މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ، ޤައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައެޅުއްވީ، ޤައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރެއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ.

ދުނިޔޭގެ ތަފާސްހިސާބުގެ ދުވަސް، 20 އޮކްޓޫބަރު އަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބައިނަލްއަޤްވާމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރަމުންގެންދާ ދުވަހެއް ކަމަށްވާތީ އާއި، ދިވެހިރާއްޖޭގައި ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވާ، ތަރައްޤީކުރުމަށް ސަރުކާރުންދޭ އަހައްމިއްޔަތުކަން ފާހަގަކޮށް، ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއެޅުމަށްޓަކާ ޢާންމު ހޭލުންތެރިކަން އިތުރުކޮށް، ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިކަމާ ގުޅޭ ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

މިދުވަހާއި ގުޅޭގޮތުން އ.ދ ގެ ސެކްރެޓަރީ ޖެނެރަލް ޤައުމުތަކުގެ އެންމެ އިސްވެރިންނަށް ގޮވާލާފައިވަނީ މިދުވަސް ފާހަގަކުރުމުގައި ޤައުމުތަކުގެ ސަރުކާރާއި، ދައުލަތުގެ ރަސްމީ ތަފާސްހިސާބު ނަގާބަލަހައްޓާ ހުރިހާ މުވައްސަސާތަކާއި، ބައިނަލް އަޤްވާމީ ޖަމިއްޔާތައް، މަދަނީ ޖަމިއްޔާތައް، މީޑިޔާ، ރިސާޗަރުން ވެސް ބައިވެރިވެ، އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގައި ތަފާސްހިސާބުގެ ބޭނުންތެރިކަން ފާހަގަކުރުމަށެވެ.