ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ.ވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުން ވަނީ ސަރުކާރުން ވާދޫގެ ތަރައްޤީއަށް ކުރިޔަށްގެންދަވާ ބޮޑަތި ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ވާދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރަމުންއަންނަ މަސައްކަތްތަކާއި ކުރިޔަށްރޭވިފައިވާ ތަރައްޤީގެ ޕްލޭންތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައާއި ބަނދަރުގެ ދަތިކަމާއި ފުޓްބޯޅަ ދަނޑު ބޮޑުކުރުމާއި ފުލުހުންގެ ޚިދުމަތް ފުޅާކުރުމާއި އަދި ރަށުގެ ތަރައްޤީއަށް މުހިންމު އެކި މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ކޮމެޓީގެ މެންބަރުންގެ އެލަވަންސް ބޮޑުކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވާދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ޕްލޭންތައް ތައްޔާރުކޮށް ގިނަ މަސައްކަތްތަކެއް ކުރިޔަށްގެންދަވާތީ އެކަމަށްޓަކައި ކައުންސިލުގެ މެންބަރުންނަށް ތަޢުރީފުކުރައްވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް ކައުންސިލުން އެކުލަވާލާފައިވާ ޕްލޭންތަކާއި ކުރިޔަށްގެންދާ މަސައްކަތްތަކުގައި ސަރުކާރުގެ އެހީތެރިކަން ފުރިހަމައަށް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަލާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ވާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މީގެެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ނަރުދަނާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހިނގާ ސަރަޙައްދަށް ޒިޔާރަތްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. ވާދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.