ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ. އަނގޮޅިތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ އެކު މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މި ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ދިގު ތާރީޚުގައިވެސް ނުހިނގާވަރަށް އެއްފަހަރާ ޕްރޮޖެކްޓްތައް އެރަށުގައި މިހާރު މިސަރުކާރުން ކުރިޔަށްގެންދަވާކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ އަނގޮޅިތީމު ޓޫރިސްޓު ވިޒިޓަރސް ސެންޓަރުގެ ހޯލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޕްރޮޖެކްޓްތައް ހިނގަމުންދާއިރު އުފެދޭ ކުނިބުނި މެނޭޖުކުރުމުގައި ހުރި ދަތިތަކާއި ރަށުން ކުނިގެންދިއުމަށް ފަސޭހައަކަށް ޓީޖެޓީއެއް ހެދުމާއި މޫދަށްއެރޭ ސަރަޙައްދެއް ތަރައްޤީކުރުމާއި މި ނޫންވެސް ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމުކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އަނގޮޅިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ އިތުރުން ކޮމެޓީގެ މެންބަރުން ވަނީ ކޮމެޓީގެ މަސައްކަތްކުރިޔަށް ގެންދިއުމުގައި ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި ރަށު ތެރެސާފުކޮށް ބަލަހައްޓާ ކަނބަލުންނަށް ކަނޑައަޅާފައި އޮންނަ ފައިސާގެ ޢަދަދު ބޮޑުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުނިމެނޭޖުކުރުމުގައި ހުރިދަތިތަކާއި އަދި ޓުއަރިސްޓް ވިޒިޓަރސް ސެންޓަރާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމާ އަދި މި ނޫންވެސް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލުކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައެވެ
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ އަނގޮޅިތީމު ޓުއަރިސްޓް ވިޒިޓަރސް ސެންޓަރުގައި ބަހައްޓާފައިހުރި ބައެއް އާސާރީ ތަކެތި ބައްލަވާލައްވާފައެވެ. މި ތަކެއްޗަކީ އަނގޮޅިތީމުން އެކި ދުވަސްވަރު ނެގިފައިހުރި ބައެއް އާސާރީ ތަކެއްޗެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. އަނގޮޅިތީމަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި އެ ދެ ކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.