ސަރުކާރުގެ އަމާޒަކީ، ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ލަސްވެގެން ނޮވެމްބަރު މަހު، އެ ވައިގެބަނދަރު ފުރިހަމައަށް ބޭނުންކުރެވޭގޮތަށް ނިންމައި ހުޅުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހަނިމާދޫ ވައިގެބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިފަހަރު ކުރިއަށްގެންދަވާ މަސައްކަތްތަކާއެކު، އެ ވައިގެބަނދަރު، ބައިނަލްއަޤުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރުކުރެއްވޭނޭކަމަށެވެ. އެގޮތުން، އެއަރޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއަރޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށުގެ ލޯކަލް ޓޫރިޒަމަށްވެސް މަގު ފަހިވާނޭ ބީދައިން، އެއަރޕޯޓުން ބޭރުގައިވެސް ޑޮލަރު އޭ.ޓީ.އެމެއް ބަހައްޓައިދެއްވާނޭކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭ.ޓީ.އެމްތައްވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހަނިމާދޫ ކައުންސިލުން ޖާގަ ހަމަޖައްސަވައިދެއްވުމާއެކު، އެއާޕޯޓު ހުޅުވެން ވާއިރަށް، އެރަށުގައި ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް ޤާއިމުކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެރަށުގައި 500 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ މަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރައްވާނޭކަމަށެވެ. އެ މަސައްކަތް ކުރިއަށްގެންދަވާނީ، ވަކި ސަރަޙައްދެއްގައި ހައުސިންގ ޔުނިޓު އަޅައިދޭ ގޮތަށާއި، ގޯތީގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ހިރިމަރަދޫއިން ހަނިމާދޫއަށް އެއްފަސްވާ އާބާދީއަށް އަމާޒުކޮށްގެން ހިންގާ ހައުސިންގ މަޝްރޫޢު ކުރިއަށްގެންދަވައި، ކޯޓުގައި ހުއްޓިފައި އޮތް ހައުސިންގ މަޝްރޫޢަށް ހުއްދަލިބުމާއެކު އެ މަޝްރޫޢުވެސް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޢުމްރާނީ މިފަދަ މަޝްރޫޢުތަކާއެކުއެކީ މަގުހެދުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަން ޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، 2026 ގައި ފަށައި 2027 ގައި ނިންމާ ގޮތަށް، ރައްޔިތުން އެދޭ ކޮންސެޕްޓަކަށް، 17 ވަރަކަށް ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫޢެއް ކުރިއަށްގެންދެވުމަށްވެސް ވަނީ ރާއްވަވާފައިކަމަށެވެ.

މިރޭގެ ޖަލްސާގައި ވަނީ ހަނިމާދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. ސްކޫލްގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ހަނިމާދޫ ދަރިވަރުންނާއި، އެއްފަސްކުރުމުގެ ގޮތުން ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫ ދަރިވަރުންނަށްވެސް ޖާގަ ލިބޭނޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރަށުގައި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތާއި، 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް މާދަމާ ރަސްމީކޮށް ފައްޓަވާނޭކަން އެމަނިކުފާނު މިރޭ އިޢުލާންކުރެއްވިއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ފައްޓަވައި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތްދޭން ފައްޓަވައިދެއްވާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަނިމާދޫ އަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައެއް ހިއްސާކުރާ، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގައި މުހިންމު ދައުރެއް އަދާކުރާ ރަށެއްކަމަށެވެ.