ދިވެހި ވިޔަފާރިވެރިންނާ، އަތްތެރިމަސައްކަތްތެރިންނާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތައް ކުރިއަރުވައި، އެފަރާތްތަކުގެ ކުރިއެރުމަށް ބޭނުންވާ ފުރުސަތުތަކާއި ވަސީލަތްތައް ފަހިކޮށްދިނުމަށް ސަރުކާރުން ދޭ ސަމާލުކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ތަކުރާރު ކުރެއްވީ އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި އިގުތިސާދުގެ ޙަޤީޤީ ބާރު އޮތީ ބޮޑެތި ވިޔަފާރިތަކުގެ އަތްމަތީގައި ނޫންކަމަށާއި އެބާރު ބިނާވެފައި އޮތީ އިގުތިސާދީ ހަރަކާތްތަކުގައި ގިނަ ބައެއްގެ ބައިވެރިވުމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އިގުތިސާދު ސިންދަފާތު ކުރުމަށާއި، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ކޮންމެ އަމިއްލަ އުފެއްދުންތެރިއަކަށްމެ ބައިނަލްއަގުވާމީ މާރުކޭޓުތަކުގެ ފުރުސަތު ހޯދައިދިނުމަށާއި، މާލީ ނިޒާމަކީ އެންމެންނަށް ޚިދުމަތްލިބޭ ނިޒާމަކަށް ހެދުމަށް އެކުލަވާލާފައިވާ ގައުމީ ތަޞައްވުރު "މޯލްޑިވްސް 2.0" ގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް އަދި އުފެއްދުންތެރި ދާއިރާތައް، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 15 އިންސައްތައާ ހަމައަށް ކުރިއެރުވުން ކަމަށާއި، މި ބަދަލުގެ މައިގަނޑު އަސާސަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މުޅި ރާއްޖެއަށް މިފަދަ ފުރުސަތުތައް ފަހިކުރުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން، ސަގާފީ މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން ބ. ތުޅާދޫ، ދ. ރިނބުދޫ، އަދި ގދ. ގައްދޫގައި ސަރަހައްދީ ސަގާފީ މަރުކަޒުތަކެއް ގާއިމުކުރުމާއި، މާލޭގައި އުފެއްދުންތެރި ދާއިރާތަކުގެ ފަންނުވެރިންނަށް ޚާއްސަ "ކްރިއޭޓާ ހަބެއް" ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
އައްޑޫ ބިޒްނަސް ޑައިލޮގް ފަދަ މުހިންމު އެކިއެކި މަޝްވަރާތަކުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަން ހާމަކުރައްވާ، މިގޮތުން، އެ މަޝްވަރާތަކުން ނެރުނު ނަތީޖާތަކުގެ އަލީގައި އައްޑޫ ސިޓީ ހުޅުދޫ، އަދި މީދޫ ހިމެނޭހެން ގާއިމުކުރާ ރާއްޖޭގެ ފުރަތަމަ "ޓްރޭޑް އެކްސެލެރޭޝަން ޒޯން" އުފެއްދުމަށް މަގުފަހިވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މި ޒޯނަށް ޚާއްޞަ އިނާޔަތްތަކުގެ ޕެކޭޖަކާއެކު 2027 ވަނަ އަހަރު ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އަލީބާބާއާ އެކު ޤާއިމުކުރެވިފައިވާ އިސްތިރާޖީ ގުޅުމުގެ ތެރެއިން، "އޮތެންޓިކް މޯލްޑިވްސް" ގައި ރަޖިސްޓްރީވެފައިވާ ދިވެހި އުފެއްދުންތެރިންނަށް ތަކެތި ވިއްކުމަށް މަގުފަހިކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްއެމްއީ ޑިޖިޓަލް އިނިޝިއޭޓިވްގެ ދަށުން ފޯރުކޮށްދޭ ޝަރީޢާގެ ހަމަތަކަށް ފެތޭ މާލީ އެހީތެރިކަމާއެކުގައި ވިޔަފާރި ހިންގާނެ ރައުސުލްމާލާއި، ވިޔަފާރީގެ އެސެޓް ހޯދުމާއި، އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަށާއި، އަދި އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ފުރުސަތުތައް ފަހިކުރެވެމުންދާކަން ހާމަކުރައްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ "ސްވައިޕް" ޑިޖިޓަލް ވޮލެޓް ފަދަ އައު އީޖާދުތަކުގެ އެހީގައި މާލީ ދާއިރާ ޒަމާނީކުރެވެމުންދާ ކަމަށާއި، މީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުޢާމަލާތްތަކާއި، ފައިސާގެ ދައުރުވުމާއި، ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަންތައް ބެލެހެއްޓުމަށް އަވަސް، ފަސޭހަ، އަދި ލުއި ގޮތްތަކެއް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ މުހިންމު ވައުދެއް ފުއްދި، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް މިހާރު ލިބެމުންދާކަން ފާހަގަކުރައްވައި، މީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ ޑިޖިޓަލް އިގުތިސާދުގެ ތެރެއަށް ފަސޭހަކަމާއެކު ވަދެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހަލުވި ދުވެލި ދެމެހެއްޓުމަށްޓަކައި، ސަރުކާރުން ވަނީ 2026 އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދޭ އަހަރުތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިކަމުގެ ބޭނުމަކީ ވަރުގަދަ ވިސްނުންތަކާއި އީޖާދުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި، މާލީ އެހީތެރިކަމާއި، އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަށަވަރުކޮށްދިނުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، މިކަމަށް ބޭނުންވާ އަސާސްތައް ގާއިމުކުރެވި، ދާންވީ މިސްރާބު ސާފުވެފައިވާ ކަމުގެ ޔަގީންކަން ދެއްވައި، ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްތެރިންނަށާއި، އުފެއްދުންތެރިންގެ އިތުރުން ފްރީލާންސް މަސައްކަތް ކުރާ ފަރާތްތަކަށް އެމްއެސްއެމްއީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވިއެވެ.
ބައިނަލްއަޤްވާމީ އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައިވެސް މި ޝުއޫރުތައް ތަކުރާރުކުރައްވާފައެވެ. އެގޮތުން، ދިވެހި އިގުތިސާދުގެ ބާރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެހިގެންވާ އެތައް ހާސް ކުދި ވިޔަފާރިތަކެއްގެ އަތްމަތީގައިވާ ކަމެއްކަން ފާހަގަކުރައްވައި، ވިލުންތެރި އިގުތިސާދެއް ބިނާކުރުމުގެ ފުރުސަތުތަކަކީ އެންމެންނަށް ފަސޭހައިން ލިބެންޖެހޭ ފުރުސަތުތަކަކަށް ވާންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.