ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންޓިޓިއުޓާ ގުޅިގެން ހިންގާ "އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމް 2021 – 2023" ގެ ދަށުން ކުރިޔަށްގެންދަވާ ސިލްސިލާ ލެކްޗަރތަކާއި، ތަމްރީނު ޕްރޮގްރާމްތަކުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެހީތެރިކަމާއެކު ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާ ގުޅިގެން "ވިޝަނިންގ ފޮރ މޯލްޑިވްސް ލީޑަރޝިޕް ޑައިލޮގްސް" މި ނަމުގައި ސިލްސިލާ ވެބިނަރ ޕްރޮގްރާމެއް މިހާރުވަނީ ފަށާފައެވެ. މި ސިލްސިލާގެ ފުރަތަމަ ސެޝަން 23 މާރިޗު 2022 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ޒޫމް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ފުރަތަމަ ސެޝަންގެ މަޢުޟޫއަކީ "ލީޑިންގ ތްރޫ އަންސަރޓިނިޓީ: ސްޓްރެޓީޖިކް ފޯސައިޓް" އެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ އިސް މަޤާމުތަކަށް ޢައްޔަންކުރައްވާފައިވާ ފަރާތްތަކާއި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރީޖަނަލް ހޮސްޕިޓަލުތައް ހިމެނޭގޮތަށް 280 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންދެވި ވެބިނަރ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމެވެ.

މި ވެބިނަރ ފެސިލިޓޭޓް ކޮށްދެއްވީ ޔޫ.އެން.ޑީ.ޕީ އިން ކަނޑައެޅުއްވި ކަމާބެހޭ ދާއިރާގެ ފަންނީ މާހިރުންކަމުގައިވާ މިސް އަރްތީ ކްރިޝްނަން، ސްޓްރެޓީޖިކް އެޑްވައިޒަރ އޮން ފޯސައިޓް، ޔޫ.އެން.ޑީ.ޕީ އޭޝިޔާ އެންޑް ޕެސިފިކް އަދި މިސްޓަރ ލެއިތް ވެރެމައިޓޯ، ޑައިރެކްޓަރ، ޑިޕާޓްމަންޓް އޮފް ލޯކަލް އޮތޯރިޓީސް، މިނިސްޓްރީ އޮފް އިންޓަރނަލް އެފެއާޒް، ރިޕަބްލިކް އޮފް ވަނުވާޓޫއެވެ. ވެބިނަރގެ މަޝްވަރާ ސެޝަން މޮޑަރޭޓް ކުރެއްވީ ރާއްޖޭގައި ހުންނަވާ ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މިސްޓަރ އެންރިކޯ ގަވެގްލިއާ އެވެ.

އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމްގެ ދަށުން ޔޫ.އެން.ޑީ.ޕީ އާ ގުޅިގެން މިފަދަ އިތުރު ޕްރޮގްރާމްތަކެއް ކުރިޔަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި، ކަމާބެހޭ ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު ހިންގުމުގެ ދާއިރާގެ އިސް މަޤާމުތަކަށް ޢައްޔަންކުރައްވާފައިވާ ފަރާތްތަކަށާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިޔުމަށްވަނީ ރޭވިފައެވެ.

އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، 27 ޑިސެންބަރު 2021 ވަނަ ދުވަހު އިފްތިތާޚްކޮށްދެއްވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް، ސަރުކާރުގެ އެކި މުއައްސަސާތަކުން ދެއްވާ އެއްބާރުލެއްވުމާއި، އެހީތެރިކަން ފާހަގަކުރެވެއެވެ.