بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މީގެ ދެ އަހަރު ކުރިން، އާދެ 2020 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު، ރާއްޖޭގައި ފުރަތަމަފަހަރަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި. އެއީ މުޅި ދުނިޔެއަށް އޭރު ފެތުރެމުންދިޔަ ކޯވިޑް-19ގެ ބަލިމަޑުކަން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ފެތުރެން ފެށުމާ ގުޅިގެން، އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހުނު ފިޔަވަޅެއް.

ކޯވިޑާއެކު މި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކަކާއި އުނދަގޫތައް އަޅުގަނޑުމެން ތަޙައްމަލްކޮށްފިން. ކޯވިޑުގެ ގެއްލުންތައް ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އެންމެ ޢާއިލާއެއްވެސް ރާއްޖޭގައި ނެތް. ކޯވިޑް ބަލީގެ ނުސީދާ އުނދަގޫތައް ތަޙައްމަލްކުރާ އެތައް ބަޔަކު މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. މި ބަލީގައި ރާއްޖެއިން މިހާތަނަށް 297 މީހުން މި ދުނިޔެ ދޫކޮށްފި.

އެ ހުރިހާ އެންމެންނަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަން. އަދި ކޯވިޑް ބަލީގެ ވޭން ތަޙައްމަލް ކުރަމުންދާ ހުރިހާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރަން.

ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިތާ ވަރަށް ކުރީކޮޅު، ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު. ނަތީޖާއަކަށްވީ، ކޯވިޑް ކޮންޓްރޯލް ކުރެވޭ ޤައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނި، އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތައް އަވަހަށް ފެށުމަށް މަގުފަހިވުން.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ކޯވިޑްގެ ވަބާއީ ޙާލަތަށް އިޖާބަ ދިނުމުގައި ރާއްޖެއިންވެސް މިހާރު އަމާޒު ހިފާފައިވަނީ، ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި، އެނދުމަތިކުރަންޖެހޭ މީހުންނާއި، މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް. އަދި ކޯވިޑް-19އާ ގުޅިގެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ޙާލަތު ބަލަހައްޓަމުން ގެންދިޔުމަށް.

އެހެންކަމުން، ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިޢުލާނު ކުރަމުން އައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ޞިއްޙީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން. އަދި ދެން ޢަމަލުކުރަމުންދާނެ ގޮތުގެ މަޢުލޫމާތު ހެލްތު މިނިސްޓްރީން ޢާންމު ކުރައްވާނެ.

ހަމައެއާއެކު، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ކޯވިޑުގެ ޙާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުންދާނެ. ރާއްޖޭގައި ފެތުރެނީ ކޯވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއްވެސް މިހާރުވަނީ ރާއްޖޭގައި ޤާއިމުކޮށްފައި. އެ ބަދަލުތައް ދެނެގަނެ، ޙާލަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުންދާނެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކޯވިޑުގެ ނުރައްކާތެރިކަން އަދިވެސް ބަލަމުން އަންނަނީ ވަބާއެއްގެ ގޮތުގައި. އެހެންކަމުން، ބަލީގެ ޙާލަތު ނުރައްކާތެރިވާފަދަ އައު ބާވަތެއްގެ ވައިރަހެއް އުފެދިއްޖެނަމަ، އެކަމަކަށް ރިޢާޔަތްކޮށް ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން، ކުރިމަގުގައި ކޯވިޑް-19 އަށް އިޖާބަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޓެޖީއާއި އެކްޝަން ޕްލޭނެއް، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ.

ކޯވިޑްގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދީ ޙަރަކާތްތައް ހުއްޓެމުން ދިޔައިރު، މުޅި ދުނިޔޭގެ ނިސްބަތުންވެސް، އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށް. މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ. އެ ޙާލަތުގައިވެސް ސަރުކާރުން މަސައްކަތްކުރީ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން. ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން، ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު.

ގޭބިސީތަކުގެ ކަރަންޓާއި ފެންބިލްތަކުން ޑިސްކައުންޓްތަކެއް ދެވުނު. ވަޒީފާ ގެއްލުނު މީހުންނަށާއި، މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެވުނު. ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދެވުނު. ވަޒީފާތަކުން މީހުން ވަކިނުކުރުމަށް ޝަރުޠުކޮށް، ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރެވުނު. އިޖުތިމާޢީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވުނު. ރިޒޯޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނު.

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދުން ފެށިގެން ނިމުމަކަށް ގެންނައިރު، މި އަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިޤްތިޞާދު ކުރިއަރާނެ ކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ފަސް ޤައުމުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެވެސް ހިމެނޭ. މިކަމުގެ ޙަޤީޤީ ސިއްރަކީ ކޯވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުން.

ހަމައެފަދައިން، އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގައި، ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް ހިތްވަރާއި ޢަޒުމާއެކު، ވަރުބަލިވުމެއްނެތި ކުރި މަސައްކަތް. އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ކޯވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވި ޞިއްޙީ ދާއިރާގެ އެންމެހައި ޚިދުމަތްތެރިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީ. ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ދިވެހި ސިފައިންނާއި، ދިވެހި ފުލުހުންނާއި، އެހެން މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތް ކުރައްވާ ދަރުމަވެރިން ކުރެއްވި މިންނެތް މަސައްކަތް.

އެ ހުރިހާ ބޭފުޅުންނަށްވެސް، ރާއްޖޭގެ ރައްޔިތުންގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމަ މިއާއެކު، ކޯވިޑާ ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތުގައި ރަޙްމަތްތެރި ޤައުމުތަކުން ވެދިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ ހުރިހާ ޤައުމުތަކަށްވެސް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން. އޭގެ ތެރޭގައި އިންޑިއާ، ޖަޕާން، އެމެރިކާ، ޔޫ.އޭ.އީ، ޗައިނާ، ބަނގްލަދޭޝް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، އ.ދ.ގެ ބައެއް އިދާރާތަކުން ވެދިން އެހީތެރިކަން އަޅުގަނޑު ފާހަގަކޮށްލަން.

އިންޑިއާގެ ވަރަށް ގިނަ ދީލަތި އެހީތަކެއް، މިދިޔަ ދެ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ލިބިއްޖެ. އެންމެ ގިނަ ޢަދަދަކަށް ކޯވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އިންޑިޔާ. އިޤްތިޞާދީ ގެއްލުން ކުޑަކުރުމަށް، 250 މިލިއަން ޑޮލަރުގެ ބޮންޑު އިންޑިއާއިން ވަނީ ގަނެފައި. ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ، ވަރަށް ގިނަ ސާމާނު ހަދިޔާކުރި. ފަތުރުވެރިކަން މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި، ރާއްޖެއަށް ޓްރެވަލް ކޮރިޑޯއެއް ހުޅުވައިދިން.

ރާއްޖެއިން ބޭސްފަރުވާއަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހައިން އިންޑިއާއަށް ދެވޭނެގޮތްވެސް އެ ޤައުމުން ހަމަޖައްސައިދިން. މިއީ ކޯވިޑުގެ ތެރޭގައި އެހެން އެއްވެސް ޤައުމަކަށް އިންޑިއާއިން ނުދޭ ފުރުޞަތެއް.

މާތް ﷲގެ މަތިވެރި އޯގާވަންތަކަމާއެކު، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައި ނަމަވެސް، މިދިޔަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރި ތަޖުރިބާތައް ހަނދާން ނައްތާލައިގެން ނުވާނެ. ބަލިން ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެންގެ އާދައަކަށް ހެދި، ޞިއްޙީ ރަނގަޅު އާދަތައް އެގޮތުގައި ދަމަހައްޓަން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް.

ކޯވިޑުގެ އަޑިގަނޑުން އަރައިގަނެ ހިންދެމިލާއިރު، ވަރަށް ނުރައްކާތެރި ބަނަ ވިލާގަނޑެއް އަނެއްކާވެސް އެ އަންނަނީ އަޅުގަނޑުމެންގެ ބޯމައްޗަށް އަރަމުން. އާދެ، ރަޝިޔާއިން ޔޫކްރޭންގައި ކުރަމުންދާ ނުރައްކާތެރި ހަނގުރާމަ. އެ ހަނގުރާމައިގެ ލޮޅުންތައް އެދަނީ މުޅި ދުނިޔެއަށް ގުޑުން އަރުވަމުން. ހަނގުރާމަ އެ ހިނގަނީ ރާއްޖެއާ އެތައް މޭލެއް ދުރުން ވިލާތުގެ ބައްރުގައި.

އެހެންވިޔަސް، އެ ހަނގުރާމައިން އުފެދޭ އިޤްތިޞާދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ޤައުމަކަށް އެބަ ފޯރާ. އެކަމުގެ ލޮޅުންތައް ރާއްޖެއަށްވެސް ފޯރަން ފަށައިފި. ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމު. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ.

ޔޫކްރެއިން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރްމަތްތެރިކޮށްހިތުމުގެ މައްޗަށް. މިއީ، އ.ދ. ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑާނެގިފައިވާ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ބިންގާ. ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ޒަމާނުއްސުރެ ވަކާލާތުކުރަމުން މި އަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަޤްވާމީ ގުޅުންތައް ދަމަހައްޓަން. މިއީ އަޅުގަނޑުމެން ޤަބޫލުކުރާ ހަމަ.

ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލައި ޔޫކްރެއިނުން ފޭބުމަށް، މިމަހުގެ 2 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުގައި، 141 ޤައުމުން ގޮވައިލި ގޮވައިލުމުގައި ބައިވެރިވެ ދިވެހިރާއްޖެ ވަނީ، ކުދި އަދި ނިސްބަތުން ބާރު ދަށް ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާވެސް ތަކުރާރުކޮށްފައި.

މިއީ ޔޫކްރެއިންގެ ރައްޔިތުންނަށް ވަރަށް ހިތްދަތި ވަގުތުތަކެއް. އެމީހުންނަށް ލިބެމުންދާ އަނިޔާތަކާމެދު ހަމްދަރުދީވަން. ދެފަރާތުގެ މެދުގައި ހުރި ދެބަސްވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވައިލާ ގޮވައިލުން ދިވެހިރާއްޖެއިންވެސް ތަކުރާރުކުރަން.

މި ހަނގުރާމަ ކޮންމެވެސް ދުވަހަކުން ކޮންމެ ގޮތަކަށް ނިމުނަސް، ޔޫކްރެއިން މިހާރު އޮތް ޙާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ. އަދި މި ހަނގުރާމައިން ދުނިޔޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށްވެސް އެހާ ދުވަސް ނަގާނެ. އެހެންކަމުން، ޔޫކްރެއިން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މި އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން.

އެއް ކަމަކީ، މި ހަނގުރާމައިގެ އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، މިވަގުތު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިޔުން. އަނެއް ކަމަކީ، ޔޫކްރެއިނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ޤައުމަށް ދެވޭނެ ދުވަހެއް ޔަޤީންނުވާތީ، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރެވޭނެ ގޮތެއް ހޯދައިދިނުން. އެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގުޅިގެން މިހާރު އަންނަނީ ކުރަމުން.

މި ހަނގުރާމަ ދިގުދެމިގެން ގޮސް، އެންމެ ގޯސް ޙާލަތަށް ކަންތައް ހިނގައްޖެނަމަ، ރާއްޖޭގެ އިޤްތިޞާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސުން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުން.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް، ފަތުރުވެރިކަމަށް އިތުރު މާރކެޓްތައް ހޯދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)އިން މިހާރު އެ އަންނަނީ ކުރަމުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ އަދި އެއް ކަމެއް އަޅުގަނޑު ޙިއްޞާކޮށްލަން ބޭނުން. އަޅުގަނޑު މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިއައީ، އަޅުގަނޑުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކޮށްގެން. މާތް ﷲގެ އޯގާވަންތަކަމުން އަޅުގަނޑުގެ ޙާލު މިހާރު ރަނގަޅު. އޮޕަރޭޝަނަށް އަޅުގަނޑު ސިންގަޕޫރަށް ދިޔަ ދުވަހުން ފެށިގެން، އަޅުގަނޑަށް ހެޔޮދުޢާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ ފަރާތުން ޝުކުރު ދަންނަވަން.

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަވުމަށް، މިއަދު އަޅުގަނޑުމެން މިއަޅާ ފިޔަވަޅުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބާއި ކުރިއެރުން ދެއްވާށި. ދިވެހިރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން ދެއްވައި، ހަމަޖެހުމާއި ޞުލްޙަވެރިކަމުގައި ދިރިއުޅުމުގެ ހެޔޮ ތައުފީޤް ދެއްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.