ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަނުގެ ޙާލަތު ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނުވަނީ، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ބައެއް މީހުންނާއި ބައްދަލުކުރައްވައި، އެ މީހުންގެ ޙާލު އޮޅުންފިލުއްވާފައެވެ.

މި ޒިޔާރަތުގެ ތެރެއިން ހޮސްޕިޓަލުގެ އިސް ވެރީންނާއި މުވައްޒަފުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ހޮސްޕިޓަލުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހޮސްޕިޓަލަށް ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވައި، އެ ތަނުގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ސާފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ އިސް ވެރީންނާއި މުވައްޒަފުން ވަނީ، އެތަނަށް ކުރިމަތިވެފައިވާ މުވައްޒަފުންނާއި ވަޞީލަތްތަކުގެ ދަތިކަމުގެ އިތުރުން ބޭސް ލިބުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާން ހެލްތް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެރަށުގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ބައެއް މީހުންނާއި ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ސާފުކުރައްވާ، އެމަނިކުފާނު ވަނީ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ސަރުކާރުން ކަންކަން މަގުފަހި ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.