ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ. ވާދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހަވީރު ވާދޫ ސްކޫލްގެ އިސްވެރިންނާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ސްކޫލްގެ އިސްވެރިން ވަނީ ސްކޫލަށް ބޭނުންވާ އެކި ކަންތަކާއި ގުޅޭގޮތުންނާއި، ދިމާވާ ދަތިތަކާއި ސްކޫލް ހިންގުމުގައި ގެންގުޅުއްވާ އުޞޫލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން ތަޢުލީމީ ދާއިރާގައި މީހުންބިނާ ކުރުމަށް ވެސް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. މިގޮތުން އެކަމަނާ ވަނީ މަތީ ތަޢުލީމުގެ ފުރުޞަތުތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.މީގެ އިތުރުން ވެސް އެކަމަނާ ވަނީ ކުދިން ކެރިއަރ ގައިޑަންސްއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށާއި ޓީޗަރުންގެ ޤާބިލުކަން އިތުރުކުރުމާގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ވާދޫ ސްކޫލަކީ 108 ދަރިވަރުން އެލްކޭޖީއިން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ. ސްކޫލްގެ އިސްވެރިން ވަނީ މިވަގުތު ވާދޫގައި ދިރިއުޅޭ ސްކޫލް ނިންމާފައިވާ ހުރިހާ ދަރިވަރުންވެސް ތިބީ ސަރުކާރުގެ އެކި މަޝްރޫޢުތަކާގުޅޭ ވަޒީފާތަކުގައިކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރަށުގެ މިފަދަ ކާމިޔާބީތަކުގައި ތަޢުލީމު އުނގަންނައިދެއްވާ ފަރާތްތަކުގެ ދައުރު ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ކެމްޕެއިންގެ ދަށުން ސްކޫލްގެ އިސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް 4 ބިއްލޫރި ފުޅި ހަދިޔާކުރައްވާފައެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ ވާދޫ ސްކޫލްގެ ލައިބްރަރީއަށް ގަނާކުރުމާ ބެހޭގޮތުނާއި، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ހަދިޔާކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އެވަގުތު ސްކޫލްގައި ތިބި އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނާ ބައްދަލުކުރައްވައި އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. ވާދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.