‎އިޒްރޭލުގެ އިސްތިއުމާރީ ސަރުކާރުން "ވިޜަން އޮފް ގްރޭޓަރ އިޒްރޭލް" ގެ ނަމުގައި އިޢުލާނުކުރި އިޒްރޭލުގެ ވަޒަންވެރިކަމުގެ އަދި އާބާދީ އިތުރުކުރުމުގެ ތަޞައްވުރަށް ދިވެހިރާއްޖެއިން އިންކާރުކޮށް، އެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. އެ މަނިކުފާނު މިކަން ހާމަކުރެއްވީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، މިފަދަ ތާކުންތާކު ނުޖެހޭ ބަޔާންތައް ނެރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށާއި، ހަމަ އެހެންމެ، އެއީ، ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް "ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން" ނުވަތަ މިނިވަންކަމާއެކު ސިޔާސީ ދަރަޖަ ދެނެގަނެ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ކުރިއެރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޙައްޤަށް އަރައިގަތުމުގެ އަމަލެއް ކަމުގައި ވިދާޅުވެފައިވެއެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދީ، އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ފަލަސްޠީނު ރައްޔިތުން ތަހަންމަލު ކުރަމުންދާ ދަތި ހާލަތުން މިންޖުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާފައެވެ.

‎ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށާއި އަދި ފަލަސްޠީނަށް އިންސާފުވެރި، ފުޅާ އަދި ދާއިމީ ސުލްޙައާއި ހަމަޖެހުމަށް އެދި މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ތަކުރާރުކުރައްވާފައިވެއެވެ.