بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑު ދެކޭގޮތުގައި މިރޭގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މި ސްކޫލްގެ ހިންގުންތެރި ވެރިންނަށާއި، މުދައްރިސުންނަށާއި، ސްކޫލްގެ މުވައްޒަފުންނަށް، ވަކިން ޚާއްޞަކޮށް މި ސްކޫލްގެ ލޮބުވެތި ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަރުޙަބާއާއި ތަހުނިޔާ ދެންނެވުން. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރާއިރު، މި ސްކޫލްގެ މާޒީން ވަރަށް ފަޚުރުވެރި ޞަފްޙާތަކެއް އަޅުގަނޑުމެންނަށް ފެނޭ.

އެންމެ ފުރަތަމަ ކަމަކީ، މި ސްކޫލް އުފެދިގެން އައިގޮތް. މި ޙަފްލާގައި އަޅުގަނޑުމެންނަށް ފެނުނު ވީޑިއޯ ރިޕޯޓުންވެސް އޭރުގެ ޙަޤީޤަތްތައް ވަރަށް ބޮޑަށް ސާފުވެއްޖެ. މި ސްކޫލް އުފެދުނު ގޮތާއި، އެކަމަށްޓަކައި ކުރެވުނު މަސައްކަތް އެނގިގެން ހިނގައްޖެ. އެ ރިޕޯޓުން އަޅުގަނޑަށް އެނގުނީ، މި އަވަށުގެ ވަރަށް އިޚްލާޞްތެރި ދަރިއެއްގެ ހިތުގައި ތަޢުލީމު ފެތުރުމަށް އޮތް ލޯތްބާއި ޝައުޤުވެރިކަން.

އާދެ މިދެންނެވީ، މި ސްކޫލްގެ ނަން އެ ބޭފުޅަކަށް ނިސްބަތްވާ ޑީ އަހަންމައިދީގެ ވާހަކަ. މި ސްކޫލަކީ ވަރަށް މާތް، ވަރަށް މަތިވެރި ނިޔަތެއްގައި އޭނާ ކުރެއްވި މަސައްކަތެއް. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، މާލޭގެ އަވަށު މަދަރުސާތަކުގެ ތެރެއިން އެންމެ ކާމިޔާބުކަމާއެކު ދެގޮތެއްނުވެ މިއަދާ ހަމައަށް ހިނގަމުން އައި ހަމައެކަނި ސްކޫލްގެ ގޮތުގައި، އަޙްމަދިއްޔާ ދެމިއޮތުމުގެ ސިއްރަކީވެސް، އޭނާގެ ތެދުވެރި ނިޔަތާއި، އިޚްލާޞްތެރި ހެޔޮ ޢަމަލު.

އެހެންކަމުން، އަލްމަރްޙޫމް ޑީ އަހަންމައިދީއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

މީގެ 40 އަހަރު ކުރިއަށް ޖެހިލާއިރު، ރާއްޖޭގެ ތަޢުލީމީ ޙާލަތު އޭރު އޮތީ، މާ ދުޅަހެޔޮ ގޮތެއްގައެއް ނޫން. ރާއްޖޭގެ ގިނަ ރަށްރަށުގައި، ރަނގަޅު ފެންވަރުގެ ތަޢުލީމެއް ލިބޭކަށް އޭރަކު ނެތް. މާލޭގައި އޭރު ހުރީ ސަރުކާރުން ހިންގާ އެންމެ ތިން ސްކޫލާއި، އަމިއްލަ ބަޔަކު ހިންގި ދެތިން ސްކޫލް.

މާލޭގައި ހުރި ސަރުކާރުގެ ސްކޫލްތަކުންވެސް، މާލޭގައި ތިބި ހުރިހާ ކުދިންނަށް އޭރު ޖާގައެއް ނުލިބޭ. އޭރު ދިމާވާ އަނެއްކަމަކީ، ޖެހިޖެހިގެން ދެ އަހަރު ފެއިލް ވެއްޖިއްޔާ، ސްކޫލުން ވަކިވާންޖެހުން. އެގޮތް މެދުވެރިވެގެންވެސް ސްކޫލަކުން ޖާގައެއް ނުލިބި، މަގުމަތިވެފައި ތިބި އެތައް ސަތޭކަ ކުދިންނެއް، އޭރު މާލޭގައި ދިރިއުޅެމުންދިޔަ.

މާލޭގެ ހަތަރު އަވަށުގައި އުފެއްދި އަވަށު މަދަރުސާތަކަކީ، މިދެންނެވި ކުދިންނަށް ތަޢުލީމުގެ ދެވަނަ ފުރުޞަތެއް ހޯދައިދިނުމަށް ހުޅުވުނު ވަރަށް ތަނަވަސް ދޮރެއް. ތަޢުލީމުގެ ފުރުޞަތުތައް ތަނަވަސްވަންދެން، މާލޭގެ އެހެން އަވަށު މަދަރުސާތައްވެސް ވަރަށް ކާމިޔާބުކަމާއެކުގައި ހިނގަމުންދިޔަ. އަދި މިހާރުވެސް ބައެއް ކްލާސްތައް، އެ މަދަރުސާތަކުގައި އެބަ ހިންގާ.

އަޙްމަދިއްޔާ ސްކޫލަކީ މިހާރުވެސް ރާއްޖޭގެ ތަޢުލީމީ މައިދާނުގައި ވަރަށް މަތީ މަޤާމެއްގައި ސާބިތުކަމާއެކު ދެމިއޮތް ސްކޫލެއް. މިހާރު މާލޭގައި ހުރި ސްކޫލްތަކުގެ ތެރެއިން، ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ އަޙްމަދިއްޔާ. އަދި ދަރިވަރުންނާއި ޓީޗަރުން އެންމެ ގިނަ އެއް ސްކޫލަކަށްވެސް އަޙްމަދިއްޔާ ވެގެންދާނެ.

މިދިޔަ 40 އަހަރުގެ ތެރޭގައި ތަޢުލީމީ ރޮނގުން މި ސްކޫލްގެ ދަރިވަރުން ހޯދާފައިވަނީ، ރެކޯޑެއްގެ ގޮތުގައި ފާހަގަކުރެވޭ ރަން ވަނަތަކެއް. ސްކޫލް ފެންވަރުގައި ވާދަކުރި އިތުރު ޙަރަކާތްތަކުގައިވެސް، މި ސްކޫލްގެ ނަން ފެވެމުން އަންނަނީ ރަން ވަނަތަކަކުން. އެހެން ނަމަވެސް، މި ސްކޫލްގައިވެސް ޙައްލުކުރަންވެފައި ހުރި ވަރަށް ގިނަ ކަންތައްތައް ހުންނާނެ.

ޕްރިންސިޕަލްގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި ފަދައިން، އަޙްމަދިއްޔާއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން. ތެދެއްމެ، ދަރިވަރުން އިތުރު ޙަރަކާތެއް ބާއްވާނެ ބިންކޮޅެއް މި ސްކޫލަކު ނެތް. ތުއްތުކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއްވެސް ނެތް. އެ މައްސަލަ މި ސްކޫލްގެ ފަރާތުން ވަނީ ސަރުކާރަށްވެސް ހުށަހަޅާފައި.

އަޅުގަނޑު ދަންނަވާނީ، ކޮންމެ ދިގު އިންތިޒާރެއްގެ ފަހަތުގައި ފޮނި ނިމުމެއްވާނެ ކަމަށް. އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް އަޅުގަނޑުމެން މިއަންނަނީ މަސައްކަތް ކުރަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އިންތިޒާރަށް މާގިނަ ދުވަސްތަކެއްނުވެ ޢަމަލީ ސިފަ އަންނާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިރޭ އަރުވަން.

މި ސްކޫލްގެ ކާމިޔާބަށް ބަލާއިރު، އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ ބޮޑު ކާމިޔާބަކީ، ޤައުމަށް ބޭނުންތެރި ދަރިންތަކެއް، މި ސްކޫލުން ބިނާކޮށްދީފައިވާކަން. އޭގެ ފަހަތުގައި އެކުދިން ބިނާކުރުމުގައި އިސްވެ ޙަރަކާތްތެރިވި ގިނަ ބޭފުޅުން، މިތަނުން މިރޭ ފެންނަން އެބަ ތިއްބެވި. އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް ސަރުކާރުގެ ނަމުގައި، ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކުގައި މިރޭ ޝުކުރު އަދާކުރަން.

އަޙްމަދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލުކުރި ދަރިވަރުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައިވެސް، އަދި ސަރުކާރުގެ އެހެން މަތީ މަޤާމުތަކުގައިވެސް މިހާރު ޢަމަލީ މަސައްކަތުގައި ބޭފުޅުން އެބަ ތިއްބެވި. މިއިންނެވި މިނިސްޓަރު އަޙްމަދު މަޚްލޫފަކީވެސް އޭގެތެރެއިން އެއް ބޭފުޅެއް. އެ ނޫނަސް، ފަންނީ އަދި ހުނަރުވެރި ތަފާތު ދާއިރާތަކުން ޤައުމަށް ޚިދުމަތް ކުރައްވާ ވަރަށް ގިނަ ބޭފުޅުންތަކެއް، މި ސްކޫލްގެ ހިޔާވަހިކަމުގެ ދަށުން ބިނާކޮށްދީފައި އެބަ ތިއްބެވި.

އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، މީގެ ތިން އަހަރު ކުރިން ނުކުމެގެންވެސް، އެންމެ ބޮޑު އިސްކަމެއްދީގެން މިކުރާ އެއްކަމަކީ މީހުން ބިނާކުރުން. އޭގެ ތެރެއިންވެސް އެންމެ ޚާއްޞަ ސަމާލުކަމެއް މިދެނީ، ތަޢުލީމީ ގޮތުން ހަރުދަނާ ދަރިންތަކެއް ބިނާކުރުމަށް. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނީ، ހަމަ މިދެންނެވި ބޭނުމުގައި.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެބަ ހިނގާ. އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ފުރިހަމަވާއިރު، ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ. މިސާލަކަށް، ފަސް ސަރަޙައްދުގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލްތައް. އެ ތަންތަނުން ވަރަށް ގިނަ ފަންނީ ވަޒީފާތައް އުފެދޭނެ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި، މެކޭނިކުން، އަދި އެނޫންވެސް ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ. އެއީ ޢާއިލާއާއި މައިންބަފައިން ކައިރީގައި، ރަށުގައި ތިބެގެން އަދާކުރެވޭނެ ވަޒީފާތައް. އެ ވަޒީފާތައް އަދާކުރާނެ ދިވެހިން އަޅުގަނޑުމެން ބޭނުންވޭ.

ރަށްރަށުގައި ހިންގާ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުތައްވެސް ކުރިއަށް އެބަދޭ. ރަށްރަށުގައި ޤާއިމުކުރާ ފެން އުފައްދާ ޕްލާންޓްތައްވިޔަސް، މިހިރީ ހައްތަހާވެސް ފަންނީ ވަޒީފާތައް އުފެދޭނެ ކަންތައްތައް. މި ތަންތަނަށް އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ދަރިން. އެފަދަ ދަރިން އުފެއްދޭނީ، ރަނގަޅު ތަޢުލީމުދީ، ރަނގަޅަށް ކިޔަވައިދީގެން.

ދަރިންނަށް ކިޔަވައިދޭ ވާހަކަ މިވަރަށް އަޅުގަނޑުމެން މި ދައްކަން ޖެހެނީ، ޤައުމުގެ ޙަޤީޤީ ތަރައްޤީއަކީ އެއީ ކަމަށްވާތީ. ޤައުމު ތަރައްޤީވާނީ، އެ ޒިންމާ އަދާކުރަން ތިބި ދަރިންގެ ސިކުނޑީގައި، އުފެއްދުންތެރި އީޖާދީ ވިސްނުންތަކެއް އުފެދިގެން. ދަރިންގެ ކިބައިގައި ތަރައްޤީގެ ވިސްނުން އުފެއްދޭނީ، ޒަމާނީ ކުރިއެރުމާ ފައިހަމަވާފަދަ ތަޢުލީމެއް ދަރިންނަށް ދީގެން.

އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މިސްކޫލްގެ އަމާޒަކީވެސް އެއީ. މި ސްކޫލްގެ މޮޓޯގައި ބުނަނީ؛
APPRECIATE INNOVATE STIMULATE
އަގު ވަޒަންކުރުން، އައު އުފެއްދުންތެރިކަން، ހިތްވަރުދީ ބާރުއެޅުން.

އަޅުގަނޑުގެ އުންމީދަކީ، އަޙްމަދިއްޔާ ސްކޫލްގެ މި މޮޓޯގައިވާ ފަދައިން، މި ސްކޫލްގެ މަޤްޞަދު ޙާޞިލްކުރުމުގެ ހެޔޮ ނަސީބު މާތް ﷲ މިންވަރުކުރެއްވުން. އަޙްމަދިއްޔާ ސްކޫލަށް ވަރަށް ފާގަތި މުސްތަޤްބަލަކަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.