުގަނޑުމެންގެ ހިތްތަކުގައި އިތުރަށް އުފެދިގެން ދިޔުމުގެ ހެޔޮ ތައުފީޤު މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ! އަޅުގަނޑުމެންގެ ޤައުމުގެ ހުރިހާ ޒުވާނުންނަކީ، ފަޚުރުވެރި ޚިދުމަތްތެރި ދަރިންތަކެއް ކަމުގައި ލައްވާށިއެވެ! އާމީން