ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށް ވަޑައިގަންނަވާ، އެ ރަށު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުނގޫފާރަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އުނގޫފާރު ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ރަށުގެ ތަރައްޤީއަށް ކުރަމުންދާ ބައެއް މަސައްކަތްތަކާއިބެހޭ މަޢުލޫމާތު އުނގޫފާރު ކައުންސިލަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އުނގޫފާރު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ތަރައްޤީއަށް ހިންގާ ބައެއް މަޝްރޫޢުތަކާއިމެދު ހުރި ބައެއް ކަންބޮޑުވުންތައް ހިމެނެއެވެ.
މިގޮތުން، އުނގޫފާރު ސްކޫލަށް ކުރިމަތިވެފައިވާ ދަތިތަކާއި މަގު ހެދުމާއި މިސްކިތް ތަރައްޤީކުރުމުގެ މަޝްރޫޢާއިމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރުންވަނީ ޙިއްޞާކުރައްވާފައެވެ. މީގެއިތުރުން ކައުންސިލަރުން ވަނީ، އެ ރަށަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައާއި ސާފު ބޯފެން ފޯރުކޮށްދޭ މިންވަރަށްވުރެ ޑިމާންޑް ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ފަދަ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން އެންމެ ގާތުން ބައްލަވައި، ރައްޔިތުންގެ ބޭނުންތައް ފުއްދައިދެއްވުމަށް މަސައްކަތްކޮށްދެއްވުމުގެ މަޤްޞަދުގައި ކުރައްވާ ދަތުރުފުޅުތަކެއްކަމުގައި ވިދާޅުވިއެވެ. އަދި އުނގޫފާރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، މި މަހުގެ 20 ވަނަ ދުވަހު އަމަލުކުރާން ފަށާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒުކުރުމުގައި ކައުންސިލުން އިހުނަށްވުރެ ބޮޑަށް ވިސްނަވައި، އިސްކަންދެއްވައިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ކައުންސިލުގެ މެމްބަރުންނަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ، ރަށުގެ އިޖްތިމާޢީ ހަމަޖެހުން ޤާއިމުކޮށް ޞިއްޙީ ހޭލުންތެރިކަން އިތުރުކޮށްދިނުމުގައި ކައުންސިލްގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.