ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ އެކިއެކި މަޝްރޫޢުތަކުގެ ތެރެއިން، ގްރޭޓަރ މާލޭ އޭރިއާގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށްވާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދު الله މުއްތަލިބާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ކުރެއްވި މި ޒިޔާރަތުގައި، މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުނެވެ. އަދި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތަކާއި، ވެލި އެޅުމުގެ މަސައްކަތްތައް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

އެމް.އޭ.ސީ.އެލް އާ ހަވާލުކޮށްގެން މިހާރު ކުރިއަށްގެންދަވާ މި މަޝްރޫޢުގެ 2ވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާ ނިންމާފައެވެ.

އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓަޑް (އެމް.އެފް.އެމް.ސީ)ގެ ދަށުން، ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށް، އެކު ޖުމުލަ 167.15 ހެކްޓަރުގެ ބިން، ގިރާވަރު ފަޅުން ހިއްކުމަށް ހަމަޖެހިފައި ވާއިރު، މިހާތަނަށް 105 ހެކްޓަރު ވަނީ ހިއްކާނިމިފައެވެ.

މީސްމީޑިއާގެ އެކްސްގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކައުންޓް މެދުވެރިކުރައްވައި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރެއްވުމުގެ އިތުރުން ސަރުކާރުގެ މުހިންމު މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތުވެސް، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ހާމަކުރައްވަމުންނެވެ. އެގޮތުން، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާއިރު، ކުރިއަށް އޮތް އޭޕްރިލް މަހުގެ ނިޔަލަށް މަސައްކަތް މުޅިން ނިންމާލެވި، ސަރވޭކޮށް ނިންމައި، ޖޫން މަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމުގައި، މާރިޗު 21 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ގިރާވަރު ފަޅުގެ ބިން ހިއްކަން ފެށިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ، މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ގިރާވަރު ފަޅުގެ ބިން ހިއްކުން އެއްފަހަރާ 2 ޑްރެޖަރާއެކު ކުރިޔަށްދާކަން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35000 ކިއުބިކް މީޓަރުގެ ކުއީން އޮފް ދަ ނެދަލޭންޑްސް އަދި 22000 ކިއުބިކް މީޓަރުގެ އޮރެންޖް ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެންނެވެ.