ކޮމަންވެލްތު އެންޓަރ ޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން، ހިޒް އެކްސަލެންސީ ލޯޑް މާލޭންޑް (ޖޮނަތަން ޕީޓަރ މާލޭންޑް)، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ލޯޑް މާލޭންޑް ވަނީ ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅިފައިވާތީ އެކަން ފާހަގަކުރައްވައި ރާއްޖެއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ކޮމަންވެލްތުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ލޯޑް މާލޭންޑް ވިދާޅުވިއެވެ. އެގޮތުން މާލީދާއިރާއާ ވިޔަފާރިއާ އިންވެސްޓްމަންޓްގެ ދާއިރާއިން އެހީތެރިކަމާ އެއްބާރުލުން ދެއްވާނެކަމަށް ލޯޑް މާލޭންޑް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ލޯޑް މާލޭންޑް ވަނީ ނޫއިޤްތިޞާދެއް ބިނާކުރުމުގައި އެހީތެރިކަމާ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން ކޮމަންވެލްތުގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓް ކައުންސިލާއެކު އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ލޯޑް މާލޭންޑް ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުތައް ބައޮސްފިއަރ ރިޒާވްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައި ކުރައްވަމުންގެންދަވާ މަސައްކަތަށް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.