މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ޕީ.އެސް.އެމް.ގެ ޑެޕިއުޓީ ޑިރެކްޓަރ، ނިއުސް އެންޑް ކަރަންޓް އެފެއާޒް އަޙްމަދު ޖަދުވާން އަދި ސީނިއަރ ޖާނަލިސްޓް ވަފީޤާ ޙާމިދު.
އަޙްމަދު ޖަދުވާން:
السَّلامُ عَلَيْكُم.
"ނޭޝަން ޗެޓް"ގެ މުޅިން އާ އެޕިސޯޑަކަށް އެންމެހައި ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވަން. މިފަހަރުގެ މި ނޭޝަން ޗެޓް ޕޮޑްކާސްޓާއެކީގައި މި ބައްދަލުކޮށްލީ އަޅުގަނޑު ޖަދުވާން، އަދި އަޅުގަނޑު ވަފީޤާ.
ދެން އަޅުގަނޑުމެން ދެ މީހުން މި ބައްދަލުކޮށްލިއިރުގައި، މިފަހަރުވެސް ހަމަ އަޅުގަނޑުމެންގެ އެންމެ ޚާއްޞަ މެހްމާނެއްގެ ގޮތުގައި އާދައިގެ މަތިން ބައިވެރިވެވަޑައިގަންނަވަނީ، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު.
ރައީސް، ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝުކުރިއްޔާ!
އަޙްމަދު ޖަދުވާން:
ރައީސް، އަޅުގަނޑުމެންނަށް މިދިޔަ ޕޮޑްކާސްޓުން މި ޕޮޑްކާސްޓާ ހަމަޔަށް އައިއިރުގައި، ވަރަށްގިނަ ކަންތައްތައް ފާހަގަކުރެވިއްޖެ ދޮގެއްތޯ ވަފީޤާ.
ވަފީޤާ ޙާމިދު:
އާދެ، ދެން އޭގެތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ، އެންމެފަހުން މި ނިމިގެންދިޔަ މިނިވަންދުވަހުގެ ޙަރަކާތްތަކާއި، މިއާއެކީގައި އޭގެކުރިން ބޮޑުތަކުރުފާނު މަގު އަލަށް ތަރައްޤީކުރި ސަރަޙައްދު ޢާންމުންނަށް ހުޅުވާލާފައި މިވަނީ.
އަޙްމަދު ޖަދުވާން:
ވަރަށްބޮޑު ބަދަލެއް ދޮގެއްތޯ؟
ވަފީޤާ ޙާމިދު:
އާދެ، އާދެ، މި ތަނަށް އަޅުގަނޑުމެން އައިއިރުގައިވެސް އެ މަގުންލާފައި މިއައީ. ވަރަށް ހިތްގައިމު ދޮގެއްތޯ. ވަރަށް ދުއްވާލަން ފަސޭހަ. ކުރިއާ ޚިލާފަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި، މަގު ފުޅާވެފައި މިއޮތީ.
އަޙްމަދު ޖަދުވާން:
ވަފީޤާ، އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ހިއެއްނުކުރަން އިނގޭތޯ. މާލޭގެ މަގަކަށް މިހާބޮޑު ބަދަލެއް އަތުވެދާނެ ކަމަކަށް. އަޅުގަނޑުމެންނަށް ރައީސް، އަބަދުވެސް މި އަޑުއިވެނީ މާލޭގައި ދެން މިއޮތީ ވާނޭހާ އެއްޗެއްވެފައޭ. ދެން މާބޮޑު ބަދަލެއް ނުއެއްގެނެވޭނެއޭ، ތަރައްޤީއާއި ކުރިއެރުމުގައި. ޚާއްޞަކޮށް، ޒަމާނާ ގުޅޭ، ދިމާވެފައި ހުރި މައްސަލަތައް ޙައްލުވާކަހަލަ ބަދަލެއް ނުގެނެވޭނެއޭ. އެހެންނަމަވެސް، ކަންކަން ކުރައްވަން ޤަޞްދުކުރެއްވީމާ، އެކަން ކުރައްވަން އުޅުއްވީމާ، ކުރެއްވޭ ތަން އަޅުގަނޑުމެންނަށް އެބަފެނޭ. މި ރިންގް ރޯޑުގައި އެންމެފަހުން މި ނިމުނު ބައި ހަމަގައިމުވެސް، ޕާކިންގއަށްވެސް ޖާގަ ލިބިފައި، މަގުވެސް ފުޅާވެފައި، ހިތްގައިމުވެފައި. ދެން ވަރަށްގިނަ މީހުން މި ވާހަކަ އެބަ ދައްކާ. އެހެންނަމަވެސް، މީގައި ތަފާތު އެކި ވާހަކަވެސް އެބަ ދައްކާ. އެހެންނޫންތޯ؟
ވަފީޤާ ޙާމިދު:
އާދެ، ދެން މި މަޝްރޫޢާ އެކީގައި، އަޅުގަނޑުމެންނަށް އެބަ ޔަޤީންވެގެންދޭ، މާލޭގައި މިހުރި އިތުރު މަގުތައް ޒަމާނީ ފެންވަރަށް މިގޮތަށް ހެދޭނެކަމުގެ ޔަޤީންކަން. ޕާކިންގ ޒޯންތަކާއެކީގައި. އެހެންނަމަވެސް، ޖަދުވާން ތި ފާހަގަކުރިހެން، ހަމަ ކޮންމެ މަޝްރޫޢެއް ނިމޭއިރަށް އަޅުގަނޑުމެންނަށް އޭގެ މިލްކުވެރިކަމާމެދު ސުވާލު އުފެދިގެން މިދަނީ. މިފަހަރުގެ މި މަޝްރޫޢާ އެކީގައިވެސް ހަމަ މިގޮތަށް މިލްކުވެރިކަމާމެދު ސުވާލު އުފެދިގެން އެބަދޭ. މިފަދަ ކޮންމެ ކަމެއް މިގޮތަށް ނިމޭއިރު، ސިޔާސީ މަސްރަޙުގައި މި ހިނގަނީ ކޮން ކަންތައްތަކެއްތޯ؟ ކިހިނެއްތޯ ރައީސް މިކަމާމެދު ދެކެވަޑައިގަންނަވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
އާދެ، ވަރަށް މުހިންމު މަޝްރޫޢެއްގެ ވާހަކަ، ފަށްޓަވަމުންވެސް ތިޔަ ފާހަގަކުރެއްވީ. ޙަޤީޤަތުގައި މާލޭގެ ރައްޔިތުންނަށް އެންމެދަތިވާ އެއް މައްސަލައަކީ، އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، މާލޭގެ މަގުތަކުގެ ޙާލަތުގެ ވާހަކަ ދޮގެއްތޯ. ދެން އަޅުގަނޑު މިކަމަށް ޙައްލެއް ގެނައުމަށް، ރިޔާސީ އިންތިޚާބުގައިވެސް އެންމެ މުހިންމު އެއް ސަމާލުކަމެއް ދިން ކަމަކަށްވި އަދި ވަޢުދެއްވީވެސް މިކަން ޙައްލުކުރުމަށް ދޮގެއްތޯ. އެހެންވީމާ، އެ އިސްކަންދީގެން މަސައްކަތް ފެށީވެސް.
ދެން މާލޭގެ މަގުހެދުމުގެ މަޝްރޫޢަކީ، ވަރަށްބޮޑު މަޝްރޫޢެއް. ޙަޤީޤަތުގައި މާލޭގެ މަގުހެދުމުގެ މަޝްރޫޢަކީ، އެއްގޮތަކުން ބަލަންޏާ، މުޅި ރާއްޖޭގައި ހިންގޭނެ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫޢަށްވެސްވުން އެކަށީގެންވޭ. އެހާގިނަ މަގުތައް ހުރީމަ، އަދި ގާތްގަނޑަކަށް ހުރިހާ މަގެއްހެން ހަދަންޖެހޭތީ، ޚަރަދުގެ ގޮތުން ބަލާއިރުގައި، އެއީ އެއް ސްކޭލަށް ބަލާއިރު، ސްކޯޕަށް ބަލާއިރުގައި އެންމެ ބޮޑު މަޝްރޫޢަށް ވެދާނެ. ސަރުކާރުގެ ބަޖެޓުން ނުކުރެވޭނެތީ، އަޅުގަނޑުމެން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ރިކްއެސްޓް ކޮށްގެން ޗައިނާގެ ސަރުކާރުން މިކަން ހަމަޖައްސަވައިދެއްވީ. އެއީ، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށްޓަކައި ޗައިނާ ސަރުކާރުން ވެދެއްވާ ވަރަށް ވަރަށް ބޮޑު އެހީއެއް. ދެން ޕްރޮސީޖަރތައް، މަރުޙަލާތައް ކަޑައްތުކުރުމަކީ، އެ އޮންނަ އުޞޫލުން ކުރަންޖެހޭނެ ކަމަކަށްވާތީ، ފަހަރަކު ކަމެއް އެ ކުރިއަށްދަނީ. އަޅުގަނޑު ހަމަ އަބަދުވެސް ފާހަގަކުރަމުންދިޔަ އަދި އެންމެފަހުންވެސް އަޅުގަނޑު ފާހަގަކުރިންކަންނޭނގެ، އިރާދަކުރެއްވިއްޔާ. މި އަހަރުގެ ނިޔަލަށްދާއިރުގައި، ވަރަށް އުންމީދު އެބަ ކުރެވޭކަން، ޢަމަލީގޮތުން ޗައިނާ ޕްރޮޖެކްޓް ފެށިގެންދާނެ ކަމުގައި.
އޭގެކުރިން، އެ ޕްރޮޖެކްޓްގައި ނުހިމެނޭ ބައި ހެދުމުގެ މަސައްކަތް، ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އަޅުގަނޑުމެން މި ކުރަނީ. ޚާއްޞަކޮށް، އެމް.ޓީ.ސީ.ސީ. އެމް.ޓީ.ސީ.ސީ.އަކީ މިކަމަށް އެންމެ ޤާބިލް އެއް ކުންފުނި. ޚާއްޞަކޮށް، ޝީޓް ޕައިލްކޮށް، މިކަހަލަ މަސައްކަތްތައް ކުރަން ބަލާއިރު، އެމް.ޓީ.ސީ.ސީ އެންމެ ރަނގަޅުވާނީ. އެހެންވީމާ، އަޅުގަނޑުމެން ބޭރުމަގުގެ މަސައްކަތް، ޗައިނާ ޕްރޮޖެކްޓް ފެށެންވާއިރަށް ނިންމައިލެވޭތޯ މި މަސައްކަތް ކުރަނީ.
ރިންގްރޯޑުގެ ގޮތުގައި، ބޭރުމަގު ކޮމްޕްލީޓް ކުރުމުގެ މަސައްކަތް މި ކުރަނީ. ދެން މީގެ ފުރަތަމަ މަރުޙަލާ، އެންމެ ފުރަތަމަ މަރުޙަލާ ކުރިއަށްދިޔައީ، އަޅުގަނޑު ހައުސިންގ މިނިސްޓްރީގައި ހުރިއިރުގައި. އޭރުގައި ވަކިވަރަކަށް ކުރިއަށް ގެންދެވުނީ. ދެން އައި ސަރުކާރުން އެ ޕްރޮޖެކްޓް ކުރިއަކަށް ނުގެންދޭ. ދެން އަނެއްކާ އަޅުގަނޑުމެން މިހާރު މި ފެށީ. ދެން އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައިވެސް މަސައްކަތްތަކެއް ކުރިން އިނގޭތޯ. މި މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، ބޮޑެތި މަގުތަކެއް ހެދޭތޯ. ވަރަށްގިނަ މަސައްކަތް ކުރިން. އޭރުގައި އާރު.ޑީ.ސީ.އާއެކު އެގްރީމަންޓެއްގައިވެސް ސޮއިކުރެވުނު. އޭރުގެ ސަރުކާރުން ހިނގަމުންދިޔަ މަގުހެދުމުގެ މަޝްރޫޢު، އޭރުގެ ސިޓީ ކައުންސިލާއި އާރު.ޑީ.ސީ.އާ ދޭތެރޭ އޮތް މަޝްރޫޢު، ކައުންސިލަށް އެނގުމަކާނުލައި ކުއްލިއަކަށް ހުއްޓާވެސްލީ. ގެންދެވީ. ގެންގޮސް އެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގެއް ނުދެއްކެވި. ދެން އަމީނީމަގުގެ މަސައްކަތް ކޮންމެވެސްވަރަކަށް އެ ބޭފުޅުން ކުރެއްވި. ނުނިމެނީސް ސަރުކާރު ބަދަލުވެގެންދިޔައީ. އެއީ، މާޒީ ދިޔަގޮތަކީ ދޮގެއްތޯ.
އެހެންވީމާ، މިހާރު މި ކުރެވޭ މަސައްކަތަކީ، ބޮޑުތަކުރުފާނު މަގުގެ ބާކީބައި ނިންމުމުގެ މަސައްކަތް. ދެން އެ މަސައްކަތް ބައިބަޔަށް ބަހާލައިގެން، ފުރަތަމަ އަޅުގަނޑުމެން މިދިޔަ ރޯދަމަސް ފެށެންވާއިރަށް ނިންމީ ބާޒާރުމަތި ދޮގެއްތޯ. އެވެސް ވަރަށްގިނަ ރައްޔިތުންނަށް ފަސޭހަވެގެންދިޔަ ކަމަކަށް ވެގެންދިޔައީ. ޚާއްޞަކޮށް، ބާޒާރުމަތި ބޭނުންކުރާ ފަރާތްތަކަށް އިރާދަކުރެއްވީތީ ވަރަށްލުއިވެފައި އެވަނީ. ދެން ހަމައެއާއެކީގައި، މިހާރު މި ނިންމީ ނަސަންދުރައާ ހިސާބުން ގޮސް ޢިއްޒުއްދީން ފާލަމާ ހަމައަށް އޮތްބައި. ދެން އޭގެ ސަބަބުންވެސް އޮފީސްތަކާއި، ބޭންކުތަކާ، ދެންގޮސް މި ސަރަޙައްދު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވަރަށް ފަސޭހަވެގެން މިދިޔައީ. ދެން އެއާއެކީގައި، މާލޭގެ އެތެރެއިންވެސް ޓްރެފިކަށް ލުއިތަކެއް އަންނާނެ އިނގޭތޯ. އެއީ، ފަސޭހަކަމާއެކީގައި ވަށައިގެން ދަތުރުކުރެވޭ ކަމަށްވަންޏާ، އެތެރޭގެ މަގުތައް ބޭނުންކުރާވަރު މަދުވެގެންދާނެ. ދެން އިރާދަކުރެއްވީތީ އެކަންވެސް ރައްޔިތުން އެދަނީ އިޙްސާސް ކުރަމުން، އެކްސްޕީރިއަންސް ކުރަމުން.
މި މަޝްރޫޢުގެ ބާކީއޮތް ސެގްމަންޓް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭނެ. އެއީ، ބާކީ މިއޮތީ އެމް.ޕީ.އެލް. އިން ފެށިގެން ގޮސްފައި، ދެން ސުނާމީ ބިނާއާ ހަމަޔަށް ދިޔައީމަ، ރިންގް ކޮމްޕްލީޓްވާނެ، ފުރިހަމަވާނެ. އެކަން އެކީގައި ވެނިމުނީމަ، އިރާދަކުރެއްވިއްޔާ މުޅި މާލެ ވަށައި، ކޮޅަކަށް ދެ ލޭން ހިމެނޭ މަގެއް އޮންނާނެ، ރަނގަޅު ފެންވަރުގައި ހެދިފައި. އޭގެ ސަބަބުން މާލެތެރެއަށްވެސް ވަރަށްބޮޑު ލުޔެއް ލިބި، އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހަވެގެންދާނެ.
މަގުހެދުމަކީ ތަރައްޤީ ހާސިލުކުރުމުގައި ވަރަށް މުހިންމު ކަމެއް އިނގޭތޯ. އަޅުގަނޑު އަބަދުވެސް ފާހަގަކުރާ ކަމެއް. ތަރައްޤީ ގެނައުމުގައި ޚާއްޞަކޮށް، އިޤްތިޞާދީ ތަރައްޤީ ގެނައުމުގައި އަދި އިޖުތިމާޢީ ތަރައްޤީ ތަނަކަށް ގެނައުމުގައިވެސް ޓްރާންސްޕޯޓް ނިޒާމަކީ، ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ޤާއިމުކުރުމަކީ އެއީ، އެންމެ ފުރަތަމަ ކުރެވޭ އެއް ކަންތައް. ކުރީގައި ދުނިޔޭގައި އިންޑަސްޓްރިއަލް ރިވޮލިއުޝަން އައިއިރުގައިވެސް އެންމެ ފުރަތަމަ ކުރި ކަމަކީ އިފެކްޓިވް ޓްރާންސްޕޯޓް މެކޭނިޒަމް ޤާއިމުކުރެވޭތޯ ބެލީ. ދެން އެހެންވީމާ، އެ ތަރައްޤީ ގެނައުމުގައި، ތަރައްޤީގެ މަގަކީ މަގުހެދުން ކަމަށްވެސް ދެންނެވިދާނެ. އެހެންވީމާ، އަޅުގަނޑުމެން ބަލަނީ މާލޭގައިވެސް އަދި ރަށްރަށުގައިވެސް މަގުހެދުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭތޯ.
ދެން ތިޔަ ފާހަގަކުރެއްވި އޯނަރޝިޕް ނެގުމުގެ ކަންތައް. އެއީ، ދެން ސިޔާސީ ފަރާތްތަކުން ކުރާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. މީގައި މުހިންމީ ރައްޔިތުންނަށް ފައިދާވާކަހަލަ ކަމެއް ސަރުކާރަކުން ކޮށްފިއްޔާ، އެކަން ބަލައިގަތުން ދޮގެއްތޯ. އެކަމަކުން ރައްޔިތުންނަށް ފައިދާވަންޏާ. އެއީ އެކްސެޕްޓް ކުރަން، ނޫނީ ގަބޫލުކުރާ ކަމަކަށްވުން. އިދިކޮޅުވުމަކީ، އިދިކޮޅު ފަރާތްތަކުގެ މާނައަކީ، ކޮންމެ ކަމަކަށް އިދިކޮޅުހެދުމެއް ކަމަކަށް ނުވާނެ. އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ރަނގަޅު ގޮތެއްނޫން. ޤައުމަށް ފައިދާވާ، ރައްޔިތުންނަށް ފައިދާވާ ކަމެއް، އެއިރެއްގައި އޮންނަ ސަރުކާރަކުން ކޮށްފިއްޔާ، އެކަމަކަށް މަރުޙަބާ ކިޔުން. އެކަން ބަލައިގަތުން. އަދި އެކަން ކުރުމުގައި ގޯސްކަމެއް ކޮށްފައި އޮވެއްޖިއްޔާ، ނޫނީ އެއަށްވުރެ ފުރިހަމައަށް ކުރެވޭނެ ކަމެއް އޮތް ކަމަށްވަންޏާ، އެ ކަމެއް ފާހަގަކުރުން. މިސާލަކަށް، ތިމަންނަމެންގެ ސަރުކާރެއްގައި ނަމަ، މިހެންނޭ ކަން ކުރާނީ. އެއީކަންނޭނގެ އިދިކޮޅު ފަރާތްތަކުން، ކަން ކުރަންޖެހޭ ގޮތަކީ. އެކަމަކު އެއަށްވުރެ ތަންކޮޅެއް އަންޕްރޮފެޝަނަލް ގޮތަކަށް އަބަދުވެސް ކަންކަން އެބަދޭ. ދެން އެއީ، އަނެއްހެން އަޅުގަނޑަކަށް މައްސަލައެއްވެސް ނޫން. އެކަމަކު އަޅުގަނޑު ހިތުން ރައްޔިތުން އެއަށްވުރެ މާ ހޭލުންތެރި. ރައްޔިތުން ފާހަގަކުރައްވާ. ރައްޔިތުން ބައްލަވާ. ކޮންއިރަކު، ކިހިނެއް، ކޮންކަމެއްކަން ކުރެވިފައިވަނީ. މި ޕްރޮޖެކްޓް ފެށިގެން އައިގޮތްވެސް ދޮގެއްތޯ. މިކަމުގައި އަޅުގަނޑުމެން ފައިސާ ހަމަޖައްސާފައި މިވަނީ ކިހިނެއްކަން.
ދެން ހަމަ ޔަޤީނުންވެސް މި ސަރުކާރުން މި ހިންގި، މާލޭގައި މި ހިންގި މަގުހެދުމުގެ މަޝްރޫޢުތަކަކީ، މި ސަރުކާރު އައިސްގެން، އިނީޝިއޭޓް ކުރެވިގެން، ފައިސާ ހަމަޖައްސައިގެން ހިނގަމުންދިޔަ މަޝްރޫޢުތަކެއް. މީގެ މާޒީ އޮތްގޮތްވެސް އަޅުގަނޑު މި ދެންނެވީ. ކުރިން ކުރި މަސައްކަތެއްވިޔަސް، ކުރީ ހަމަ އަޅުގަނޑު މިނިސްޓްރީގައި ހުރެގެން ކުރި މަސައްކަތްތަކެއް. ދެން އަޅުގަނޑު މޭޔަރަކަށް ހުރެގެން ކުރަންއުޅުނު މަސައްކަތްތަކަށް ހުރަސްއެޅިގެންދިޔަ ވާހަކަ އަޅުގަނޑު ފާހަގަކުރީ.
ދެން ކުރި ކަމެއްވިއްޔާ، މިދިޔަ ސަރުކާރުން ކުރި މަސައްކަތް އަމީނީމަގުގެ މަސައްކަތް، އަނެއްކާ އަޅުގަނޑުމެން މި ޖެހެނީ ކުރަން. މިހާރު އެއޮތީ މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައި. އަނެއްކާ އެ މަސައްކަތް ކުރީ އޭރުގައި މާލޭގެ މޭޔަރަކަށް އަޅުގަނޑު ހުރެ، އާރު.ޑީ.ސީ.އާ ހަވާލުކުރަން ނިންމާފައި އޮތް އަގުގެ ދެގުނައަށްވުރެ ބޮޑުކޮށް ހަވާލުކޮށްގެން. އިތުރު ވަކި ސްކޯޕް ބޮޑުކޮށެއްވެސް ނޫނޭ. އެހެންވީމާ، މިއީ މާޒީގައި ކުރެވިފައި، ދެކެވިފައި ހުރި، ފެންނަންހުރި ޙަޤީޤަތްތަކެއް. މިހާރުވެސް ހަމަ ޞަފްޙާތައް އުކާލީމާ ފެންނަން ހުންނާނެ ޙަޤީޤަތް. އެހެންވީމާ، މިއީ މިވާގޮތަކީ އިނގޭތޯ. އެހެންވީމާ، އަޅުގަނޑު މާބޮޑަކަށް އެކަމަކާ ކަންބޮޑެއްނުވޭ. މީގައި ހުރިހާ ފަރާތްތަކުންވެސް އިޚްލާޞްތެރިކަން އިސްކޮށް، ޤައުމަށް ހެޔޮގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރަންޏާ، އަޅުގަނޑު ހިތުން ކަންކަން ދާނީ ރަނގަޅަށް.
އަޙްމަދު ޖަދުވާން:
އާދެ، ރައީސް އެ ވިދާޅުވިހެން، އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ތެރޭގައިވެސް އިންޞާފުން ވާހަކަފުޅު ދައްކަވާ ވަރަށްގިނަ ބޭފުޅުން ރަނގަޅުގޮތުގައި ފާހަގަވެސް ކުރޭ އިނގޭތޯ. އަޅުގަނޑަށް ފާހަގަކުރެވޭ، ސޯޝަލް މީޑިއާގައިވެސް ހަމަ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅުންވެސް މި މަގުގެ ކަންކަން ވަރަށް ރަނގަޅަށް ގޮސްފައި އޮތްކަން، އަދި ވަރަށް ހިތްގައިމުކަން ފާހަގަކުރައްވާފައިވޭ. އެހެންވީމާ، ވަރަށް ރަނގަޅު މަސައްކަތެއް، ވަރަށް ފައިދާހުރި، ރައްޔިތުން ވަރަށް އުފާވާ ކަމެއް ކަމަށް އަޅުގަނޑުމެން އެންމެންވެސް ބަލައިގަންނަ ކަމެއް އިނގޭތޯ. ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަދި އަޅުގަނޑު ހަމަ އެއްޗެއް ދަންނަވާލާފައި ތިކަމުގައި ކުރިއަށްދާނީ އިނގޭތޯ.
މި މަގުހެދުމުގެ މަޝްރޫޢުގައި ދެން އަޅުގަނޑު ކުރީ ދުވަހު ޓުވީޓެއްވެސް ކޮށްފައި ހުންނާނެ. އެއީ ކުޑަކޮށް ބާކީހުރި މަސައްކަތްތައް ދަންނަވާލުމުގެ ގޮތުން. ރުއް ޖެހުމުގެ މަސައްކަތުގައި އިރާދަކުރެއްވިއްޔާ، ވޯޓަރ ފްރޮންޓަށްވާ ފަރާތް އެކީގައި ދިވެހި ރުއް ޖަހާނެ. ދިވެހިވަންތަ ސިފަ ދައްކަން އަޅުގަނޑު ބޭނުންވާތީ. ދެން މަގޫގަސް ކަހަލަ ގަސްތައް އިންދުމާ، މިކަހަލަ ކަންތައްވެސް. ދެން އެއާއެކީގައި، މޫދުގައި މި ލޯންޗުތައް ބޭނުންކުރާ ސަރަޙައްދުގައި ކުދިކުދި ޖެޓީތަކެއް އަޅުގަނޑުމެން މި ހަދަނީ. ދެން ހުރިހާ ކަމެއް ނިންމާފައި މަގުހުޅުވަން މަޑުނުކުރީ، އަވަހަށް މަގު ހުޅުވާލަން ބޭނުންވާތީ.
އެހެންވީމާ، ގާތްގަނޑަކަށް ހައެއްކަ ޖެޓީ ހެދިގެންދާނެ. ފިންގަރ ޖެޓީތަކެއް ނެރެވޭނެ. އޭރުން ހުރިހާ ލޯންޗުތަކުން އައިސް ސީދާ ޖެޓީއަށް ފޭބޭނެ. މިހާރު ލޯންޗަކަށްފަހު ލޯންޗެއް މިހެން ކައިރިކުރަމުން ގޮސް، އެއް ލޯންޗުން އަނެއް ލޯންޗުން މިހެން އަރަމުންކަހަލަ ގޮތަކަށް ގޮސް އެއްގަމަށް މި އެރެނީ. އެހެންވީމާ، ގާތްގަނޑަކަށް ހުރިހާ ލޯންޗަކަށް ސީދާ އެއްގަމަށް ކައިރިކުރެވޭ ކަހަލަ ގޮތެއް އޭރުން ވެގެންދާނީ. އެހެންވީމާ، އެ މަޝްރޫޢާއި، މި ދެންނެވީ އެ ފޭސްއާއި ދެން ރިންގްރޯޑުގެ ބާކީއޮތް ފޭސްއާއެކީގައި، އަޅުގަނޑުމެންގެ ޓާގެޓަކީ އިރާދަކުރެއްވިއްޔާ ނޮވެންބަރު މަސް ނިމެންވާއިރަށް ނިންމައި، މުޅި ބޭރުމަގާއި ފަޅުތެރޭގެ މަސައްކަތް ނިންމާލުން.
އަޙްމަދު ޖަދުވާން:
އާދެ، އަޅުގަނޑުމެން ދެން މިއަދުގެ މި ޕޮޑްކާސްޓުގެ ބޮޑުބައި އަމާޒުކުރަން ޤަޞްދުކޮށްފައިވަނީ މިނިވަންދުވަހު ރައީސް ދެއްވި އެ ޚިޠާބުގެ ނުވަތަ ތަޤްރީރުގެ މައްޗަށް އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
އަޙްމަދު ޖަދުވާން:
ދެން މި ތަޤްރީރާ ގުޅިގެން ވަރަށްގިނަ ވާހަކަތައް މިހާރުވެސް އެބަ ދެކެވޭ. ޢާންމުންގެ ތެރޭގައިވެސް އަދި ދިރާސާ ކުރައްވާ ބޭބޭފުޅުންގެ މެދުގައިވެސް އިނގޭތޯ. އަޅުގަނޑުވެސް ތަޤްރީރު އަޑުއަހާލިއިރުގައި އަޅުގަނޑަށް ފާހަގަކުރެވުނު، ވަރަށް އުންމީދީ، ވަރަށް މުހިންމު ގިނަ ވާހަކަފުޅުތަކެއް މަނިކުފާނު ފާހަގަކުރެއްވިކަން. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވާއިރުގައި، މަނިކުފާނު ވިސްނާވަޑައިގަންނަވާ ވަރަށްގިނަ ކަންކަން ހުންނާނެ. މީގައި ފާޑުވިދާޅުވާ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ބަލާއިރުގައި، ބައެއް ބޭފުޅުން ވިދާޅުވެފައި އެބަހުރި، ރައީސް ވިދާޅުވި ވާހަކަފުޅު ތިމަންނާއަކަށް އެހާ ކަމަކުނުދެއޭ. އެއީ، ޤައުމީ މިވަރުގެ ބޮޑު މުނާސަބަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޕޯޑިއަމްގައި ހުންނަވައި، މަނިކުފާނު ވާހަކަފުޅު ދެއްކެވިއިރު، ހީވިއޭ މި ހުންނެވީ ޕާޓީ ޕޯޑިއަމެއްގައޭ. މާ ސިޔާސީކޮށޭ ވާހަކަފުޅު ދެއްކެވީ. އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވާ. އަޅުގަނޑު ހިތަށްއަރަނީ، އެ ވާހަކަފުޅަށް މަނިކުފާނު ކީކޭބާވައޭ ވިދާޅުވާނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ހިތުން ކަންކަމުގެ ޙަޤީޤަތް ބަޔާންކުރީމަ، އެ ޙަޤީޤަތް ނިސްބަތްވާ ފަރާތްތަކަށް އެކަން ގަބޫލުކުރުމުގައި ދަތިކަމެއް އުޅެނީ. އެއީ މިވާގޮތަކީ. އަޅުގަނޑު ވާހަކަ ދެއްކީ ތެދު ޙަޤީޤަތަށް އިނގޭތޯ. ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި އަޅުގަނޑު އިސްކުރަނީ އިޚްލާޞްތެރިކަން އިނގޭތޯ. ވޭތުވެދިޔަ މާޒީގައި، ކަން ހިނގާފައި ހުރިގޮތާއި، އަޅުގަނޑުމެން އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާގޮތާއި، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ކަންކަން ޕްލޭން ކުރެވިފައި އޮތްގޮތް އަޅުގަނޑު ބަޔާންކުރީ އިނގޭތޯ.
މިނިވަންދުވަހެއްގައި އަޅުގަނޑުގެ މުޅި މެސެޖަކަށް އަޅުގަނޑު ދަންނަވާފައި ވާނީ މިނިވަންކަމަކީ ވަށައިޖެހޭ ކަމެކޭ. ހަމައެކަނި ސިޔާސީގޮތުން ލިބޭ މިނިވަންކަމަކުންނެއް މިނިވަންކަން އިޙްސާސެއް ނުވާނޭ. އަޅުގަނޑު ބޭނުމޭ، އަންނާން އޮތް ޖީލުތަކަށް ޙަޤީޤީ މާނައިގައި ދިވެހިރާއްޖޭގެ މިނިވަންކަން، ދިވެހީންގެ ރާއްޖެއެއްގެ ގޮތުގައި ފޯރުކޮށްދޭން. އެގޮތުން ބަލާއިރުގައި ޖެހެއޭ، ޚާރިޖީގޮތުންނާއި، ދާޚިލީގޮތުން، އިޖުތިމާޢީ ގޮތުން، ތަރައްޤީއާއި ތަމައްދުންގެ ގޮތުން، މިހެންގޮސް މި ހުރިހާ ގޮތަކުން މި ޤައުމަކީ މިނިވަން ޤައުމެއްގެ ގޮތުގައި ފޯރުކޮށްދޭން. މިހެންނޭ ކުރީގައި ކަންކަން ކޮށްފައި ހުރީ. އެހެންވީމާ، އެކަންކަން ބަދަލުކުރުމުގެ މަސައްކަތްތަކެކޭ އަޅުގަނޑުމެން މި ކުރަނީ. މިހިރީއޭ މިހާތަނަށް ކުރި ކަންކަމަކީ. ކުރިއަށް އޮތީ މިކަންކަމޭ. މުޅި ވާހަކަ އަޅުގަނޑު ދެއްކީ މިގޮތަށް. މިއީ ޚުލާޞާއަކީ.
އެހެންވީމާ، އޭގައި ނެތް، ސިޔާސީ ވާހަކައެކޭ އެ ބޭފުޅުން އެ ވިދާޅުވާ ގޮތެއް، އެ ބޭފުޅުން ޖެހޭނީ އެކްސްޕްލެއިން ކޮށްދޭން އިނގޭތޯ. އަޅުގަނޑު ދެއްކީ މި ވާހަކަ. މިސާލަކަށް ދަންނަވަންޏާ، އަޅުގަނޑު ދެންނެވިން، ޚާރިޖީ ސިޔާސަތު ކުރީގައި އެކި ސަރުކާރުތަކުގައި ހުރިގޮތް. ޤައުމުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރުގައި، ބޭރު ދުނިޔެއާއި ދިވެހިރާއްޖެއާ އޮތް ގުޅުމުގެ ވާހަކައަކީ އަންނަންޖެހޭނެ ވާހަކައެއް. މި ޤައުމަށް މިނިވަންކަން ލިބުނީވެސް ބޭރުގެ ޤައުމެއްގެ، އިނގިރޭސި ސަރުކާރާ އެކީގައި ވެވުނު އެއްބަސްވުމެއްގެ ތެރެއިން. އެހެންވީމާ، އެއީ ޚާރިޖީ ސިޔާސަތު. އެހެންނަމަވެސް، އެ ޚާރިޖީ ސިޔާސަތަކީ، ދިވެހީންގެ ރާއްޖޭގައި ދިވެހީންގެ އަމިއްލަ މުސްތަޤިއްލުކަމާއެކީގައި ދިވެހީން އިސްކުރެވިގެން ބައްޓަންކުރެވިފައި އޮތް ސިޔާސަތެއްތޯ. އެ މައުޟޫޢުގައި ވާހަކަ ދައްކަންޖެހޭ.
އެގޮތުން އަޅުގަނޑު ފާހަގަކުރީ، އެމް.ޑީ.ޕީ.ގެ ސަރުކާރެއް އަންނަ ކޮންމެފަހަރަކު އިޒްރޭލާ ގާތްކަމާއި، ޢަރަބިންނާއި މުސްލިމުންނާ ދުރުކަމާއި، ވަކި ޤައުމުތަކެއް އިސްކުރާކަމާއި، ނޫނީވިއްޔާ ބައެއްފަހަރު، ގާތްގަނޑަކަށް އަޅުގަނޑު އެ ދުވަހު ފާހަގަކުރިން ގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތެކޭ. މިކަންކަމަކީ ފެކްޓް. ފެންނަންހުރި ޙަޤީޤަތް. މިއިން ކަމަކާ ދެކޮޅުނެހެއްދެވެންޏާ، ނެހެއްދެވޭތީވެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ސިޔާސީ ވާހަކައެކޭ، ނޫނީ އެހެންކަހަލަ ވާހަކައެކޭ ދެއްކީ. އެހެންނަމަވެސް، އެއީ ހަމަ ޤައުމީ ވާހަކަ. އަޅުގަނޑު ދައްކާފައި އެހެރީ އިޚްލާޞްތެރިކަމާއެކީގައި. ޤައުމުގެ ކަންކަން ބަޔާންކުރީ އެއީ އެއްވެސް ފަރާތެއް ވިކްޓިމައިޒް ކުރާކަށްވެސް ނޫން އިނގޭތޯ. އެއްވެސްގޮތަކަށް ރައްޔިތުން ކުށްވެރިކޮށްފައެއްވެސް ނޫން. އަޅުގަނޑު ނުދައްކަން އެކަހަލަ ވާހަކައެއް. އަޅުގަނޑު ދެއްކީ ޤައުމުގެ ހެވާއި ލާބައަށްޓަކައި ޤައުމުގެ ކަންކަން އިޞްލާޙުކުރުމުގައި، އިޚްލާޞްތެރިކަމާއި ހެޔޮ ނިޔަތުގައި ދެއްކި ވާހަކަ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ސަރުކާރުގެ ސިޔާސަތު ބައްޓަންވެފައިވާ ގޮތް، އެ ދުވަހު އަޅުގަނޑުމެން ފާހަގަކުރިގޮތަށް ކުރިއަށްދާނެ. ޚާރިޖީ ސިޔާސަތު އަޅުގަނޑުމެން ހަމަ އަބަދުވެސް ގެންގުޅެނީ ފެށުނީއްސުރެ އަޅުގަނޑު މެނިފެސްޓޯ އިޢުލާނުކުރި ދުވަހު އެ ތަނުގައި އަޅުގަނޑު އިޢުލާނުކުރިގޮތަށް މިއަދާ ހަމަޔަށްވެސް އެއްވެސް ބަދަލެއްނައިސް މި އަންނަނީ. އެއީ ދިވެހީން އިސްކުރުމުގެ، މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީ. އެ ޕޮލިސީގެ ދަށުން އަޅުގަނޑުމެންނާ ގާތް ގުޅުން ބާއްވަން ބޭނުންވާ އެންމެންނާ އޮންނާނެ ގާތް ގުޅުން އިޒްރޭލު ފިޔަވާ. އެހެންވީމާ، އެ ސިޔާސަތުގެ ދަށުން އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ.
ދެން އަޅުގަނޑު ފާހަގަކުރިން ޑިމޮކްރަސީގެ ވާހަކަވެސް ދޮގެއްތޯ. ޑިމޮކްރަސީ މިތަނުގައި ތަންފީޒު ކުރުމުގައި މިހާރު މިއޮތްވަރުގެ މިނިވަންކަމެއް ދުވަހަކުވެސް ނެތްކަން އެއީ ޙަޤީޤަތް ހަމަ ޙަޤީޤަތުގައިވެސް. މިހާރު އެއްވެސް ބޭފުޅަކަށް ވިދާޅެއްނުވެވޭނެ، އެ ބޭފުޅަކު ސިޔާސީގޮތުން ކުރަން ބޭނުންވާ މަސައްކަތަކަށް ހުރަސްއެޅޭ ވާހަކައެއް. އެހެން ވިދާޅުވާ ބޭފުޅަކު ޖެހޭނެ ސާބިތުކޮށްދޭން އެކަމެއް ދޮގެއްތޯ. އިންސްޓިޓިއުޝަންސްތައް، ސަރުކާރުގެ އިންސްޓިޓިއުޝަންތައް، މުއައްސަސާތައް އެބަދެން އަޅުގަނޑުމެން އިދިކޮޅު ސިޔާސީ މަސައްކަތް ކުރަން. ދެން މިހެން ގޮސްފައި އެތައް ކަމެއް އަޅުގަނޑު ފާހަގަކުރިން. ސިޔާސީ ވެރިން ޖަލަކަށް އަޅުގަނޑުމެން ނުލަން. ސިޔާސީ ބޭނުމެއްގައި، ނޫނީވިއްޔާ ސިޔާސީ ވިސްނުމެއްގައި ހައްޔަރުކުރި މީހެއް ނުހުންނާނެ. ސުވާލެއް ކުރަން ގެންދިޔަ މީހެއްވެސް ނުހުންނާނެ. އަދި އަމުދުން ޖަލަށްލީ މީހަކު ނުހުންނާނެ. އަދި ނުވެސް ކުރާނަން އެކަމެއް އަޅުގަނޑެއް.
އަޅުގަނޑު ދެންނެވިން، މި ޤައުމުގައި މިއަދާ ހަމަޔަށް މިއޮތް، ނޫނީވިއްޔާ މި ސަރުކާރު އަންނަންދެން އޮތް، އަބަދު ބަދަލުހިފުމުގެ ރޫޙު، އެ ނުބައި އާދަ ނައްތައިލާނަމޭ. އެހެންވީމާ، އަޅުގަނޑު ދެއްކީ އެ ވާހަކަ އިނގޭތޯ. މި ޖަރނީ އަޅުގަނޑު ކިޔައިދިނީ. ކުރިން އޮތްގޮތް، މިހާރު އޮތްގޮތް، ކުރިއަށް އޮތް ތަނުގައި ކަންކަން ފެންނާނެގޮތް. އެހެންވީމާ، އެއީ އެއްގޮތަކަށްވެސް ސިޔާސީ ވާހަކައެއް ނޫން.
އަޙްމަދު ޖަދުވާން:
ވަފީޤާ، ރައީސް އެ ވިދާޅުވިހެން އިނގޭތޯ، ޤައުމެއްގެ މިނިވަންކަމާއި، އެ ޤައުމުގެ ޚާރިޖީ ސިޔާސަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮންނަނީ. އަޅުގަނޑުމެންގެ މިނިވަންކަމާވެސް ވަރަށް ބޮޑަށް ގުޅިފައި އެބައޮތް. މިނިވަންކަން ގެއްލުމާވެސް ގުޅިފައި އެބައޮތް ޚާރިޖީގޮތުން. މިސާލަކަށް، ވޯރާ ވިޔަފާރިވެރިންގެ މައްސަލައާއި އަދި އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަށް ކުރިމަތިވި އެކި ދަތިތަކާ، މިހެންގޮސް ސިޔާސީގޮތުން އަމިއްލަ ޒާތީ މަންފާ ހޯދަން ބޭރުގެ ފަރާތްތަކާ ނަހަމަ ގުޅުންތަކެއް ޤާއިމުކުރި ކުރުމުގެ ނަތީޖާވެސް މާޒީގައިވެސް ފެންނަން އެބަހުރި، ރައީސް ތިޔަ ވިދާޅުވިހެން އިނގޭތޯ. އެ ވާހަކަފުޅުތައް ރައީސް މިނިވަންދުވަހުގެ ތަޤްރީރުގައި ވަރަށް ބޮޑަށް ފާހަގަވެސް ކުރެއްވި. މީގެތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ވަރަށް މުހިންމު ނުކުތާއެއް ދޮގެއްތޯ ވަފީޤާ، ޚާރިޖީގޮތުން ކުރިއަށް އޮތް ތަނުގައި ގެންނާނެ މުހިންމު ބައެއް ބަދަލުތަކުގެ ވާހަކަ.
ވަފީޤާ ޙާމިދު:
އާދެ، ޚާއްޞަގޮތެއްގައި އަޅުގަނޑުމެންގެ ރާއްޖެ މި އަވަށްޓެރި ޤައުމުތަކާއެކީގައި ވަރަށް ގާތް ގުޅުމެއް އަދި ދުނިޔޭގެ އެކި ޤައުމުތަކާ އެކީގައިވެސް ރާއްޖެއަށް މި ފައިދާވާ ކަންތައްތަކުގައި ޚާއްޞަ ގޮތެއްގައި މިކަންކަމުގައި ދުނިޔޭގެ އެކި ޤައުމުތަކާ އެކީގައި ވަރަށްގާތް ގުޅުންތަކެއް ބާއްވަމުން މިދަނީ. ސާރކުގެ ޙަރަކާތްތަކަކީވެސް ރާއްޖެއަށް ވަރަށް މުހިންމު ޙަރަކާތްތަކަކަށް އެބަވޭ. އަދި ޚާއްޞަގޮތެއްގައި ސަރަޙައްދީ ޤައުމުތަކުގެ މި ގުޅުމަށްވެސް ވަރަށްބޮޑު އަސަރެއް ކުރާ ޙަރަކާތްތަކަކަށް އެބަވޭ. ރައީސްގެ ވާހަކަފުޅުގައި އެބަވޭ، ހަމަ ސާރކުގެ ޙަރަކާތްތައް އަލުން ފެށުމަށް ސަރަޙައްދީ ޤައުމުތަކަށް އިލްތިމާސް ކުރައްވާފައި ދޮގެއްތޯ. ދެން މީގެ މެދުވެރިއެއްގެ ރޯލު ރާއްޖެ އިސްވެ ކުރުމަށް ތައްޔާރަށް އޮތް ކަމަށްވެސް ހާމަކުރެއްވި. ކިހާވަރަކަށް ރާއްޖެ މިކަމަށް ތައްޔާރަށް އެބައޮތްތޯ؟ ކިހިނެއްތޯ މިކަމާ ދޭތެރޭގައި ދެކެވަޑައިގަންނަވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ހަމަ ވަރަށް ބޮޑަށް ތައްޔާރަށް މިއޮތީ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ ބޭނުމަކީ، މި ސަރަޙައްދު އެކުވެރިކަމާއެކީގައި އެންމެން ވާހަކަ ދައްކައިގެން އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި އެއް ޤައުމު އަނެއް ޤައުމުގެ ކުރިއެރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރާ މަންޒަރު އަނެއްކާވެސް އެ މާޙައުލަށް އެނބުރި އައުން.
ސާރކް މިއީ އެގޮތުން ބަލާއިރުގައި، ހަމަ އެންމެ އައިޑިއަލް އެންމެ ފުރިހަމަ ޕްލެޓްފޯމް. މީގެކުރީގައި އަށްޑިހައިގެ އަހަރުތަކުގެ މެދުތެރޭގައި، އޭރުގައި ސާރކްގެ ޤައުމުތަކުގެ ވެރިން، ރާއްޖެއިންވިއްޔާ ރައީސް މައުމޫން ހަމަ ވަރަށްބޮޑު ލީޑަރޝިޕް ދައުރެއް އަދާކުރައްވައިގެން، އެހެންވީމާ، ސާރކްގެ އޭރުގެ އެހެން ޤައުމުތަކުގެ ވެރިންނާ އެކުގައި ފެށްޓެވި މަސައްކަތެއް މިއީ. އޭގެ ސަބަބުން ހަމަ ސާރކްގެ ހުރިހާ ޤައުމަކަށް ފައިދާވި. މި ސަރަޙައްދުގެ ޕީސް އެންޑް ސްޓޭބިލިޓީއަށް މަސައްކަތްކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން އެންމެން ގުޅިގެން ޞުލްޙަވެރިކަމާއެކީގައި މަސައްކަތް ކުރަންވާނެ. އެހެންނަމަވެސް، ހިތާމައަކީ ގާތްގަނޑަކަށް ނުވަވަރަކަށް އަހަރު، ދިހަވަރަކަށް އަހަރު މިވަނީ ސާރކްގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ލެވެލްގައި މި ޙަރަކާތް ނުހިނގާތާ.
އެހެންވީމާ، އަޅުގަނޑު މި ދެންނެވި ވާހަކައަކީ، މިކަމަށް ހިނގާށޭ ނިމުމެއް ގެންނަމާ. އަޅުގަނޑުމެންނަށް ވާހަކަ ދައްކައިގެން ޙައްލުނުކުރެވޭނެ ކަމެއް ނޯންނާނެއޭ. އެހެންވީމާ، މި ވާހަކަތައް ދައްކައިގެން ޞުލްޙަވެރިކަމާއެކީގައި އަލުން ސާރކް ޙަރަކާތްތެރިވާން ފެށުމުގައި މެދުވެރިއެއްގެ ދައުރު ދިވެހިރާއްޖެއިން އަދާކުރަން މިތިބީ ތައްޔާރަށޭ. އެއީ، އެކަން އެގޮތަށް ކޮށްގެން ނަމަވެސް، ހިނގާށޭ ސާރކް އަނެއްކާވެސް މަސައްކަތް ކުރަން ފަށަން. އެހެންވީމާ، އަޅުގަނޑުމެން މިތިބީ ހަމަ މިއަދުވެސް ތައްޔާރަށް. މި މަސައްކަތުގައި، ސާރކްގެ ގިނަ ޤައުމުތަކާއެކީގައި އަޅުގަނޑުމެންނަށް މަސައްކަތްތައް ކުރެވޭނެ. އިރާދަކުރެއްވިއްޔާ ހުރިހާ ޤައުމެއް މިކަމަށް އޮންބޯޑްވެ، އުންމީދަކީ މާލަސްތަކެއްނުވެ އަނެއްކާވެސް ސާރކްގެ އިސްވެރިންގެ ސަމިޓް ބޭއްވޭގޮތްވުން.
އަޙްމަދު ޖަދުވާން:
އާދެ، ވަރަށް މުހިންމު، ރާއްޖޭގެ ވަރަށް އިސް ދައުރަކާ އެކީގައި އުފެދުނުވެސް ޖަމާޢަތެއް ސާރކަކީ. އެހެންވީމާ، ރައީސް ތިޔަ ނިންމެވި ނިންމެވުމާއި، ކުރައްވަން ތިޔަ ފަށްޓަވާ މަސައްކަތަކީ، ހަމަގައިމުވެސް ތާރީޚުގެ ތެރެއިން އަނެއްކާވެސް ދިވެހި ޤައުމުގެ ނަން ވިދާލާނެ މަސައްކަތަކަށްވާނެ ކަމުގެ ޔަޤީންކަން އެބައޮތް.
ރައީސް، ދެން މިނިވަންދުވަހުގެ ތަޤްރީރުގައި ރައީސް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރެއިން ވަރަށް ބޮޑު މަސައްކަތެއްގެ ވާހަކަ އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ. އެއީ، ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ގެއްލިފައިވާ ފައިސާ. ދިވެހި ރައްޔިތުންގެ އެ މާލިއްޔަތުން ގެއްލިފައިވާ ފައިސާއާއި މުދާ އަލުން އަނބުރާ ހޯއްދެވުމަށް ކުރައްވާ މަސައްކަތުގެ، އެ މަސައްކަތްޕުޅުގެ ވާހަކަ ފާހަގަކުރެއްވީމާ އަޅުގަނޑު ހިތަށްއަރަނީ މިއީ، ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައޭ މިހާތަނަށް އަޅުގަނޑުމެންނަށް އަޑުއިވެމުން އައީ. އެއީ، ޤާނޫނީ ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކަންތައްތަކާއި، މިކަހަލަ ބައެއް ކަންކަމުގައި ޝާމިލްވެވަޑައިގަންނަވާ ބޭބޭފުޅުންގެ ނުފޫޒާއި، އެ ބޭބޭފުޅުންގެ ހައިބަތާ، މި ހުރިހާ ކަމަކަށް ބަލާއިރުގައި، މިއީކީ އަދި ރައީސަކު އެހެން ވިދާޅުވިޔަސް، ކުރެއްވޭނެ ކަމެއް ނޫނޭ ވިދާޅުވާ ބޭފުޅުންވެސް ވަރަށްގިނަ. ކިހާވަރެއްގެ މަސައްކަތަކާތޯ މަނިކުފާނު ތިޔަ ކުރިމަތިލައްވަނީ؟ މިއީ ހަމަ ކާމިޔާބު ކުރެއްވޭނެ ކަމެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން ވަރަށްބޮޑު ޔަޤީންކަމަކާއެކީގައި އަޅުގަނޑު މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ އެންމެންގެ އެއްބާރުލުމާއެކީގައި ކާމިޔާބީއާ ހަމަޔަށް ދެވޭނެވަރުގެ ކަމެއް މިއީ އިނގޭތޯ. އެއީ، މިސާލަކަށް، ރައްޔިތުންގެ މަޖިލިސް، އޭ.ސީ.ސީ.، ކޯޓުތައް، އެހެންނޫންތޯ. ދައުލަތުގެ މުއައްސަސާތައް. މި ހުރިހާ ފަރާތްތަކުން އެއް ޕްލެޓްފޯމެއްގައި މަސައްކަތްކުރާ ކަމަށްވަންޏާ، ހަމަ ޔަޤީނުންވެސް ކާމިޔާބީއެއް ފެންނާނެ.
ދެން އަޅުގަނޑު މި ދެންނެވީ މިސާލަކަށް، އެސެޓް ރިކަވަރީ ބިލެއް އަޅުގަނޑުމެން ހުށަހަޅާނަމޭ ދޮގެއްތޯ. އެކަމުގެ މަސައްކަތް ގާތްގަނޑަކަށް އެވަނީ ނިމިފައި. ދެން އެ ބިލު ޤާނޫނަކަށްވެގެން އަންނައިރުގައި، އެ ޤާނޫނު ތަންފީޒު ކުރުމުގެ ބޭނުމުގައި އެބަޖެހޭ ބައެއް އެހެން ޤާނޫނުތަކަށް އިޞްލާޙު ގެންނަން. ޚާއްޞަކޮށް، ޖިނާއީ އިޖުރާތްތަކުގެ ޤާނޫނު.
އެހެންވީމާ، މިހެންހުރި ލީގަލް، ޤާނޫނީ ބައެއް ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަމޭ. އެއާއެކީގައި އެ މުއައްސަސާތައް އިތުރަށް ވަރުގަދަވުން. އެހެންނޫންތޯ. ޚާއްޞަކޮށް، އޭ.ސީ.ސީ.އާއި ދެން ޝަރުޢީ ދާއިރާއާ، މި ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުގައި ދައުލަތުގެ މުދާ، ރައްޔިތުންގެ ފައިސާ، ރައްޔިތުންގެ މުދާ ގެއްލިފައިވާ ގެއްލުން. އޭގެތެރެއިން ވީހާވެސް ބޮޑު އެއްޗެއް، ނޫނީ ގާތްގަނޑަކަށް ހުރިހާ މުދަލެއް ހޯދުމުގައި ނަތީޖާ ނެރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންނަމަވެސް، މިއީ ހަމަ ޙަޤީޤަތުގައިވެސް ވަރަށްބުރަ، ވަރަށްބޮޑު މަސައްކަތެއް.
އެމް.އެމް.ޕީ.އާރު.ސީ.ގެ ވައްކަމުގެ ވާހަކަ އެންމެ ބޮޑަށް ފާހަގަކުރެވެނީ. އަދި އެހެން ވައްކަންތައްވެސް. މި ކޮރަޕްޝަންގެ މި ބޮޑެތި ޢަމަލުތަކަށް އެކަށީގެންވާ ޙައްލެއް އަންނަންޖެހޭ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަންކަން ކުރުމަށް ހުރަސްއެޅެންޖެހޭ. އެހެންވީމާ، އެގޮތުން ކުރެވޭ ކޮންމެ މަސައްކަތެއް އަޅުގަނޑުމެން އިސްނަގައިގެން ކުރާނަން. ޙަޤީޤަތުގައި މި ރާއްޖޭގެ ސަރުކާރުގައި ކޮރަޕްޝަންގެ މި ވަކިތައް ހިފާފައި އޮތް އޮތުން ނައްތައިލުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. އެގޮތުން ހަމަ ވަރަށްގިނަ ކަންކަން މި ކުރަނީ. ހަމައެކަނި ޤާނޫނުތަކެއް ގެނައުމެއްވެސް ނޫން. މުއައްސަސާތައް ވަރުގަދަކުރުމެއްވެސް ނޫން. އެއާއެކީގައި، ހިންގުމުގެ ނިޒާމުވެސް ބަދަލުކުރަންޖެހޭ. ޚިދުމަތްދޭ ގޮތް ބަދަލުވާންޖެހޭ. މި ހުރިހާ ކަމެއްގެ ތެރެއިން ޑިޖިޓަލައިޒް ކުރުމާ، މި ހުރިހާ ކަމަކަށްވެސް މި އިސްކަންދެނީ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ގެއްލިފައިވާ މުދާތައް ހޯދުމާއި، މިހެންގޮސް އަދި ކުރިއަށް އޮތް ތަނުގައި ޚިދުމަތްތައް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލު ހިންގާ ހިންގުމަށް ނިމުމެއް ގެނައުމަށްޓަކައިވެސް ކުރެވޭ ކަންކަމުގައި ނަތީޖާ ނެރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން އިނގޭތޯ. އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން.
އަޙްމަދު ޖަދުވާން:
އާދެ!
ވަފީޤާ ޙާމިދު:
ރައީސް، ދެން މިނިވަންދުވަހުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ޚާރިޖީ ގުޅުމުގެ ވާހަކަ ޙިއްޞާކުރެއްވި. އަދި ހަމަ މިއާއެކީގައި، އެމް.ޑީ.ޕީ.ގެ ވެރިކަން ކުރި ކޮންމެ ފަހަރެއްގައި، ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީއެއް އޮތް ކަމަށް ވިދާޅުވި. އަދި ޢަރަބި ޤައުމުތަކާއެކީގައި މިއޮތް ގުޅުމަށް ހީނަރުކަން އައިސްފައިވާކަންވެސް ފާހަގަކުރައްވާފައި އެބަވޭ. ކީއްވެގެންތޯ، މިނިވަންދުވަހުގެ މި ވާހަކަފުޅުގައި މިކަން އެހާބޮޑަށް ހާމަކުރައްވާފައި ނުވަތަ މިކަމާމެދު ވާހަކަފުޅު ދައްކަވާފައި މިވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ދެންމެ އަޅުގަނޑު ދަންނަވާލި ފަދައިން، މިނިވަންކަމުގެ ވާހަކަ ދައްކާއިރު، ޚާރިޖީ ސިޔާސަތުގެ ވާހަކަ ދައްކަންޖެހޭ. އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އާދެވުނުއިރުގައި، ކަންކަން ވެފައި އޮތްގޮތުގެ ވާހަކަ ފާހަގަކުރުމަކީ، އަޅުގަނޑުމެން ކުރިއަށް ތަނުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ގެންގުޅެނީ ކޮންކަހަލަ ވިސްނުމެއްކަން ދެނެގަނެވޭނެ ގޮތަކަށް އޮންނާނެވެސް ގޮތަކީ. އެހެންވީމާ، އަޅުގަނޑު ފާހަގަކުރީ، ބައެއްފަހަރު ޚާރިޖީ ސިޔާސަތު ބައްޓަންވެފައި މިހާތަނަށް އޮތީކީ ދިވެހީންގެ މަޞްލަޙަތު އިސްކޮށްފައެއް ނޫނޭ. ދިވެހީންނަކީ، ވަރަށް ބޮޑަށް ފަލަސްޠީނު ރައްޔިތުންނަށްޓަކައި ހަމަ ދެގޮތެއްނުވާ ބައެއް. ދެން އެހެންނަމަވެސް، އަޅުގަނޑުމެންގެ މިއޮތް މުހިންމު، ވަރަށް ސާފުކޮށް ފެންނަން އޮތް ކަންތަކުގައިވެސް އެއާ ދެކޮޅަށް ބައެއްފަހަރު ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އެހުރީ. އެހެންވީމާ، އެއީ އަޅުގަނޑު ފާހަގަކުރި ކަމަކީ. އެހެންނެއް ނުވާނެއޭ އަޅުގަނޑު މި ދެންނެވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިންނެއް. މި ސަރުކާރު އޮތްހާ ދުވަހަކު މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރަމުންދާއިރުގައި، އަބަދުވެސް އިސްކުރާނީ ފަލަސްޠީނު ރައްޔިތުންނޭ. އިޒުރޭލުން ފަލަސްޠީނު ރައްޔިތުންނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާއި، އެ ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ޖެނެސައިޑާ، މިކަންކަމަކީ އަޅުގަނޑުމެން ކުޑަވެސް ދުލެއް ދޭނެ ކަމެއްނޫނޭ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގައި. އެކަން ފާހަގަކުރަންޖެހޭ ޤައުމުގެ މިނިވަންދުވަހުގައި ވާހަކަ ދައްކާއިރު. އެއީ، ދިވެހި ރައްޔިތުން ގަބޫލުކުރާގޮތް. އަދި އެއީ، ރައްޔިތުންގެ ވިސްނުންހުރިގޮތް. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނެގޮތް ކަމުގައި ދިވެހީން ގަބޫލުކުރާގޮތް ކަމުގައިވާތީ. އެހެންވީމާ، އަޅުގަނޑު އެގޮތް ފާހަގަކުރީ. އެކަން ފާހަގަކުރީ. އިރާދަކުރެއްވިއްޔާ މިހާރު މި ގެންދެވޭގޮތަށް ކުރިއަށްދާނެ. ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތެއްގައި، އިޒުރޭލު ޕާސްޕޯޓުގައި މި ރާއްޖެއަކަށް އިރާދަކުރެއްވިއްޔާ ނާދެވޭނެ. ފަލަސްޠީނުގައި އެ ހިނގާ ޢުދުވާނީ ޙަމަލާތަކާއި އަނިޔާވެރިކަން ކުރިއަށްދާހާ ހިނދަކު، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް އަނބުރާ ނުލިބޭހާ ހިނދަކު. ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުވާންޖެހޭނެ. ވެރި ރަށެއްގެ ގޮތުގައި ޤުދުސް، އިރުމަތީ ޤުދުސް ހަމަޖެހެންޖެހޭނެ. ދެން މިހެންގޮސް އެތައް ކަމެއް އެބަހުރި.
އެހެންވީމާ، މި ހުރިހާ ކަމެއް ހަމަނުޖެހޭހާ ހިނދަކު އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު މި އޮތްގޮތުގައި ހަމަ އޮންނާނީ. ދެން އިސްލާމީ ޤައުމުތަކަކީ، ޢަރަބި ޤައުމުތަކަކީ އަބަދުވެސް އަޅުގަނޑުމެންނާ ގާތް ޤައުމުތައް. އެހެންނަމަވެސް، މި ސިޔާސަތަށްވެސް އެކިފަހަރު ބަދަލުތަކެއް ގެނެސްފައި ހުރީމަ އެކަން އަޅުގަނޑު ފާހަގަކުރީ. މިހާރު މި ކުރިއަށްދާގޮތަށް ކުރިއަށް ގެންދެވި، އިރާދަކުރެއްވިއްޔާ ރާއްޖެއަށް ވަރަށްގިނަ ފައިދާތަކެއް ޢަރަބި އިސްލާމީ ދުނިޔެއިން ލިބިގެންދާނެ.
އަޙްމަދު ޖަދުވާން:
ރައީސް، ވަފީޤާ އެ ފާހަގަކުރެއްވި އެ ނުކުތާގައި ހަމަ އަޅުގަނޑު އެއްޗެއް ދަންނަވާލާނަން އިނގޭތޯ. ތިޔަ ވިދާޅުވިގޮތަށް، ރާއްޖޭގެ ރައްޔިތުންގެ މަޞްލަޙަތާ ދުރު ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވި ބޭފުޅުން، އެ ގެންގުޅުއްވިއިރުވެސް ރާއްޖެއަށް ޚާރިޖީގޮތުން ލިބުނު މާބޮޑު އެހީއެއް، މާބޮޑު ފައިދާއެއްވެސް އަޅުގަނޑުމެންނަކަށް ނުއެއްފެނޭ. ހަމަގައިމުވެސް އަރކައިވަށް ބަލައިލާއިރު ނެތް ފެންނާކަށް. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަކު މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާ ތަޤްރީރުގައި މި ވާހަކަ ފާހަގަކުރައްވާނީ ހަމަގައިމުވެސް ވަރަށް މުހިންމު ކަންތައްތަކެއް އޭގެތެރޭގައި ހުރީމަ. އަޅުގަނޑު ހިތަށްއަރަނީ ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމުން، އަޅުގަނޑުމެންނަށް ކިހާވަރެއްގެ ބޮޑެތި ފައިދާތަކެއް ލިބޭނެބާވައޭ؟ އަދި މި ސަރުކާރުގެ މި ސިޔާސަތާއެކީގައި، ކޮބައިބާއޭ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ފައިދާތަކަކީ؟ މިހެން ދަންނަވާއިރުވެސް ބައެއް ކަންކަން އެބަހުރި އިނގޭތޯ ފެންނަންވެސް މިހާރު. ދެން އަޅުގަނޑުމެންގެ މުސްލިމުންނާއި ދިވެހީންގެ މަޞްލަޙަތާ ދުރު މީހުންނާ ގުޅުން ބަދަހިކޮށްގެން ކިހާވަރެއްގެ ނުރައްކަލެއް ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ކުރިމަތިވެފައި އޮތަތީ ނުވަތަ ވެދާނެތީތޯ މަނިކުފާނު އެ ވާހަކަ ވިދާޅުވީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވެފައިވެސް އޮތީ. އަދި ވެދާނެވެސްމެ އިނގޭތޯ. އަޅުގަނޑުމެންގެ މަޞްލަޙަތު އިސްނުކުރާނެ ފަރާތްތަކާ ގާތް ގުޅުން ބޭއްވުމަކީ، ވަރަށް ނުރައްކާތެރި ކަމެއް އިނގޭތޯ. އަޅުގަނޑުމެންގެ މަޞްލަޙަތަށް އިސްކަން ނުދޭނެ ފަރާތްތައް، ނޫނީވިއްޔާ އަޅުގަނޑުމެންނަށް ރަނގަޅު ގޮތްތަކަށް ފަހިކަން ފޯރުކޮށްނުދޭނެ ފަރާތްތަކާ އެކީގައި ގުޅުން ބޭއްވުމަކީ، އެ މީހުން ބޭނުންވާގޮތަށް އަޅުގަނޑުމެންގެ ތެރެއިން ކަންކަން ވެގެންދާނެވެސް ކަމަކަށް ވާނީ.
އިސްލާމީ ޤައުމުތަކަކީ، ހަމަ ޔަޤީނުންވެސް ދިވެހިރާއްޖެއަށް ރަނގަޅުގޮތް އެދޭނެ ބައެއް. އެހެންވީމާ، އިސްލާމީ ޤައުމުތަކާ އެކީގައި ގާތް ގުޅުން ބޭއްވުމުން އަޅުގަނޑުމެންނަށް ވިޔަފާރީގެ ގޮތުންވެސް އަދި އެކިކަހަލަ އިންވެސްޓްމަންޓްތަކުގެ ދާއިރާތަކުންވެސް އަޅުގަނޑުމެންނަށް ފައިދާވާނީ. އިރާދަކުރެއްވިއްޔާ މިހާރު އެކި ޤައުމުތަކާއެކީގައި، ޢަރަބި އިސްލާމީ ޤައުމުތަކާ އެކީގައި އެކި ލެވެލްތަކުގައި މި ކުރެވޭ މަސައްކަތުގެ ނަތީޖާ ފެނިގެންދާނެ، ވަރަށްގިނަ މަސައްކަތްތަކެއް މި ކުރެވެނީ. އެހެންވީމާ، އެކަން އެބަދޭ ވަރަށް ރަނގަޅަށް. މިހާތަނަށްވެސް އެކި ކަންތައްތައް އަޅުގަނޑުމެންނަށް ހާސިލުވެއްޖެ. އެހެންވީމާ، ކުރިއަށް އޮތް ތަނުގައިވެސް ރަނގަޅުގޮތްވާނެ. އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުން، އެއް ޤައުމު އަނެއް ޤައުމާއެކީ ގާތް ގުޅުން އޮތުމަކީ އެކަން އޮންނަންޖެހޭނެގޮތް. އެހެންވީމާ، އެގޮތުގައި އަޅުގަނޑުމެން ކުރިއަށް މިގެންދަނީ.
ހަމައެއާއެކީގައި، އެހެން ޤައުމުތަކާއެކީގައިވެސް އަޅުގަނޑުމެން ގާތް ގުޅުން ބާއްވަނީ އިނގޭތޯ. އަޅުގަނޑުމެންނާ ކައިރި ޤައުމުތައްވެސް، ދުރު ޤައުމުތައްވެސް އަޅުގަނޑުމެންނާ އެކީގައި ތަރައްޤީގެ މި ދައުރުގައިވެސް އަދި އެކިކަހަލަ ގުޅުންތައް، އަޅުގަނޑުމެންނަށް ފައިދާހުރިގޮތުގައި ބައްޓަންކުރުމުގައި އަޅުގަނޑުމެން ގާތް ގުޅުން ބާއްވަމުން ދާނަން.
އަޙްމަދު ޖަދުވާން:
ވަފީޤާ، ދެން އެދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އަދި މިދިޔަ ވެރިކަމުގެ ފަހުކޮޅުގައިވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިވިގެންދިޔަ ވާހަކައެއް މިއީ، ދިވެހިރާއްޖޭގެ ދެކުނުގެ ސަރަޙައްދުގެ ކަނޑުން ބޮޑު ބައެއް ގެއްލޭކަމުގެ ވާހަކަ އިނގޭތޯ. ދެން މާބޮޑަކަށް ރައްޔިތުންނަކަށް މީގައި ވާނުވާއެއް ނޭނގެ. ދެން އެހެންނަމަވެސް، ފަހުން ތިލަވި މަޢުލޫމާތުގައި އެނގެނީ އޭރު އޮތް ސަރުކާރުގެވެސް ވަރަށްބޮޑު ދައުރެއް އޮވެގެން ކުރެއްވި ކަމަކުން ދިވެހީންނަށް ބޮޑު ގެއްލުމެއްވީކަން. މި ވާހަކަ ޢިބާރާތަކުން ސިފަކުރާނަމަ، ބައެއް ބޭފުޅުން ވިދާޅުވޭ، ދެކުނުގެ މަސްވެރިން މަސް ބާނަބާނާ ތިއްބައި ކަނޑު ވިއްކާލީއޭ. ދެން އޭގެ ސަބަބުން ލިބުނު ގެއްލުމުން އަރައިނުގަނެވިގެން ވަރަށް ހާލުގައި، ރައްޔިތުން މިކަމާ ދެކޮޅަށް އިޙްތިޖާޖުވެސް ކުރި. އަދި ވަރަށް ޢާންމު ޙަރަކާތެއްވެސް މީގައި ހިންގި. ދެން މިކަމާ ދެކޮޅަށް ވަކާލާތު ކުރެއްވި ބޭފުޅުންގެ ތެރެއިން ވަރަށް އިސް ބޭފުޅެއް ރައީސް، މަނިކުފާނަކީ އިނގޭތޯ. ދެން މަނިކުފާނު މިނިވަންދުވަހުގެ އެ ތަޤްރީރުގައިވެސް މި ވާހަކަ ފާހަގަކުރެއްވީމު. މިއާ ގުޅިގެން މިހާރު މަނިކުފާނަށް ފާޑުވިދާޅުވާ އެއްކަލަ އޭރު އެކަން ކުރުމަށް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވި ބޭފުޅުން އެބަ ވިދާޅުވޭ، މަނިކުފާނު ވިދާޅުވި ކަނޑުގެ ބައި މިހާރު ލިބިއްޖެހެއްޔޭ. އެކަމަށް މަނިކުފާނު ކޮން މަސައްކަތެއްހޭ ކުރެއްވީ. ކޮބައިތޯ މަނިކުފާނުގެ ޖަވާބަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑުމެންގެ މަސައްކަތް އިރާދަކުރެއްވީތީ ދަނީ ވަރަށް ބާރަށް ކުރިއަށް އިނގޭތޯ. ޤާނޫނީ މަސައްކަތެއްވީމަ، ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް އެބަދޭ އިނގޭތޯ. މިދޭތެރެއިންވެސް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޓީމެއް ރާއްޖެއިން ބޭރަށް ދަތުރުކުރައްވައި، އެކިކަހަލަ ބައްދަލުވުންތައް ބާއްވަވައި، ވަރަށްގިނަ މަސައްކަތްތައް އެބަ ކުރިއަށްދޭ. އަދި އިންޓަރނޭޝަނަލް ވަރަށް ވަރަށް، ކަމަށް ޤާބިލް ޓީމެއް އަޅުގަނޑުމެން ނަގައި، އެ މަސައްކަތްތައްވެސް އެބަ ކުރިއަށްދޭ އިރާދަކުރެއްވީތީ އިނގޭތޯ. ދެން މި ސަރަޙައްދު ދޫކޮށްލުމުގައި ކަންތައްތައް ދިޔަގޮތްވެސް އަޅުގަނޑު ހަމަ ކޮންމެވެސްވަރަކަށް އެ ދުވަހު ދަންނަވާލިން. މިއީ އެންމެންނަށް ސާފުކޮށް ފެންނަން އޮތް ކަމެއް އިނގޭތޯ. މިހާރު މިނިވަންދުވަހެއްގެ ވާހަކަ ދައްކާއިރު، މިނިވަންދުވަހު އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫއަރާގޮތަށް ހިންގާފައި ހުރި ކަންކަމުގެ ވާހަކަ ފާހަގަކުރަންޖެހޭ އިނގޭތޯ. އެކަންކަން އެހެން ހިނގާފައި އޮތީމާ ރައްޔިތުން ބޭނުންވީ ބަދަލުތަކެއް ގެންނަން. އެހެންވީމާ، ގެނައި ބަދަލާއެކީގައި ކުރެވެމުންދާ މަސައްކަތް އަޅުގަނޑު ދެންނެވީ. އެހެންވީމާ، އެއީކީ އެއްގޮތަކަށްވެސް އަޅުގަނޑު ހިތުން މައްސަލައެއް އޮތް ކަމެއްނޫން. އެކަން އެންމެ ޖާއިޒް ރަނގަޅު ގޮތުގައި އަޅުގަނޑު ދެއްކި ވާހަކައެއް އެއީ. އަޅުގަނޑުމެންގެ ސަރަޙައްދެއް، ޤާނޫނީގޮތުން އަޅުގަނޑުމެންގެ ޓެރިޓަރީތެރޭގައި އޮތް ސަރަޙައްދެއް، އެއްވެސްކަހަލަ ހަމައެއް ލަމައެއްނެތި ދޫކޮށްލީ. ހަމައެއް ލަމައެއްނެތޭ މި ދެންނެވީ، ޤާނޫނުގައި ކަނޑައަޅާފައި ވަކި އިޖުރާތްތަކެއް އޮވޭ. އެއިން އެއްވެސް ކަމެއް ދިމާނުވާގޮތަށް ރައީސް އޮފީހުން ސިއްރު ސިއްރުން ފޮނުވި ސިޓީއަކާ ގުޅިގެން ދޫކޮށްލެވިގެންދިޔުމަކީ، ވަރަށްބޮޑު މައްސަލައެއް އިނގޭތޯ. ދެން އަޅުގަނޑުމެން އެކަން ބެލުމަށްޓަކައި ކޮމިޝަނެއްވެސް އުފައްދާނެ ވާހަކަ އަޅުގަނޑު ދެންނެވިން. އެކަމުގައި އިދާރީ މަސައްކަތްތައްވެސް ފަށާފައި އޮންނާނީ. އޭގެކުރިންވެސް ޤާނޫނީގޮތުން ކުރަންހުރި މަސައްކަތް މި ކުރަނީ. ދެން އުންމީދުކުރަނީ މީގެ ރަނގަޅު ނަތީޖާ ނުކުންނާނެއޭ އިރާދަކުރެއްވިއްޔާ އިނގޭތޯ. އެހެންވީމާ، އެ ގެއްލުނު ސަރަޙައްދު އެއީ އަޅުގަނޑުމެންގެ ސަރަޙައްދެއް. އެކަން އަޅުގަނޑުމެން ވާނީ އިޢުލާނުކޮށްފައި. އެހެންނަމަވެސް، މި އިންޓަރނޭޝަނަލް ކޯޓު ނިޒާމުގެ ތެރޭގައި އެ ދާންޖެހޭ މަސައްކަތްތައް ކުރިއަށްދާންޖެހޭނެ. އެހެންވީމާ، އެކަން ކުރިއަށް މިގެންދަނީ. އިރާދަކުރެއްވިއްޔާ މި ސަރަޙައްދު ރަސްމީކޮށް އެ ކޯޓު ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް ކާމިޔާބުކުރެވި، އަޅުގަނޑުމެންނަށް އޭގެ ފައިދާވަމުންދާނެ. ދެން އެއާ ގުޅިގެން އަޅުގަނޑުމެން މިހާރުއްސުރެވެސް މި ކުރިއަށްގެންދާ އިދާރީ، ޤާނޫނީ ހުރިހާ މަސައްކަތްތަކެއް ވަރަށްބާރަށް އެބަދޭ.
ވަފީޤާ ޙާމިދު:
ދެން އަޅުގަނޑުމެން މި ކަނޑުގެ ސަރަޙައްދު ހޯދުމަށް މިކުރާ މަސައްކަތްތަކުގެ އިތުރަށް، ފޯޅަވައްސަކީވެސް އަޅުގަނޑުމެންނާ ވަރަށް ގުޅިފައިވާ ތަނެކޭ.
އަޙްމަދު ޖަދުވާން:
އާދެ، ފޯޅަވައްސާ ގުޅިގެންތާ މި މައްސަލަ މި އުފެދުނީ ދޮގެއްތޯ.
ވަފީޤާ ޙާމިދު:
އާދެ، ދެން އެހެންކަމަށްވުމާ އެކީގައި، ގިނަ ދިވެހީންވެސް ގަބޫލުކުރަނީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް.
އަޙްމަދު ޖަދުވާން:
އާދެ، ޝައްކެއްނެތެއް ނޫންތޯ.
ވަފީޤާ ޙާމިދު:
އާދެ، އެހެންވީމާ، ކޮބައިތޯ ރާއްޖެއިން މިކަމާމެދު މި ކުރެވޭ އުންމީދަކީ ރައީސް؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، މިހާރު ފޯޅަވަހީގެ ވާހަކަ ދެން މިއަށް މި އަންނަނީ މިހެންވެގެން، މި ކަނޑުގެ ސަރަޙައްދު އަޞްލު ދޫކޮށްލުމާ ގުޅިގެން. ދެން އެ ތަނަކީ އިނގިރޭސީންގެ ދަށުގައި އޮތް ތަނަކަށްވާއިރުގައި، އެތަން އެހެން ޤައުމަކަށް ދޫކޮށްލާ ވާހަކަ ދެއްކެން ފެށީމާ، އަޅުގަނޑު މި ވާހަކަ މި ފާހަގަކުރީ. ކުރަމުން މިދަނީ މި ސަރުކާރުން. އެއްވެސް އެހެން ޤައުމަކަށް އެތަން ދޫކޮށްލާނަމަ، އެތަން ދޫކޮށްލެވެންޖެހޭނީ ދިވެހި ރައްޔިތުންނަށް، ދިވެހިރާއްޖެއަށޭ. އެއީ، އެއްވެސް ޝައްކެއްވެސް އޮތް ކަމެއް ނޫނޭ. އެތަނަކީ ކުރީ ޒަމާނުގައި ދިވެހި ރައްޔިތުންގެ ތަނެކޭ. ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިމެނިފައި އޮތް ތަނެއްކަން އެއީ ފެންނާން އޮތް ޙަޤީޤަތެއް. އެހެންވީމާ، ފޯޅަވަހި އެހެން ޤައުމަކާ ހަވާލުކުރާ ކަމަށްވަންޏާ ހަވާލުކުރުން އެންމެ އައުލާކަން ބޮޑުވާނީ ރާއްޖެއާއޭ. އެހެންނޫނީވިއްޔާ ދެން މިހާރު އޮތްގޮތަށް ކުރިއަށްދިޔުން އެއީ ދެން މައްސަލައެއް ނޫން. އެއީ އަޅުގަނޑު މި ދަންނަވާ ވާހަކައަކީ.
އަޙްމަދު ޖަދުވާން:
އާދެ، ދެން މިއޮތީ އިޖުތިމާޢީ މައްސަލަތަކުގެ ވާހަކަ އިނގޭތޯ.
ވަފީޤާ ޙާމިދު:
އިޖުތިމާޢީ ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި.
އަޙްމަދު ޖަދުވާން:
އާދެ، ވަރަށް ބޮޑެތި. މީގައި ދެން މިހާތަނަށް އައިއިރުވެސް ރާއްޖެއަށް މިއައި ބަދަލުތަކުގެ ތެރެއިންވެސް އެއްގޮތަކަށްވެސް ޙައްލުނުވާ ބައެއް މައްސަލަތައް އެބަހުރި ވަފީޤާ. އޭގެތެރޭގައި މަސްތުވާތަކެތި ދޮގެއްތޯ. މިއީ ހަމަ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމެއް. ދެން އެކި މަސައްކަތްތައް ކޮށްފި. ފަރުވާދިނުމުގެ ނިޒާމެއް ރައީސް އުފައްދަވާފައި އެބައޮތް. އަދި މީހުން ހޭލުންތެރިކުރުވުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރޭ. އެހެންނަމަވެސް، ނަތީޖާއަކީ ދެން ސުމެކޭ ދަންނަވާކަށް ނުވާނެ. އެހެންނަމަވެސް، ޙަޤީޤަތުގައި ޙައްލުވާވަރަށް އަނެއްކޮޅުން މައްސަލަ އުފެދެމުންދާ ކަމުގެ ޝަކުވާ، އޭގެ އިޙްސާސް ރައްޔިތުންނަށް މި ކުރެވެނީ.
ދެން ރައީސްގެ މި މިނިވަންދުވަހުގެ ތަޤްރީރުގައި ދޮގެއްތޯ ވަފީޤާ، ވަރަށް ބޮޑަށް ފާހަގަކުރައްވާފައި އެބައޮތް، މިކަންކަން ޙައްލުކުރެއްވުމަށްޓަކައި ކުރައްވަންހުރި މުހިންމު މަސައްކަތްތަކުގެ ވާހަކަ. މިއީ ކުޑަކަމަކަށް ނުވާނެ ހަމަގައިމުވެސް. ކިހިނެއްތޯ ރައީސް ތިޔަ ވިދާޅުވި މަސައްކަތް، މީގައި މި ނުތަނަވަސްކަން އެކަށީގެންވާ މިންވަރަށް ކުޑަކުރެވޭނެވަރުގެ ޙައްލަކަށް ތިޔަ މަސައްކަތް އަވަސް މުސްތަޤްބަލެއްގައި ވެދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޙަޤީޤަތުގައި މަސްތުވާތަކެތީގެ މައްސަލައަކީ، ވަރަށް ދުވަސްވީ މައްސަލައެއް ދޮގެއްތޯ. އަޅުގަނޑު ހިތުން ގާތްގަނޑަކަށް ތިރީހަކަށް އަހަރުވަނީކަންނޭނގެ. މި ރާއްޖޭގައި މަސްތުވާތަކެތީގެ ކަންތައްތައް ބޮޑުވަމުންގޮސް، ފުޅާވަމުންގޮސް މިހާތަނަށް މިއައިތާ މިހާރު ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވެދާނެހެން އަޅުގަނޑަށް ހީވަނީ. ދެން މިކަމުގައި އެކި ސަރުކާރުތަކުން އެކި މަސައްކަތް ކޮށްފައި އެބަހުރި. އެކަން ހަމަ ފާހަގަކުރަން. އެހެންނަމަވެސް، އެކަށީގެންވާ ޙައްލެއް ނާދޭ. ދެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިހާރު މި ފަށާފައިވާ މަސައްކަތުން ވަރަށްބޮޑު ތަފާތެއް އަންނާނެ ކަމަށް، ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލުކުރަން. އެއްކަމަކީ މަސްތުވާތަކެތި އެތެރެކުރުން. މަސްތުވާތަކެތީގެ ޓްރެފިކިންގ. މިކަން ހުއްޓުވުމަށްޓަކައި ޤާނޫނަށް ބަދަލުގެނެސްފައިވާނެ. އަދި އެއާއެކީގައި އިޖުރާތްތައް ފުރިހަމަކުރުމަށްޓަކައި، އެ ތަންފީޒީ އިޖުރާތްތައް ފުރިހަމަކުރުމުގެ މަސައްކަތްވެސް އެބަ ކުރިއަށްދޭ. ދެން މިކަމުން ދުރުކުރުވުމަށްޓަކައި، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކުދިން އެކަމުން ދުރުކުރުވުމަށްޓަކައިވެސް އިތުރު މަސައްކަތްތަކެއް ފެށިފައި ވަނީ. އެ ކުދިން އޭގެތެރެއިން ދުރުކޮށް، ރީހެބިލިޓޭޓްކޮށް، މުޖުތަމަޢުތެރެއަށް ނެރުމަށްޓަކައި އިތުރު މަސައްކަތްތައް އެބަ ކުރެވޭ. އެކިއެކި މަރުކަޒުތައް އެކި ރަށްރަށުގައި އެޅުމުގެ މަސައްކަތްވެސް އެބަ ކުރެވޭ. މީގެ ބޭނުމަކީ ޙަޤީޤަތުގައި ޒުވާންކުދިން މި ވަބާއިން ސަލާމަތްކޮށްދިނުން. އަދަބު ދިނުމެއްނޫން. ސަރުކާރުގެ ސިޔާސަތަކީ، ޒުވާން ކުދިންނަކީ، އެ ކުދިންގެ ބޭނުންތެރިކަން، އެ ކުދިންގެ އަމިއްލަ ނަފްސަށާއި ޤައުމަށް ކޮށްދެވޭވަރުގެ ބަޔަކަށް ހަދައިދިނުން ކަމުގައިވާތީ، އެކަން ހާސިލުކުރުމަށްޓަކައި މަސައްކަތް މި ކުރެވެނީ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާވެސް އެބަ ފެނޭ. އެހެންނަމަވެސް، އެންމެ ބާރު ސްޕީޑްގައި ކުރިއަށްދާނީ މިހާރު ކުރެވޭ ގިނަ މަސައްކަތްތަކެއް ފުރިހަމަކުރެވިގެން. އެހެންވީމާ، ވަރަށްގިނަ މަސައްކަތްތަކެއް އެއްފަހަރާ މި ކުރެވެނީ. އިރާދަކުރެއްވިއްޔާ މި މަސްތުވާތަކެތީގެ ވަބާ ނައްތައިލުމުގައިވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެ. ދެން މިކަމަކީ ޢާންމު ރައްޔިތުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި، މި ހުރިހާ ފަރާތްތަކެއްވެސް އަދި ހަމަ ދައުލަތުގެ އެހެން ހުރިހާ މުއައްސަސާތައްވެސް، ޝަރުޢީ ދާއިރާވެސް ޚާއްޞަ ގޮތެއްގައި މީގެތެރެއިން ފުރިހަމަ އެއްބާރުލުން ދީގެން ކުރިއަށް ގެންދެވޭނެ ކަމެއް. އޭގެ ތަފާތުވެސް އެބަ ފެނޭ. ހަމަ ވަރަށް އުފާކުރަން، މިހާރު ޝަރުޢީ ދާއިރާގެ ތެރެއިން، ކޯޓުތެރެއިން ވަރަށްބާރު ސްޕީޑްގައި އެބަ ކުރިއަށްދޭ. ވަރަށް ރަނގަޅަށް ނިންމުންތައް، މި ދެންނެވީ ފައިނަލިޓީއަކަށް އެބަ ކުރިއަށްގެންދެވޭ ތަން އެބަ ފެނޭ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ މަސްތުވާތަކެއްޗާއި، އެކަމަކު އެއާ ގުޅިފައިވާ އެކިކަހަލަ ކުށްތައް ކުރާ ކުރުން، މިސާލަކަށް، ގޭންގުތައް ހަދައިގެން މި ހިންގާ އެކިކަހަލަ ކުށްތައް މަދުކުރުމުގެ މަސައްކަތްވެސް އެބަ ކުރިއަށްދޭ. މިހާރު ސްޓެޓިސްޓިކަލީ ބަލާއިރުގައި، އިރާދަކުރެއްވީތީ ތަފާތު އެބަ ފެނޭ. ވަރަށް މަދުވެފައިވާ ތަން އެބަ ފެނޭ. ގޭންގް ރިލޭޓަޑް ކުށްތައް ހިންގާވަރު. މި ހުރިހާ ކަމެއްގެ ނަތީޖާއަކީ، އެންމެން ގުޅިގެން ކުރެވޭ މަސައްކަތަކުން ނުކުންނާނެ އެއްޗެއް. އެހެންވީމާ، މިކަމުގައިވެސް އަޅުގަނޑުމެންގެ ވަރަށްބޮޑު އުންމީދެއް އެބައޮތް. މި ޤައުމުގެ ޒުވާން ކުދިންނަކީ އިޖުތިމާޢީ ގޮތުން، ދާޚިލީގޮތުން އެކިކަހަލަ ކުށްތަކުން، މިކަހަލަ ނުރަނގަޅު އެކިކަހަލަ ވަބާތަކުން ސަލާމަތް ކުރެވިފައިވާ ބަޔަކަށް ހަދައިދީ، މި މުޖުތަމަޢަކީ ވަރަށް ބޭނުންތެރި، އުފެއްދުންތެރި، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދިގެންދާނެ ކަމަށް.
ވަފީޤާ ޙާމިދު:
ރައީސް، މި މަސްތުވާތަކެތީގެ އިތުރަށް، ބިދޭސީންގެ މައްސަލައަކީވެސް ހަމަ ބޮޑު މައްސަލައެއް. ވަރަށް މުހިންމު މަސައްކަތްތަކެއް އެބަ ކުރެވޭ. ބިދޭސީންގެ މި މައްސަލަތައް ޙައްލުކުރުމަށްޓަކައި. މިހާރު އަޅުގަނޑުމެން ބަލައިލާއިރުގައި، ކޮންމެ ދިމާއަކަށް ބެލިނަމަވެސް، ބިދޭސީއަކު މަސައްކަތްކުރާ ތަން މި ފެންނަނީ. ދެން މީގެތެރޭގައި ހަމަ ނުގަވާއިދުން ރާއްޖެއަށް އެތެރެވެފައި ތިބި ބިދޭސީން އެބަތިބި. އެ މީހުން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތްތަކެއް ކުރެވޭ. އަދި ޑީޕޯޓް ކުރުމުގެ މަސައްކަތްތަކެއްވެސް މި އޮންނަ އުޞޫލުގެ ދަށުން ކުރެވެމުން އެބަދޭ.
ރައީސް، މި ކުރެވޭ މަސައްކަތްތަކުން މިފަދަ މައްސަލަތަކަށް ކިހާވަރެއްގެ ޙައްލެއް ލިބިގެންދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތިޔަ ވިދާޅުވިހެން، ބިދޭސީންގެ މައްސަލައަކީ ހަމަ ވަރަށްބޮޑުވެފައި އޮތް މައްސަލައެއް. މިކަން ޙައްލުކުރުމަށްޓަކައިވެސް ވަރަށްގިނަ ކަންތައް އެބަ ކުރެވޭ. އެއްކަމަކަށް މިހާރު ގާތްގަނޑަކަށް ފުރިހަމަކުރެވިފައި މިވަނީ އެފަރާތްތަކުގެ ބައޯ މެޓްރިކްސް ނަގައި، އެއީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް. ގާތްގަނޑަކަށް މިހާރު ނިމިފައި މިވަނީ. އެއް ޕަސެންޓަށް މިހާރު ކުޑަކުރެވިއްޖެ ކޮންބައެއްކަން، ހޯދަންޖެހޭ މީހުންގެ ޢަދަދު. ދެން ފޮނުވާލަންޖެހޭ މީހުން ފޮނުވާލުންވެސް، ހަމަ ވަރަށް ގިނަ މީހުން ފޮނުވައިލެވިއްޖެ، މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައިވެސް. މީގެކުރީގެ އަހަރުތަކާއި ދައުރުތަކާ ބަލާއިރުގައި.
ދެން މި ފަރާތްތަކުން ހިންގާ ނުރަނގަޅު، ނުގަވާއިދުން ހިންގާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި ކުރެވޭ މަސައްކަތް. މިކަމުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުމުގައި އަދިވެސް މަސައްކަތްތަކެއް ކުރަންޖެހޭ. މީގައި އަމިއްލަ ފަރާތްތައް، އަމިއްލަ ފަރުދުންގެ އެއްބާރުލުން ބޭނުންވާނެ. ވަރަށްގިނަ ފަހަރު މިވާގޮތަކީ ހަމަ ފަސޭހައަކަށްޓަކައިވެސް ބޭރު ބައެއްގެ އަތްމައްޗަށް މި ދޫކޮށްލެވެނީ މަސައްކަތް ކުރަން. ވިޔަފާރި ހިންގަން. ދެން މީގައި އެބަހުރި ވަރަށްގިނަ އެހެން ކަންތައްތައްވެސް. ދިވެހީން ހޯދުމަށްވެސް ދަތިކަން އަންނަނީ. ދިވެހީން ކުރާ މަސައްކަތުގެ ވައްޓަފާޅިއާއި، މި ހުރިހާ ކަމަކާވެސް ގުޅިފައި އެބަހުރި. އެހެންވީމާ، މިއީ ޙަޤީޤަތުގައި ވަށައިޖެހޭ ސޮލިއުޝަނެއް އަންނަންޖެހޭ ކަމެއް. އެންމެންގެ އެއްބާރުލުމާ އެކީގައި ގެނެވޭނެ ޙައްލެއް މިއީ.
އަޙްމަދު ޖަދުވާން:
އާދެ، ސިޔާސީގޮތުން ރައީސްގެ ވާހަކަފުޅު ބައްޓަންކުރެއްވި، އެ ކަންތައްތަކަށޭ ބޮޑަށް މީގައި ވަފީޤާ، ފާޑުކިޔުން އަމާޒުވެފައި މިވަނީ ދޮގެއްތޯ.
ވަފީޤާ ޙާމިދު:
އާދެ، ދެން ސިޔާސީގޮތުން އަޅުގަނޑުމެން ބަލައިލާއިރުގައި، އަހަރުގެ އެކި ދުވަސްވަރު ކޮންމެވެސް ޙަރަކާތްތަކެއް ކުރިއަށް ގެންދާނެ. ދެން މި ސިޔާސީ ވެރިން ނުވަތަ ޕާޓީތަކުން މިގެންދާ ޙަރަކާތްތައް ބޭއްވުމަށްޓަކައިވެސް ހަމަ ސަރަޙައްދުތަކެއް ނުވަތަ ކުރިން ނުލިބޭކަހަލަ ފުރުޞަތުތަކެއް ފަހިކޮށްދީފައި މި އޮންނަނީ. ސްކޫލްތައް އެބަ ދޫކުރެވޭ.
އަޙްމަދު ޖަދުވާން:
ރައީސް އެކަން ފާހަގަކުރައްވައިފި ނޫންތޯ. ކިހިނެއްބާ އިދިކޮޅު ފަރާތްތަކުން އެކަމާމެދު ވިދާޅުވަނީ؟
ވަފީޤާ ޙާމިދު:
އާދެ، އިދިކޮޅު ފަރާތްތަކުން މި ބުނަނީ "އަދިވެސް އަޅުގަނޑުމެންނަށް އެކަށީގެންވާވަރަކަށް އަދިވެސް ފުރުޞަތެއް ނުއެއްލިބެއޭ." އެހެންނަމަވެސް، ފުރުޞަތުތައް ފަހިކޮށްދީފައި މިއޮތީ. ރައީސް ކޮބައިތޯ، މިކަމާ ދޭތެރޭގައި ކިހިނެއްތޯ ވިދާޅުވާނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން އެވެސް ފެންނަން އޮތް ޙަޤީޤަތެއް ނޫންތޯ؟ އަޅުގަނޑުމެން މިހާރުވާނީ ފަސް ސަރަޙައްދެއް ދޮގެއްތޯ ކަނޑައަޅައިދީފައި. އެއްވެސް ކަހަލަ އެންގުމަކާ ނުލައި، ބައްދަލުވުންތައް ބޭއްވޭނެ. އެއްވުންތައް ބޭއްވޭނެ. ކުރީގައި އޮންނާނީ ހަމަ އެންމެ ސަރަޙައްދެއް ނޫންތޯ. އެހެންވީމާ، މިހާރު އެކި ސަރަޙައްދުތަކުގައި އެއްފަހަރާވެސް ބައްދަލުވުންތައް ބާއްވަމުންދާންވީ. ދެން ހަމަ ޞުލްޙަވެރިކަމާ އެކީގައި ޚިޔާލުފާޅުކުރުމަކަށް އެއްވެސް ހުރަހެއް ނެތް. އެކަން ކުރުމުގައި މިހާރަކު އެއްވެސް ބޭފުޅަކަށް ވިދާޅެއްނުވެވޭނެ، އެކަމުގައި ހުރަސްތަކެއް އޮތް ވާހަކައެއް.
އަނެއްކާ ސަރުކާރުގެ އިދާރާތައް، މުއައްސަސާތައް، މިސާލަކަށް ސްކޫލްތައް، ސްކޫލްތަކުގެ ހޯލުތަކާ، މި ކަހަލަ ތަންތަންވެސް އަޅުގަނޑުމެން ދެމުން މިދަނީ އިނގޭތޯ. މިސާލަކަށް، އިންޓަރނަލް ޕްރައިމަރީ އެއްޗެހި ބޭއްވުމުގައިވެސް ދޫކުރަން އެބަ. އަދި އެހެން ކަންކަމަށްވެސް. ޖަލްސާ ބޭއްވުމަށްޓަކައިވެސް. އެހެންވީމާ، އެއްވެސް ހުރަހެއް ޙަޤީޤަތުގައިވެސް ނޯންނާނެ މިހާރަކު އިނގޭތޯ. ސިޔާސީ ޙަރަކާތް ކުރިއަށް ގެންދިޔުމުގެ. އެކަމުގައި ހުރިހާ ފަރާތްތަކަށްވެސް ފުރުޞަތު މިހާރު އެއޮތީ ވަރަށް ފުޅާމިނުގައި. އަދި ޙަރަކާތެއް ބާއްވައިގެން ކުށްވެރިއެއްވެސް ނުކުރަން. ހަމައެކަނި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކުން ކަމެއް ކޮށްފިއްޔާ، އެއީ ސިޔާސީނުވިޔަސް އަޅާނެ ފިޔަވަޅުތައް. އެހެންނޫންތޯ؟
ވަފީޤާ ޙާމިދު:
ދެން ޖަދުވާން، މިހާރު މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް މި ކުރެވެނީ.
އަޙްމަދު ޖަދުވާން:
އާދެ، ވަރަށް ކާރޫބާރޫ ބޮޑު ތަނެކޭ ދޮގެއްތޯ؟
ވަފީޤާ ޙާމިދު:
އާދެ. މި ބަދަލުކުރުމާއެކީގައި ހަމަގައިމުވެސް ރައީސް، އެ ސަރަޙައްދަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. ދެން ހަމަ މިއާއެކީގައި، އެ ސަރަޙައްދުވެސް ހުސްވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް މި ޔަޤީން ކުރެވެނީ. މި މަސައްކަތްތައް ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރުގައި، އަންނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހާ ހަމައަށް އެކީއެކައްޗަކަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވީ ދޮގެއްތޯ؟ ކޮބައިތޯ މި މަސައްކަތް ކިހާ ކާމިޔާބީކަމާއެކީގައި ކުރިއަށް ގެންދެވޭނެކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއް ރައީސްގެ އެބައޮތްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ކުރުކޮށް ދަންނަވަންޏާ، ވަރަށް ފުރިހަމަ ޔަޤީންކަމެއް އިރާދަކުރެއްވިއްޔާ އެބައޮތް އިނގޭތޯ. ދެން މިކަމަށްވެސް ހަމަ ފާޑުކިޔާ މީހުން ކިޔާނެ. ނުކުރެވޭނެޔޭވެސް ވިދާޅުވާނެ. ދެޓްސް އޯކޭ އިނގޭތޯ. ހަމަ ފާޑުވެސް ކިޔަންވާނެ. ބިނާކުރަނިވި ފާޑަށް އަޅުގަނޑު ވަރަށް މަރުޙަބާވެސް ކިޔާނަން އިނގޭތޯ. ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި، ކުރިއަށް ގެންދިޔުމުގައި ހަމަ ހުރިހާ ފަރާތްތަކުންވެސް ވިދާޅުވާން ބޭނުންވާ، ފައިދާހުރި ރަނގަޅު ވާހަކަފުޅުތައް ހެޔޮނިޔަތުގައި ވިދާޅުވީމާ، ބަލައިގަންނާނަން އިނގޭތޯ. އެހެންވީމާ، މި އުފައްދަނީވެސް މަޝްވަރާ މަޖިލީހާއި މިފަދަ މަޖިލިސްތައް ދޮގެއްތޯ.
ދެން މި މައުޟޫޢުގައި ދަންނަވާލަން ބޭނުންވަނީ، މިއީ ރާއްޖޭގެ އިޤްތިޞާދު ދެންއޮތް މަރުޙަލާއަށް ގެންދިޔުމުގައި ހަމަ އެންމެ މުހިންމު އެއް ކަންތައް. އަޅުގަނޑުގެ މެނިފެސްޓޯގައިވެސް ބަޔާންކޮށްފައި އޮންނާނެ މި ކަންތައް ވަރަށް ބޮޑުކޮށް ދޮގެއްތޯ. އެހެންވީމާ، މިހާރު މިއުޅެނީ، މިކަން ޢަމަލީގޮތުން ތަންފީޒުކޮށް ނިންމަން. އެތައް ކަމެއް މިއަދާ ހަމައަށް އައިއިރުވެސް ކުރެވިއްޖެ. ދެން އިރާދަކުރެއްވިއްޔާ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ކުރެވޭ މަސައްކަތުގެ ނަތީޖާއަށްވާނީ، މިހާރު މިއޮތް ބަނދަރު، މިހާރު މިއޮތް ތަނުން ދުރަށް ގެންދިޔުން. ތިލަފުށްޓަށް ބަދަލުކުރުން. ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުގައި، ޕޯޓު ވަރަށް ބޮޑުތަނުން ބޮޑުވެގެންދިޔުން އިނގޭތޯ. އިންޓަރނޭޝަނަލް އަދި ލޯކަލް ޕޯޓުގެ އޮޕަރޭޝަން.
ދެން އެއާއެކީގައި، އަދި ރާއްޖޭގެ އެކި ރަށްރަށުން މާލެއައިސް، މުދާ ގަތުމާއި، މުދާ ބަރުކޮށްގެން، މި ލޯޑިންގ، އަންލޯޑިންގ، މި ހިންގާ އޮޕަރޭޝަނާ، މި ހުރިހާ ކަމެއްވެސް. ވަރަށް ބޮޑު ޖާގައެއް ލިބި ބަދަލުވެގެންދާނެ. އޭގެ ދެން ކުޑަ ތަފްޞީލަކަށް އަޅުގަނޑު މިގަޑީގައި ގޮސްލާނަން. އެހެންނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި، އެމް.ޕީ.އެލް.އާއި އިކޮނޮމިކް މިނިސްޓްރީއާ މިހެންހުރި، ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާނެ އިނގޭތޯ.
ދެން ބައެއް ބޭފުޅުން މި ވިދާޅުވަނީ، މިހާތަނަށްވެސް އަޅުގަނޑަށް އައި ބައެއް ސުވާލުތަކަކީ، މި ކަންތައް އަޅުގަނޑު ބަޔާންކުރީމާ، ކިހިނެއްހޭ ތިލަފުށީގައި، ތިކަން ކުރާނީ ހަމައެކަނި. ދެން ހަމައެކަނި ތިލަފުށްޓަކު ނޫން އިނގޭތޯ. މިހާރު، ތިލަފުށްޓަށް މި ބަދަލުވަނީ، މުޅި އޮޕަރޭޝަންގެ ބޮޑުބައި. ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ބަދަލުވާނީ ތިލަފުށްޓަށް. ބަދަލުވެފައި ދެން މާލެކޮޅުން، މިހާރު ބުރިޖް މި ގޮސް ނިމެނީ އިންޑަސްޓްރިއަލް ވިލެޖަށް ދޮގެއްތޯ. ބްރިޖް ނިމޭކޮޅު، އިންޑަސްޓްރިއަލް ވިލެޖުގެ އެއްބައި އަޅުގަނޑުމެން މި ކަނޑައަޅަނީ ޕޯޓުގެ ދެންހުރި މަސައްކަތްތަކަށް އިނގޭތޯ. އެހެންވީމާ، މިހާރު މާލޭ ޕޯޓުގައި މި ހިނގާ ބައެއް ކަންކަން، އިންޑަސްޓްރިއަލް ވިލެޖުގައި ކަނޑައަޅާ ބިންތަކުގައި، މިހާރު އޮތް ޓީ-ޖެޓީއާއި، މި ސަރަޙައްދުގެ ތެރެއިން އެ ޕްލޭން ކުރެވިގެން ހަމަޖެހިގެންދާނެ. އެހެންވީމާ، މާލޭގެ އެފަރާތުން ހުރިހާ ކަމެއް ހަމަޖެހިގެންދާނެ. މާލޭގެ އެތެރެއަށް، މި ފަރާތަށް، މި ދެންނެވީ، މިހާރު މިއޮތް ވިޔަފާރި ބަނދަރު ފަރާތަކަށް މިއިން އެއްވެސް ކަމެއްގައި އަންނަން ނުޖެހޭގޮތަށް ކަންކަން ހަމަޖެހޭނެ. ދެން ކަނޑުމަގުންވެސް ރޯރޯ ފެރީ، މުދާ ކޮންޓެއިނަރ މޫވްމަންޓް، ކުރިއަށްދާނެ އިރާދަކުރެއްވިއްޔާ އިނގޭތޯ. ބުރިޖް އޮތަސް، ނެތަސް ބޭނުންވާނެ ކަމެއް އެއީ. ބުރިޖް ހުޅުވުނީމާ އަދި އެއްގަމުން ކުރާ ދަތުރުތައްވެސް އެއޮތީ ހަމަޖެހިފައި. ލޮރީތަކުގައި ހިނގާ އޮޕަރޭޝަން. އަދި އޭގެ އިތުރަށް، މި ދެންނެވިހެން، ކޮންޓެއިނަރ މޫވްމަންޓްސްތަކަށް ދުނިޔޭގެ އެހެން ތަންތާނގައިވެސް ހުންނަ ފަދަ ރޯރޯ ފެރީތައް.
ދެން އެއާއެކީގައި، އިރާދަކުރެއްވިއްޔާ ޕްރައިވެޓް ސެކްޓަރއަށްވެސް އަޅުގަނޑުމެން ވަރަށް ބޮޑެތި އިންސެންޓިވްތައް ދީގެން، އިންޑަސްޓްރިއަލް ވިލެޖްކޮޅާއި، ތިލަފުށީކޮޅުގައި އެ ބޭފުޅުންގެ ފިހާރަތައް ހުޅުވުމާއި، މި ހުރިހާ ކަމަކަށް އަޅުގަނޑުމެން މަގުފަހިކޮށްދޭނަން. އެހެންވީމާ، މީގައި ދެންހުރި ތަފްޞީލުތަކަށް ދާނެ، ކުރިއަށް އޮތް ދުވަސްތަކުގައި ކަމާބެހޭ މުއައްސަސާތަކުން. އަޅުގަނޑު
މި ދަންނަވާލީ މީގެ ކުޑަކުޑަ ސްނެޕް ޝޮޓެއް. އެހެންވީމާ، ކުރުގޮތަކަށް މި ދެންނެވި ކަންކަން ހިމެނޭގޮތުން އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11ގައި އަޅުގަނޑުމެން މާލޭގެ ޕޯޓް އޮޕަރޭޝަން ދާއިމީގޮތެއްގައި ބަދަލުކުރާނަން.
އަޙްމަދު ޖަދުވާން:
އާދެ، ރައީސް، ތިއާ ގުޅިގެން އަޅުގަނޑު ހިތަށްއަރަނީ އިނގޭތޯ، މި ޕޯޓުގެ ވާހަކަ ވިދާޅުވުމާ އެކީގައި، އަޅުގަނޑުމެންނަށް އަޑުއިވުނު، މިއާއެކީގައި އިޤްތިޞާދީ ވަރަށް ބޮޑު ބަދަލުތަކެއް މާލެ ސަރަޙައްދަށް ޚާއްޞަކޮށް، މުޅި ރާއްޖެއަށް އަންނާނެއޭ. ތަކެތީގެ އަގަށާއި އަދި ވިޔަފާރިވެރިންގެ މި ކާރޫބާރޫ ބޮޑުވުމާ އެކީގައި، އާންމު ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފު ކިހިނެއްބާއޭ ވާނީ؟ އެކަންކަމަށް ސަރުކާރުން ކިހާވަރެއްގެ މަސައްކަތްޕުޅެއް ކުރައްވަން އެބަ ވިސްނަވާބާ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާންމު ރައްޔިތުންގެ ތަކުލީފު އިންތިހާއަށް ކުޑަވެގެންދާނީ މީގެ ސަބަބުން. މިހާރު އުފުލަންޖެހޭ ތަކުލީފު ހަމަ ގާތްގަނޑަކަށް ނިމުމަކަށް އަންނާނެ އޭރުން އިރާދަކުރެއްވިއްޔާ. ޖާގަބޮޑު، ވަސީލަތް ފުރިހަމަ ތަނަކަށް ބަދަލުވެގެންދިޔުމާ އެކީގައި، ހުރިހާގޮތަކުންވެސް އިނގޭތޯ. ދަތުރުފަތުރު ކުރުން ކަމުގައިވިޔަސް، މުދާގަތުން ކަމުގައިވިޔަސް، މުދާ ލޯޑުކުރުން، އަންލޯޑުކުރުން ކަމުގައިވިޔަސް، މުދާ ވިއްކުން ކަމުގައިވިޔަސް، ޕޯޓް އޮޕަރޭޝަން އިޓް ސެލްފްއަށް ކަމަށް ބެލިޔަސް، ހުރިހާ ގޮތަކުންވެސް. ޕޯޓުވެސް ހިނގަމުންދާނީ، އޭގެ މައި ބަދައަކަށްވާނީ، ޑިޖިޓަލައިޒް ނިޒާމެއް އިނގޭތޯ. ބެކްބޯންއަކީ އެކީގައި ޑިޖިޓަލައިޒް އިނގޭތޯ. އޮޓޮމޭޝަން ވަރަށް ބޮޑަށް ގެންގުޅޭނަން އިނގޭތޯ. ދެން އެހެންވީމާ، އޭގެތެރެއިން އިރާދަކުރެއްވިއްޔާ އެފިޝަންސީ އެޗީވްވާނެ. އޭގެ ސަބަބުން، ވަރަށް ވަގުތު ސަލާމަތް ކުރެވޭނެ. މިފަދަ އެތައް ކަމެއް ހާސިލުވާނެ އިރާދަކުރެއްވިއްޔާ. އެހެންވީމާ، ސްޓޭޓް އޮފް ދި އާޓް މޮޑަން ޕޯޓެއް ޤާއިމުކުރެވި، ވަސީލަތާއި، ޚިދުމަތާއި، ހުރިހާގޮތަކުން ފުރިހަމަ ނިޒާމަކަށް ބަދަލުވީމާ، ތަކެތީގެ އަގު ކުޑަވެ، ރައްޔިތުންނަށް ފަސޭހަވެ، ރާއްޖޭގެ އިޤްތިޞާދު އެތައް ގުނައަކުން އިރާދަކުރެއްވިއްޔާ ފުޅާވެގެންދާނެ.
އަޙްމަދު ޖަދުވާން:
ރައީސްގެ މި ތަޤްރީރުގައި ވިދާޅުވި ވާހަކަފުޅަށް ބަލާއިރު އިނގޭތޯ، 2028 ވަނަ އަހަރުގެ ނިޔަލަށް ވަރަށް ގިނަ މުހިންމު ކަންތައްތައް ނިމޭނެ ވާހަކަ ވިދާޅުވެފައި އެބަވޭ.
ވަފީޤާ ޙާމިދު:
އާދެ!
އަޙްމަދު ޖަދުވާން:
ޚާއްޞަކޮށް، ފެށުނީއްސުރެ މިއަދާ ހަމައަށް އައިއިރުގައިވެސް އަދި ރާއްޖޭގެ ގިނަ ރަށްރަށުގައި ފުރިހަމަނުކުރެވި ހުރި ކަންކަން، 2028ގެ ނިޔަލަށް މުޅިން ފުރިހަމަކޮށް ނިންމަވާނެ ކަމަށް ވިދާޅުވެފައިވޭ ދޮގެއްތޯ؟
ވަފީޤާ ޙާމިދު:
އާދެ، ވަރަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމަވާފައި، އެ މަސައްކަތްތައް ކުރިއަށް މިގެންދަވަނީ. ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުންހުރި މަޝްރޫޢުތަކެއް މި ކުރިއަށް މި ގެންދަވަނީ. ފެނާއި ނަރުދަމާ ދޮގެއްތޯ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތައް. މަގުހެދުން، އެއަރޕޯޓް ހެދުން. މިހެންގޮސް، ރައްޔިތުންނާ ވަރަށް ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވަން ސޮއިކޮށް، އެކި މަރުޙަލާތަކުގައި މަސައްކަތްތައް ޢަމަލީ މަސައްކަތްތައް ފަށައި، ކުރިއަށް އެބަ ގެންދޭ.
އަޙްމަދު ޖަދުވާން:
އާދެ، މަސައްކަތުގެ ސްޕީޑާއި، މަސައްކަތް ކުރިއަށްގެންދާ މިންވަރާމެދު ރައީސްގެ އޮތް ޔަޤީންކަމުންކަންނޭނގެ، 2028ގެ ނިޔަލަށް މިކަންކަން ނިމޭނެކަމަށް އެ ވިދާޅުވަނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނިޔަލަކަށްވެސް ނޫން. ޖުލައި 26 އަށް.
އަޙްމަދު ޖަދުވާން:
އެހެންތޯ؟
ވަފީޤާ ޙާމިދު:
އެހެންވީމާ، 2028ގެ ޖުލައި 26 އަށް ނިމޭނެ ދޮގެއްތޯ ރައީސް؟
އަޙްމަދު ޖަދުވާން:
އެހެންވީމާ، އެ އަހަރުގެ މިނިވަންދުވަސް ވަރަށް ކުލަގަދަވާނެތާ ދޮގެއްތޯ؟
ވަފީޤާ ޙާމިދު:
އާދެ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑު މައްސަލައަކަށް މިކަން މިވީ އިދިކޮޅު މީހުންނަށް އިނގޭތޯ. ދެން އަޅުގަނޑު މިކަންކަން ބަޔާންކުރާވަރަކަށް މައްސަލަ މިވަނީ ބޮޑު. އަޅުގަނޑު ނުދަންނަވަން އިނގޭތޯ، އެއްވެސްވަރަކަށް އެއްވެސް ވާހަކައެއް އެ ދުވަހުގެ ސްޕީޗްގައި، ސަތޭކަ ޕަސެންޓް ޔަޤީންކަން އަޅުގަނޑަށް ނެތް އެއްކަމެއްވެސް އިރާދަކުރެއްވިއްޔާ އިނގޭތޯ. ދެން 2028 ޖުލައި 26 އަށް މިވެނި ކަންކަމެއް ނިމޭނެއޭ އަޅުގަނޑު ދެންނެވި ކަންކަމަކީ، އަޅުގަނޑުގެ ހުރިހާ ވަޢުދެއްވެސް ނޫން. ބައެއް މީހުން އެބަ ބުނޭ، އަޅުގަނޑުގެ ހުރިހާ ވަޢުދެއް، 2028 ޖުލައި 26 އަށް ނިމޭނެއޭ، އެ ބުނަނީއޭ. ކިހިނެއްހޭ ތިކަންވާނީ؟ އެހެންވީމާ، ބައެއް ކަންކަން އަޅުގަނޑު ދަންނަވާލީ. އަދި އިތުރު ވަރަށް ގިނަ ކަންކަންވެސް އެބަހުރި އިނގޭތޯ. އޭގެ ކުރިން ނިމޭނެ ކަންކަން. އޭގެފަހުން ނިމޭނެ ކަންކަން. އެތައް ކަމެއްވެސް އެބަހުރި.
އެހެންވީމާ، އަޅުގަނޑު އެ ދުވަހުގެ ސްޕީޗްގައި ކުޑަ ޚުލާޞާއެއްގެ ގޮތުގައި ދަންނަވާލީ، މުޅި ރާއްޖޭގެ ތަރައްޤީއަށް މިވެނި ކަންތައްތަކެއް ހާސިލުވާނެއޭ. އަޅުގަނޑުމެން ތަރައްޤީކުރާނީކީ ހަމައެކަނި މާލެ ސަރަޙައްދެއް ނޫނޭ. އަޅުގަނޑު ދެންނެވިން، ލާމަރުކަޒީކޮށް ހުރިހާ ރަށްރަށުގެ ރައްޔިތުން ހަމަހަމަކަމާއެކީގައި ތަރައްޤީ ގެނެސްދޭނަމޭ. އެހެންވީމާ، ހުރިހާ ރަށެއްގައި މިވެނި ކަންތައްތަކެއް ހުންނާނެއޭ. ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިމިގެންދާނެއޭ. އެގޮތުން އަޅުގަނޑު ފާހަގަކުރި ކަންކަން އެ ފާހަގަކުރީ.
ދެން އަޅުގަނޑު ދަންނަވާލިން، އަޅުގަނޑުމެންގެ މަސައްކަތްތައް މިހާތަނަށް ކުރެވިފައި އޮތްވަރުވެސް ދޮގެއްތޯ. ބައެއް ފަރާތްތަކުން ވިދާޅުވޭ، މި ސަރުކާރުން ކޮން ކަމެއްހޭ ކުރީ. ދެން އެހެން ވިދާޅުވާ ބޭފުޅުން އެގޮތަށް ވިދާޅުވެ، ވިދާޅުވެ ތިއްބަވާނެ. އެއީކީ އަޅުގަނޑަށް މައްސަލައެއްވެސް ނޫން. އަޅުގަނޑު ދެންނެވިން، މިހާތަނަށް އައިއިރުގައި، އަޅުގަނޑުމެން 590 މަޝްރޫޢެއްގެ މަސައްކަތް ނިންމި ވާހަކަ. ދެން އަޅުގަނޑު ކޮމްޕެއަރވެސް ކުރިން. ނޫނީވިއްޔާ އަޅައިކިން. މިދިޔަ ދެ ސަރުކާރުގައި މި މުއްދަތުގައި ނިންމާފައި ހުރި މަޝްރޫޢުތަކުގެ ޢަދަދު. އެ މަޝްރޫޢުތަކުގެ ޢަދަދަށް ބަލާއިރުގައި، މިދިޔަ ސަރުކާރުން ނިންމުނީ 285 މަޝްރޫޢުކަމާއި، އޭގެ ކުރީ ސަރުކާރުގައި އެ މުއްދަތުގައި ނިންމީ 321 މަޝްރޫޢުކަން. އަޅުގަނޑުމެން މިހާރު އެކި މަރުޙަލާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އެބަގެންދާ ކަމަށް 1635 މަޝްރޫޢެއް. އަދި މިދިޔަ ސަރުކާރުން މި މުއްދަތުގައި ހިނގަމުންދިޔައީ 414 މަޝްރޫޢުކަމާއި، އޭގެ ކުރީ ސަރުކާރުގެ މި މުއްދަތުގައި ހިނގީ 355 މަޝްރޫޢު. މިއީ، ލިޔެކިޔުމުން ފެންނަން ހުރި ހިސާބު އިނގޭތޯ.
އަޅުގަނޑު އެ ދުވަހު ދެންނެވި އެއްވެސް އެއްޗަކީ، ފެކްޗުއަލީ ދިމާނުވާނެ އެއްވެސް އެއްޗެއް ނޫން. ހަމަ ހުރިހާ އެއްޗެއް ދިމާވާނެ. އެހެންވީމާ، އެގޮތަށް ފާހަގަކުރީ. އެއީ، އަޅުގަނޑު ބޭނުންވަނީ ޓެކްނިކަލީ، މިކަންކަން ބަލާ ފަރާތްތަކަށްވެސް ގަބޫލުކުރެވޭ، ނޫނީވިއްޔާ ފާހަގަކުރެވޭނެ، ހޯދީމާ ފެންނާނެ މަޢުލޫމާތުތައް ދަންނަވަން. އަޅުގަނޑުމެން މަސައްކަތްތައް ކުރަނީ، ޕްލޭން ކުރެވިގެން، ތަރުތީބު ކުރެވިގެންކަން ފާހަގަކުރަން.
ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިންމާނެ މަޝްރޫޢުތައް އަޅުގަނޑުމެން ހުންނާނީ އެކިއެކި މުއްދަތުތަކަށް، އެކި މަޝްރޫޢުތައް ބަހާވެސްލާފައި އިނގޭތޯ. މި އަހަރުގެ ތެރޭގައި ކޮން މަޝްރޫޢުތަކެއްކަން ނިންމާނީ، މި އަންނަ އަހަރު ކޮން މަޝްރޫއުތަކެއްކަން، ދެން އަންނަ އަހަރަށް ކޮން ކަންކަމެއްކަން. އޭގައި ހުންނާނީ މަޝްރޫޢުތަކުގެ ކުޑަބޮޑުމިނަށް ބަލައިގެން، މަޝްރޫޢުގެ ބާވަތަށް ބަލައިގެން ބަހާލާފައި އިނގޭތޯ. ކޭޝް ފްލޯރ މެނޭޖްކުރެވޭނެ ގޮތާއި، ބަޖެޓް ސްޕޭސް އަޅުގަނޑުމެން މެނޭޖްކުރާނެ ގޮތާއި، އަޅުގަނޑުމެން ނަގާފައި ހުރި ލޯނުތައް މެނޭޖްކުރާނެ ގޮތާއި، ބޭރުގެ ދަރަނި ދެއްކުމާއި، މި ހުރިހާ ކަމަކާ ގުޅިފައި، މި ހުރިހާ ކަމެއް މި ހުންނަނީ. އެހެންވީމާ، އެގޮތުން ބަލައިގެން އަޅުގަނޑު މިކަންކަން ދަންނަވަމުން ދިޔައީ.
އެހެންވީމާ، މިސާލަކަށް ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކު ހެދުން، ހުރިހާ ރަށެއްގެ އައުޓްޑޯ ޖިމްތައް ނިންމުން، މިއީ ދުވަހަކުވެސް ކުރެވިފައި ހުރި ކަންކަމެއް ނޫން އިނގޭތޯ. ހުރިހާ ރަށެއްގައި އަޅުގަނޑުމެން މި ހަދަނީ، ފިޓްނަސް ސެންޓަރުތައް އިނގޭތޯ. މިކަންކަން ނިމޭނެ 2028ގެ ޖުލައި 26ގެ ކުރިން. އަދި މާކުރިން އިރާދަކުރެއްވިއްޔާ. ދެން ހުރިހާ ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހެދުން. ދެން މިހެންގޮސް ވަރަށް ގިނަ ކަންކަން އަޅުގަނޑު ފާހަގަކުރިން ދޮގެއްތޯ. އަދި ބޮޑެތި ބައެއް ރަށްތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ހެދުމާއި، މިކަންކަމަކީވެސް ނިމޭނެ ކަންތައްތައް. އަޅުގަނޑު އެ ދުވަހު ފާހަގަކުރި ކޮންމެ ކަމަކީވެސް ހާސިލުވާނެ ކަންތައްތައް އިރާދަކުރެއްވިއްޔާ. އެއީކީ އެއްވެސް ޑައުޓެއްވެސް އިރާދަކުރެއްވިއްޔާ އޮންނާނެ ކަމެއްނޫން. އެކަންކަން އަޅުގަނޑުމެން ނިންމާނަން.
އެހެންވީމާ، މިހެންހުރި ބައެއް ކަންކަން އަޅުގަނޑު ފާހަގަކުރުމުގެ ބޭނުމަކީ، ހަމަހަމަކަމާއެކީގައި، ރައްޔިތުންނަށް ތަރައްޤީއާއި ތަމައްދުން ހާސިލުކޮށްދިނުމުގައި ހުރިހާ ރައްޔިތުންނަށް އެ އިޙްސާސް، ތަރައްޤީގެ މިނިވަންކަމުގެ އިޙްސާސް، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއެރުމުގެ މިނިވަންކަމުގެ އިޙްސާސް، މި ހުރިހާ ކަމެއް އެއްވަރަކަށް ހާސިލުކޮށްދޭނެ ކަމުގެ މެސެޖް ދިނުމަށްޓަކައި އެ ވާހަކަ އަޅުގަނޑު ދެންނެވީ.
ވަފީޤާ ޙާމިދު:
އެއްވެސް ރަށެއް، ކުޑަ ރަށެއް، ބޮޑު ރަށެއް ބެލުމެއް ނެތި މަޝްރޫޢުތައް މި ކުރިއަށް ގެންދަވަނީ.
އަޙްމަދު ޖަދުވާން:
އާދެ، އާދެ، އާދެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުރަތަމަ ފަހަރަށް ބައެއް ކަންކަން ނިމުން އެއީ ވަރަށް ބޮޑު ކާމިޔާބަކަށްވާނެ ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑު ކުރިންވެސް ފާހަގަކޮށްލިފަދައިން،
2028 ވަނަ އަހަރުގެ މިނިވަންދުވަސް ވާނީ ހަމަގައިމުވެސް ވަރަށް ކުލަގަދަ، ރައްޔިތުންނަށް ވަރަށް އުފާފާގަތި މިނިވަންދުވަހަކަށްތާ ދޮގެއްތޯ؟
ވަފީޤާ ޙާމިދު:
އާދެ. ދެން ރާއްޖޭގެ އެކި ދާއިރާތަކުން ތަރައްޤީކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުން މިދަނީ. މި މަޝްރޫޢުތައް ނިންމުމަކީވެސް މިކަމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް. ވަކިން ޚާއްޞަގޮތެއްގައި، ރައީސްގެ ވަރަށް ބޮޑު އަމާޒެއް މިއީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ބޭއްވުން. ކޮބައިތޯ މިކަން ކިހާވަރަކަށް ހާސިލުވާނެތޯ؟ މިކަން ކުރެވޭނެކަމުގެ ޤާބިލްކަން ކިހާވަރަކަށް އެބަހުރިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން 2040 ވަނަ އަހަރާ ހަމައަށް ދިޔުމަކީ އަދި އަޅުގަނޑަށް ފުލް ކޮންޓްރޯލްގައި އޮންނާނެވެސް ކަމެއްނޫން ދޮގެއްތޯ؟ އެހެންނަމަވެސް، އަޅުގަނޑަށް މަސައްކަތްތަކެއް ތަރުތީބު ކުރެވިދާނެ. ޕްލޭން ކުރެވިދާނެ. އެހެންވީމާ، ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭނެއްވެސް މި ހަދަނީ. 20 އަހަރުގެ މާސްޓަރ ޕްލޭނެއް. މިހާރު އޭގެ ފުރަތަމަ ޑްރާފްޓް އެއޮތީ ގާތްގަނޑަކަށް ނިމިފައި. ދެން ވަރަށް ބޮޑު ވަރކްޝޮޕެއް އަޅުގަނޑުމެން ބާއްވާނަން. މީ ވެލިޑޭޝަން ވަރކްޝޮޕެއް. ވަރަށް ގިނަ މުއައްސަސާތަކާއި، ހުރިހާ ފަރާތްތަކެއް ހިމެނޭގޮތަށް. މި ވަރކްޝޮޕް ބާއްވާފައި، މި އަހަރުގެ ނޮވެންބަރަށް މިބަލަނީ އެކީގައި ފައިނަލްކޮށް އިޢުލާނުކުރެވޭތޯ. ދެން މިހާރުވެސް އެ މާސްޓަރ ޕްލޭންގެ ތެރެއިން، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހުރި ވަރަށް ގިނަ ކަންކަން، އޭގެ ތެރޭގައި ހިމެނޭ ކަންކަން މިހާރުވެސް މިދަނީ ތަންފީޒު ކުރަމުން. އަޅުގަނޑު މެނިފެސްޓޯގައި އިޢުލާނުކޮށްފައި ހުރި ކަންކަން އޭގެ ތެރޭގައި އެބަ ހިމެނޭ. އެހެންވީމާ، 2023ގެ ނޮވެންބަރު 17 އިން ފެށިގެން މިދަނީ އޭގައި ހުރި ކަންކަން ތަންފީޒުވަމުން.
އެހެންވީމާ، 2040އާ ހަމައަށް ދާންވާއިރަށް، 2043، 2044 ހިސާބަށް ދާއިރުގައި، އެ 20 އަހަރުގެ މާސްޓަރ ޕްލޭން ނިމޭއިރުގައި، އިރާދަކުރެއްވިއްޔާ ރާއްޖެ 2040 އޭރު އޮންނާނީ ހާސިލުވެފައި. 2040އާ ހަމައަށް ދާއިރުގައި، މިހާރު ޤައުމުގެ ޖީ.ޑީ.ޕީ. މިއޮތް ނިސްބަތް އިތުރުކުރެވި، ތަރައްޤީވެފައި އޮންނަ ޤައުމުތަކުގެ ސްޓޭޓަސްއަށް ގެންދިޔުމުގެ އަމާޒުގައި މަސައްކަތް ކުރުން އެއީ، މި ސަރުކާރުން އަޅުގަނޑު މަސައްކަތްކުރާ ކަމަކީ. އެކަމަކީ ވަރަށް ގިނަ ކަންކަން އެއާ ގުޅިފައި ހުރި ކަންކަން. އިޤްތިޞާދީ ގޮތުން އަންނަންޖެހޭ ތަރައްޤީ، އިޖުތިމާޢީ ގޮތުން އަންނަންޖެހޭ ތަރައްޤީ، ޤައުމުގެ ހިންގުމުގެ ނިޒާމުގައި އަންނަންޖެހޭނެ ކުރިއެރުންތައް. މިހުރިހާ ކަމަކަށް މިދަނީ މަސައްކަތް ކުރަމުން އިނގޭތޯ.
އެހެންވީމާ، އަޅުގަނޑު މިނިވަންދުވަހުގެ ސްޕީޗްގައި އެ ވާހަކަ ފާހަގަކުރީ އެ ބޭނުމުގައި. އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، ގަވަރނަންސްގެ ނިޒާމުން، ޑިމޮކްރަސީގެ ގޮތުން، މި ހުރިހާގޮތަކުން ވަކި މިންގަނޑުތަކެއް ހާސިލުވީމާ ތަރައްޤީވެފައި އޮންނަ ޤައުމަކަށް މިވަނީ. އެހެންވީމާ، އެދިމާއަށް މަސައްކަތް ކުރަމުންދާކަމާއި، މިހާތަނަށް ކުރެވުނީ މިހާ މަސައްކަތް ކަމާއި، ކުރިއަށް އޮތީ މި މަސައްކަތްތައްކަން ބަޔާންކުރުމުގެ ގޮތުން. އެހެންވީމާ، އެގޮތުން، އަޅުގަނޑު ހަމަ ކުޑަގޮތަކަށް އެކަމުގައި އަލިއަޅުވާލީ.
އަޙްމަދު ޖަދުވާން:
ރައީސް، އަޅުގަނޑުމެންގެ މި ޕޮޑްކާސްޓުގެ ފުރަތަމަ ބައި މިހާ ހިސާބުން އަޅުގަނޑުމެން މެދުކަނޑާލާނަން އިނގޭތޯ. ދެވަނަ ބަޔެއްވެސް އެބައޮތް. އެހެންނަމަވެސް، އަޅުގަނޑުމެން ދެވަނަ ބަޔަށް ރައީސަށް ދަޢުވަތު އަރުވަން އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ!
ވަފީޤާ ޙާމިދު:
އާދެ، ޕޮޑްކާސްޓުގެ މި ބައި ނިންމަލާފައި އަޅުގަނޑުމެން ވަކިވެލާނަން. އެހެންނަމަވެސް، ޕޮޑްކާސްޓުގެ ދެވަނަބަޔާ އެކީގައި ބައްދަލުކޮށްލާނަން.