މުޖުތަމަޢުގެ ހެވާއި ލާބައަށް ކުރާ ކޮންމެ ކަމަކީ، ކޮންމެ ފަރުދަކަށްވެސް އެކަމުން މަންފާ ކުރާނޭ ކަމެއްކަން ޤަބޫލުކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް މަސައްކަތް ކުރުން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވައިލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވައިލައްވާފައިވަނީ، "ފުރާތަ" ގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިސްނަގައިގެން މުޖުތަމަޢަށް އަނބުރާ ދިނުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ކުރިއަށް ގެންދަވާ ސިލްސިލާ ހަރަކާތް އިފްތިތާޙު ކޮށްދެއްވުމަށް މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމް.އެން.ޔޫ.ގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ފަރުދީ ހެވާއި ލާބާއި މަންފާއަކީ މުޅި މުޖުތަމަޢުގެ ހެވާއި ލާބައާއި މަންފާގެ މައްޗަށް ބަރޯސާވެފައިވާ ކަންކަން ކަމަށެވެ. އެހެންކަމުން، މިކަން އިޙްސާސްވުމާއިއެކު ކޮންމެ ފަރުދަކަށްވެސް އިޚްތިޔާރު ކުރެވޭނީ މުޖުތަމަޢުގެ ލާބައާއި މަންފާ އިސްކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް މަސައްކަތް ކުރާން ކަމަށެވެ.

ދަތިކަމަކަށްވިޔަސް އަމިއްލަ ބޭނުންތައް އެކަނި ފުއްދާލައިގެން ފަރުޖެހެން ނެތްކަން ކޮންމެ ފަރުދަކުވެސް ޤަބޫލުކުރުމަށް ގޮވައިލައްވާ އެކަމަނާ ވިދާޅުވީ، ތިމާއަށް ލިބޭ ކޮންމެ މޮޅަކާއި ލާބައެއް މުޖުތަމަޢުގެ އެހެން މީހުންނާއި، ޚާއްޞަކޮށް ނިކަމެތިންނާއި ޙިއްޞާކުރުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، އެކަން އެގޮތަށް ނުކުރާނަމަ، މުޖުތަމަޢު ނިކަމެތިވެ ބަލިކަށިވެދާނެ ކަމަށާއި، ކޮންމެވެސް ދުވަހަކުން ކޮންމެ ފަރުދަކަށްވެސް މިކަމުގެ އަސަރުތަކާއި ކުރިމަތިލާން ޖެހިދާނެކަން ޤަބޫލުކުރާން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، މައުނަވީ ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންނަމަ، ކޮންމެ މީހަކުވެސް އެހެން މީހުންގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް އެހީތެރިވާން ޖެހޭނެކަމަށެވެ. ސަބަބެއް ކަމަށް އެކަމަނާ ވިދާޅުވީ، އިންސާނެއްގެ ދިރިއުޅުމުގެ އަގަކީ އެ ދިރިއުޅުމުގެ ތެރޭގައި އިހްސާންތެރިކަމާއެކު ބަދަލުކުރެވޭ އެހީގެ ސަބަބުން އެހެން އިންސާނުންގެ ހިތްތަކުގައި ބިންވަޅު ނަގުވާއިދޭ ޝުޢޫރުގެ މިންވަރުކަމުގައި ވާތީކަމަށެވެ. އަދި، ދިރިއުޅުމުގައި އުފާވެރިކަން ޙާސިލުކުރަން ބޭނުންނަމަ އެހެން މީހުންގެ އުފާވެރިކަމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށެވެ.

މިއާއިއެކު، އެހެން މީހުންނަށް ޒިންމާދާރުކަމާއި އިހްސާންތެރިކަމާއި އޯގާތެރިކަމާއިއެކު އަޅައިލުން ފޯރުކޮށްދޭ ކޮންމެ ހިނދެއްގައި އެ ފޯރުކޮށްދެވެނީ މުޖުތަމަޢަށް އަނބުރާ ރައްދުކުރެވޭ އަގެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި، ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް އެބައެއްގެ މައްޗަށް ބަރޯސާވާ މީހުންގެ ފަރާތުން އެހީތެރިކަމާއި އަޅައިލުމާއި ދީލަތިކަން ފެނި ތަޖުރިބާކުރެވޭނަމަ އެކުދީންގެ ކިބައިން އެދީލަތިކަން ފެނުމަކީ ގާތްކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިދުނިޔޭގައި ހޭދަކުރާ ވަގުތުގެ ބޭނުމަކީ އަލުގަނޑުމެނާއެކު އަނބުރާ ނުގެންދެވޭނޭ ތަކެތި އެއްކޮށް ފޮރުވައިގެން އުޅުމެއްނޫން. އޭގެ ބޭނުމަކީ މިދުނިޔެއަށް އުފަންވިހިނދު މިދުނިޔެ އޮތް މިންވަރަށްވުރެ ހިތްހެޔޮ، އިހްސާންތެރި، ރަނގަޅު މިންވަރަކަށް މިސްރާބުހިފައި އެމަންޒިލުގެމަތީ ދޫކޮށްދިއުން. މިއީ އެހެން އިތުރު މީހެއްގެ ޒިންމާއެއްނޫން. މިއީ އެންމެންގެ ޒިންމާއެއް،" އެކަމަނާ އިތުރަށް ވިދާޅުވިއެވެ.

"ފުރާތަ" އަކީ އެމް.އެން.ޔޫ.ގެ ކެމްޕަސްތަކާއި ދަރިވަރުން މެދުވެރިކޮށް މުޅި މުޖުތަމަޢަށް، އަދި ވަކީން ޚާއްޞަކޮށް އަޅައިލުން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް، އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންގެ ދުރިއުޅުމަށް އުފާވެރިކަން ގެނެސްދިނުމުގެ މަޤްޞަދުގައި ދަރުމައަށް ޚިދުމަތްކުރުމަށް ބާރުއަޅާ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި، ބިދޭސީންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދީންނާއި، ޓެކްސީ ޑްރައިވަރުންނާއި، ދަނޑުވެރިންނާއި، މަސްވެރިންގެ އިތުރުން އެހެނިހެން ފަރާތްތަކަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.

ފަޚުރުވެރި ދިވެހި ޢާއިލާއެއް ބިނާކުރުމުގައި ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ޢާންމު މަޞްލަޙަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާޢީ ވެށްޓެއް ޤާއިމްކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.