ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ފިނޭ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ބަނދަރުގެ މަޝްރޫޢު ކުރިއަށްދިޔަނަމަވެސް އައު ބަނދަރު އިތުރަށް ބޮޑުކުރުމަށް ރައްޔިތުން ބޭނުންވާކަމަށާއި މިހާރު ބޭނުންކުރަމުންދާ ބަނދަރަށްވެސް ބަދަލުތަކެއް ގެނައުން ހިމެނެއެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށާއި ރަށު ސްކޫލްގެ ޖާގައިތުރުކުރުމުގެ ގޮތުން ރީލޮކޭޓް ކުރުމަށް ބޭނުންވާކަން ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ޓޫރިޒަމް ޒޯނާއި އަލަށް މީހުން އާބާދުވި ސަރަޙައްދުތަކަށް ކަރަންޓް ކޭބަލް އެޅުމުގެ މުހިންމުކަށް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި އެރަށުގެ ކައުންސިލް އިދާރާގައި ހުރިދަތިކަން ހައްލުކުރުމުގެ ގޮތުން ކައުންސިލަށް އައު ޢިމާރާތެއް ބޭނުންވާކަންވެސް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. ޓަރފް ދަނޑު ބައުވެ ބޭނުން ނުކުރެވޭވަރުވެފައި ހުރުމުން އެ ރަށުގެ ޒުވާނުންނަށް އެންމެ ޒަމާނީ ފުޓްސަލް ދަނޑެއް އަޅުއްވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.