ނިމިދިޔަ އަހަރުގެ އުސްއަލިތަކާއި ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކާއި މިއަހަރަށް އެކުލަވާލައްވާފައިވާ މުހިންމު ސިޔާސަތުތައް ހިމެނޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ބަޔާން ޢިއްވަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެއްޓެވީ ދުނިޔަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ނުރައްކަލުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ. އެގޮތުން މި ބަލީގެ ނުރައްކާ ރާއްޖެއަށް އޮތް ނަމަވެސް މިހާތަނަށް ސާންޕަލްނަގާ ޓެސްޓްކުރި އެއްވެސް ދިވެއްސަކު މި ވައިރަސްއަށް ޕޮޒިޓިވް ވެފައި ނުވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް، އެއް ޢަޒުމެއްގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުން އެ ބަލިން ރައްކާތެރި ކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން
މިފަހަކުން ރާއްޖޭގައި ފެންމަތިވި ހިތާމަވެރި މައްސަލަ ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ މަހެއްހާ ދުވަސް ދިވެހިރައްޔިތުން މި ހޭދަކުރީ، ވަރަށް ހިތްދަތި އިޙްސާސްތަކެއްގެ ތެރޭގައިކަމަށެވެ. އެގޮތުން ޢުމުރުން އެންމެ ދެ އަހަރުނުވާ މަޢުޞޫމް ތުއްތު އަންހެން ކުއްޖަކަށް، އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަޤާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި ހާދިސާއަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ. އެކަމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ، ތުހުމަތުކުރެވޭ ބައެއް މީހުންނާ، ޢަދުލު އިންޞާފު އަރައި ހަމަނުކުރުން ކަމަށާއި އަދި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޝަރުޢީ ކޯޓުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން، މިފަދަ މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ހިނދުކޮޅަކީ، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެ، އެކުދިންނަށް ގޯނާކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް މިމަހު 20 ގައި ޢަމަލުކުރަން ފެށުމުން، ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމުގައެވެ. އަދި މި ޤާނޫނު މި ސަރުކާރުގެ ދައުރުގައި މި ފާސްކުރީ، ކުރީގެ ސަރުކާރުތަކުން މި ޤާނޫނު ފާސްކުރުމުގެ ވާހަކަ ދައްކާތާ، ދިގު 28 އަހަރަށް ފަހުގައިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޤާނޫނަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހައްދައި، ވެކްސިން ނުޖަހައި އަދި ދަރިން ސްކޫލަށް ނުފޮނުވައި ގެންގުޅުމަކީ، މިހާރު މިޤާނޫނަށް ބަލާއިރުވެސް، މައިންބަފައިންނަށް އޮތް އިޚްތިޔާރެއް ނޫންކަމަށާއި އެފަދަ ކުދިން ތިބިތޯ ބަލައި، އެކުދިންނަށް ވެކްސިން ދީ، ސްކޫލަށް ފޮނުވުމުގެ ކަންތައް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމުގައެވެ.
ހަމަޖެހުމާއި ޞުލްޙަވެރިކަން
ރައީސުމްހުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ނިމިދިޔަ 2019 ވަނަ އަހަރަކީ ޑިމޮކްރަސީއަށް ފެށި ދަތުރުގެ ކާމިޔާބު އަހަރެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއަދު، ދިވެހި ރައްޔިތުންނަށް ކުރެވޭނެ އެންމެ އުފާވެރި އިޙްސާސަކީ، ހަމަޖެހުމާއި ޞުލްޙަވެރިކަން އަޅުގަނޑުމެންގެ ތެރެއަށް އަލުން އަނބުރާ އަންނަން ފެށުމުގެ އިޙްސާސްކަމުގައެވެ. އެގޮތުން ރައްޔިތުން ދެއްކި މިސްރާބަށް، ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި، ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ، ޢިއްޒަތްތެރި މަޖިލިސްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 49 ބިލުގެ ތެރެއިން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް 27 ބިލެއް ފާސްކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި 56 ބިލެއް، މަޖިލީހަށް ފޮނުވުމަށް ސަރުކާރުން ޤަޞްދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ޢަމަލުކުރަމުން އަންނަ ބައެއް ޤާނޫނުތައް އިޞްލާޙްކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅީން އަލަށް އުފައްދާ ޤާނޫނުތަކާ ގުޅޭ 24 ބިލެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެގޮތުން އެ ބިލްތައް ފާސްކުރުމުގައިވެސް، ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ފަނޑިޔާރުގެ އިޞްލާޙްކުރުން
ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތް ފުރިހަމަވެގެންދާނީ، ޤާނޫނީ އޮނިގަނޑު އިޞްލާޙުކޮށް، މުޅި ނިޒާމަށް ބަދަލުތަކެއް ގެނެސް، ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އުފެދިގެންކަން ފާހަގަކުރައްވައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލަކާއި މަދަނީ އިޖުރާއަތުގެ ބިލެއް، މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ އިތުރުން، ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ހުށަހެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޓެރެރިޒަމާއި،ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ޚިލާފު ޚިޔާލު ފާޅުކުރުން
ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ޚިލާފު ޚިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމާއި، އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން ޢާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަކީ އެތައް އަހަރެއްގެ ފުނަށް މޫލާފައި އޮތް ދެ މައްސަލަ ކަމަށް ވިޔަސް، މިއަދާ ހަމައަށް މިކަން ޙައްލުނުވެ އޮތީ، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި، އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުންކަމުގައެވެ.
މިކަންކަން ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މަޢުލޫމާތު ބަދަލު ކުރެވޭނޭހެން، ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. އަދި ޓެރަރިޒަމާއި ހަރުކަށި ޚިޔާލުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި، މުޢާމަލާތުކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމާއި ރާއްޖެއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށް ފަހު އެނބުރި އަންނަ މީހުން، އިޞްލާޙްކޮށް މުޖްތަމަޢަށް ގެނައުމަށްޓަކައި ޤާއިމްކުރާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ ޢިމާރާތް ވެސް މިހާރު ހަދައި ނިމިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަކުރުން
ހަމައެހެންމެ ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަކޮށް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ސާބިތުވެ ތިބުމަށް ކުރަންޖެހޭ އެންމެހައި ކަންކަމަށް، މިދިޔަ އަހަރުވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެވުނުކަމަށާއި އެގޮތުން މިހާރުވެސް، 8 ރަށެއްގައި މިސްކިތް ޢިމާރާތްކުރަމުން ދާއިރު، އިތުރު 9 ރަށެއްގައި 12 މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާ
ތަޢުލީމީ ދާއިރާއިން، ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ސަރުކާރުން ފަހިކޮށްދީފައި ނުވާހާ ތަނަވަސް ފުރުޞަތުތަކެއް، މިދިޔަ އަހަރު ފަހިކޮށްދެވުނުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް، 5000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އައިކަމަށާއި ހަޔަރ އެޑިއުކޭޝަން ލޯން ސްކީމުގެ ދަށުން، 4144 ދަރިވަރަކަށް، މިދިޔަ އަހަރު ލޯނާއި ސްކޮލަޝިޕްގެ އެހީތެރިކަން ދީފައިވާކަން ރައީސްގެ ރިޔާސީގެ ރިޔާސީ ބަޔާނުގައި ހާމަކުރެއްވިއެވެ.
ތަޢުލީމީ ދާއިރާއިން ހޯދައިދެވުނު އެންމެ ރަނގަޅު އެއް ބަދަލަކީ، ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުންކަން ފާހަގަކުރައްވައި މިޕްރޮގްރާމްވެސް ފުރިހަމައަށް ހިންގޭނީ، ހުރިހާ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރެވިގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓްގެ މައްޗަށް ބިނާކޮށް، 3 އަހަރު ދުވަހުގެ ޕްލޭނެއް ހަދައި ތަންފީޒު ކުރަމުން އަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޓިވެޓް ތަމްރީނުތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި، ފެންވަރު ރަނގަޅު ޓިވެޓް ސެންޓަރުތަކެއް ހެދުމަށް މިއަހަރު ބަޖެޓުކުރެވިފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޞިއްޙީ ދާއިރާ- ޓާޝަރީ 5 ހޮސްޕިޓަލް
ބޭސްފަރުވާއަށްޓަކައި މާލެ އަންނަން، ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމަށް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން، ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިފައިވާކަމުގައި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ.
ކެންސަރުބައްޔާބެހޭ ހޮސްޕިޓަލް
ޚާއްޞަ ބަލިބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ތަރައްޤީކުރުމަށް، މިއަހަރުގެ ތެރޭގައި ރޭވިފައިހުރި މުހިންމު މަޝްރޫޢުތައް ފާހަގަކުރައްވަމުން، އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި މިއަހަރު އަޅަން ފަށާ، ކެންސަރު ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ކިޑްނީ ބަދަލު ކުރުމުގެ ޚިދުމަތް، މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
ނަފްސާނީ ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
ނަފްސާނީ ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މިދިޔަ އަހަރުގެ މާރިޗް މަހު، އައި.ޖީ.އެމް.އެޗްގައި ޤާއިމުކުރި ސެންޓަރ ފޯރ މެންޓަލް ހެލްތުން މިދިޔަ އަހަރުގެ ނިޔަލަށް، 6160 މީހަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ އިތުރުން އައި.ޖީ.އެމް.އެޗްގައި ސައިކެޓްރީ ވޯޑެއް މުޅިން އަލަށް ޤާއިމުކޮށް، މިއަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.
އާންމު ޞިއްޙަތު
ސަރުކާރުން މިހާރު ނިންމާފައިވަނީ، މިއަހަރަކީ ޢާންމު ޞިއްޙަތުގެ އަހަރެއްގެ ގޮތުގައި ކަނޑައަޅައިގެން،ކުރިޔަށްގެންދަވަންކަން ފާހަގަކުރައްވައި، ގައިން ގަޔަށް ނާރާ ބަލިތަކުން ޢާންމު ރައްޔިތުން ސަލާމަތްކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ކޮމިއުނިޓީ ހެލްތް ވޯކަރުންގެ ވިއުގައެއް ޤާއިމްކޮށް، އެ ޚިދުމަތްތައް ފުރިހަމައަށް ހިންގަން ފެށުމަކީ މިއަހަރު ކުރެވޭނެ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިޖްތިމާޢީ ރައްކާތެރިކަން
އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، އިސްރަށްވެހިންގެ ހިޔާ ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް، ބަންދުގެ މުއްދަތުގައި ފަރުވާދިނުމަށްޓަކައި، ރިމާންޑް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް، ޤާއިމްކުރި ވިސްލްބްލޯވަރ ޕޯޓަލްއަށް، މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން، 120 މައްސަލައެއް މިހާރު ތަޙުޤީޤީ އިދާރާތަކަށް ފޮނުވާފައި ވާކަމަށާއި ދައުލަތުގެ މާލީ ކަންކަން، ދެފުށް ފެންނަ އުޞޫލަކުން ކުރިއަށް ގެންދިއުމުގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މާލީ ޙާލަތާއި ފައިސާގެ ހިސާބުތައް މިދިޔަ އަހަރުން ފެށިގެން އާންމުކުރަމުން އަންނަކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ސިފައިންނާ ފުލުހުންގެ މަސައްކަތްތައް
ދިވެހި ޢަސްކަރިއްޔާއަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ލޯތްބާއެކު، މަސައްކަތްކުރާ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް، މިދިޔަ އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ، ހިންގުމުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަބަދުވެސް ދިވެހި ސިފައިންގެ އެންމެ އިސް ވާޖިބަކަށްވާނީ، ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް އަމަންއަމާންކަން ޤާއިމުކުރުމާއި، ޢާންމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި، ސިފައިންނާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އަދާކުރުންކަމުގައެވެ.
ފުލުހުންގެ ޚިދުމަތަކީ، ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކަށް ރިޢާޔަތްކުރެވިގެން، ޤާނޫނީ އިމުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ފުލުހުންގެ ޚިދުމަތާ ގުޅޭ އެންމެހައި ކަންކަން ޤާނޫނުގައި އަލުން ކަނޑައެޅުމަށްޓަކައި، ފުލުހުންގެ ޚިދުމަތުގެ ބިލެއް، މިހާރު މަޖިލީހަށް ފޮނުއްވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ތެރެއިން، ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް މިއަހަރު އިތުރު އަތޮޅުތަކަށް ތަޢާރަފްކުރެވޭނެކަން ވެސް ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ޖަލުތަކުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި، އިތުރު ޖަލެއް ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށާއި މާފުށީ ޖަލުގެ ގިނަ ޔުނިޓްތައް ހުރި ގޮތުން، ކަސްރަތުކުރުމުގެ ފުރުޞަތު ޤައިދީންނަށް ނުލިބޭތީ، މިހާރު އިތުރު ޔާޑެއް އަޅައިދެވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި ޤައިދީންނަށް ދޭ ޢާއިލީ ބައްދަލުވުމުގެ ވަގުތު، 2 ގަޑިއިރަށް ބަދަލުކޮށް، އެކަހެރި ބައްދަލުވުންތައް 24 ގަޑިއިރަށް ބަދަލުކުރެވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ލާމަރުކަޒީ ނިޒާމު
މިދިޔަ އަހަރު ދައުލަތް ހިންގުމަށް ގެނެވުނު އެންމެ ހެޔޮ ބަދަލަކީ، ޙަޤީޤީ ލާމަރުކަޒީ ނިޒާމަކަށް އެނބުރި ދިޔުމުގެ މަސައްކަތް ފެށުންކަން ރިޔާސީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. ޤާނޫނީ ގޮތުން ކައުންސިލްތައް ބާރުވެރިކޮށް، ކައުންސިލްތަކަށް ދެވުނު ބޮޑު ބަޖެޓާއެކު، ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ޒިންމާ ލޯކަލް ކައުންސިލްތަކާ މިހާރު މަތިކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނަށް ގެނައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ވަކި ޢަދަދަކަށް އަންހެނުން އިންތިޚާބުކުރަންޖެހޭ ގޮތަށް ހަމަޖެހުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީގުޅުން ވަރުގަދަކުރުން
ޚާރިޖީ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރަކީ، ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ބައިނަލްއަޤްވާމީ ޢާއިލާގެ ތެރެއަށް، ރާއްޖެއަށް އަލުން ވަދެވުނު އަހަރެއްކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަވައްޓެރި އަދި ރަޙްމަތްތެރި ޤައުމުތަކާ އެކު ތަފާތު ދާއިރާތަކުން އެއްބަސްވުންތައް ޤާއިމުކުރެވި، ތަޢުލީމީ ފުރުޞަތުތަކާއި މާލީ އެހީތެރިކަމާއި، ދަތުރުފަތުރުކުރުމުގެ އެތައް ލުއިފަސޭހަތަކެއް ލިބިފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީ ދާއިރާއިން ލިބުނު ކުރިއެރުންތަކުގެ ތެރޭގައި އިންޑިޔާ، ރަޝިޔާ، ތައިލޭންޑް އަދި ޔޫއޭއީއަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން ފާހަގަކުރައްވައި އޭގެ އިތުރުން މޮރޮކޯ އާއި ޗައިނާއަށް ދަތުރުކުރުމުގައިވެސް ވަރަށް އަވަހަށް އެ ލުއިފަސޭހަތައް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއާއި ޖަރުމަނު ސަރުކާރާ ގުޅިގެން، ޝެންގަން ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް، ރާއްޖޭގައި ވިސާ އެޕްލިކޭޝަން ސެންޓަރެއް، އަންނަ މާރިޗް މަހުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޚާރިޖީ ދާއިރާއިން އެންމެބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ފުރިހަމަ އެހީތެރިކަމާއެކު، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ދިވެހިރާއްޖެ އަނެއްކާވެސް ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވެފައިވާކަން އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ވިޔަފާރިއާ އިޤްތިޞާދު- ކުދި އަދި މެދުފަންތީގެ ވިޔަފާރި
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އުފެއްދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން، މިދިޔަ އަހަރުގެ ނިޔަލަށް 301 ވިޔަފާރިއަކަށް، ޖުމްލަ 335 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައިދެވުނުކަމަށާއި މިއަހަރުވެސް އިތުރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
ފަންޑް މެނޭޖްމަންޓް ކޯރޕަރޭޝަންގެ ފުރަތަމަ ފަންޑެއްގެ ގޮތުގައި އެސް.އެމް.އީ އިނޮވޭޝަން ފަންޑެއް މިހާރުވަނީ އިފްތިތާޙްކޮށްފައި ކަމަށާއި މި ފަންޑުގެ ތެރެއިން، ދިވެހި ޒުވާނުންގެ އީޖާދީ ޚިޔާލުތަކަށާއި ވިޔަފާރިތަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ މިއީ، މިހާތަނަށް، ކުދި ވިޔަފާރިތަކާއެކު ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން، ވިޔަފާރީގެ ބޭނުންތަކަށް ފައިސާ ހޯދޭނެގޮތް ހަމަޖެހިގެންދާ ފުރަތަމަ ފަހަރުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު މަސައްކަތް ފަށާފައިވާ ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫޢުގެ ދަށުން، އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓް-އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު، އަންނަ އޭޕްރިލް މަހުގެ ތެރޭގައި ހަމަޖެހިގެންދާނެކަމަށާއި އަދި ސަރުކާރުގެ ކަމާގުޅޭ ވުޒާރާތައް މި ޕޯޓަލްއާ ގުޅާލެވި، އިމްޕޯޓް-އެކްސްޕޯޓްގެ ހުއްދަތައް، އަންނަ އަހަރުގެ ތެރޭގައި، އޮންލައިންކޮށް ފޯރުކޮށްދޭން ފެށޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގުޅިފަޅު ވިޔަފާރި ބަނދަރު އަދި ބުރިޖް
ގުޅިފަޅުގައި ބައިނަލްއަޤްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓަރޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ ޢަމަލީ މަސައްކަތް، މިއަހަރު ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މި ބަނދަރު ތަރައްޤީކުރަނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ހަތަރު ލައްކަ ކޮންޓެއިނަރުގެ މުދާ އަރުވައި ބޭލުމަށް ބޭނުންވާ، ޒަމާނީ ވަސީލަތްތައް ހިމަނައިގެންކަމުގައިވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން، މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިނާއި ސާވޭގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާ ބްރިޖްގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަން ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ޓެކްސްގެ ނިޒާމު- އާމްދަނީން ނެގޭ ޓެކްސް އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން
ޤައުމީ ތަރައްޤީގެ ދުވެލި ހަލުވި ކުރުމުގެ ސިޔާސަތުގެ ދަށުން، ޓެކްސް ނިޒާމު ވަރުގަދަކޮށް، އާމްދަނީން ނެގޭ ހުރިހާ ޓެކުހެއް މިހާރު އެއް ޤާނޫނެއްގެ ދަށަށް ގެނެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބަދަލާއެކު އަލަށް ތަޢާރަފުވި، އުޖޫރައިގެ އާމްދަނީން ޓެކްސް ނެގުމުގެ ކަންކަން، މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ކުރިއަށްދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅުމަށް ގަސްތުކުރައްވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ބަޖެޓް
މި އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރެކޯޑް މިންވަރަކަށް ބޮޑު ބަޖެޓެއްކަމާއި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކީ ވެސް، ބޮޑު ބަޖެޓަކަށް ވާނެކަން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ ސަބަބަކީ، މިއަހަރާއި އަންނަ އަހަރަކީ، ސަރުކާރުގެ ތަރައްޤީގެ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފަށަން ރާވާފައިވާ ދެ އަހަރަށް ވާތީކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދެ އަހަރަށްފަހު ސަރުކާރުން އަމާޒު ހިފާނީ، ދަރަނި ކުޑަ ބަޖެޓަކަށްކަމަށާއި މިކަންކަމަކީ ރަނގަޅު ރޭވުމެއްގެ މަތިން، އަމާޒެއް އޮވެގެން ކުރަމުން އަންނަ މަސައްކަތެއްކަމުގައެވެ.
މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ޖުމްލަ 23.1 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ޚަރަދަކީ 28.3 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 5.2 ބިލިއަން ރުފިޔާއެވެ.
ހިނގަމުން މިދާ 2020 ވަނަ އަހަރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 30 އިންސައްތަ އިތުރު މިންވަރެކެވެ. މިއަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 24.7 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 12 އިންސައްތަ އިތުރު މިންވަރެކެވެ. އަދި މިއަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭކަމުގައި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރި މިސްރާބާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ބަލާއިރު، މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނެކަމަށް ބެލެވެނީ 7.5 އިންސައްތައިގައި ކަމަށާ އަދި މިއަހަރު ރާއްޖޭގެ އެވްރެޖް އިންފްލޭޝަން ހުންނާނެކަމަށް ބެލެވެނީ 1.0 އިންސައްތައިގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަސްމީ ރިޒާވް
ރަސްމީ ރިޒާވްގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 753 މިލިއަން ޔޫ.އެސް ޑޮލަރު ހުރި ކަމަށެވެ. އަދި މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި، 818 މިލިއަން ޔޫއެސް ޑޮލަރު ހުންނާނެކަމަށް ބެލެވޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 315 މިލިއަން ޔޫއެސް ޑޮލަރުކަން ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާ
ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރުން އަމާޒުހިފި މިޞްރާބަށް، މިދިޔަ އަހަރު ވާޞިލުވެވުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރުގެ އަމާޒަކީ އަހަރުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަމަށާ އަހަރުގެ ނިޔަލަށް 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ސަރުކާރުގެ އަމާޒަކީ، 2021 ވަނަ އަހަރު ނިމުމުގެ ކުރިން 2.15 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެސް، މި ދައުރު ނިމުމުގެ ކުރިން، ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު، 2.5 މިލިއަނަށް އިތުރު ކުރުންކަމަށެވެ.
މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގައި 158 ރިސޯޓާއި 607 ގެސްޓް ހައުސް އަދި 12 ޓޫރިސްޓް ހޮޓަލާއި 156 ސަފާރީގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރިކަމަށާއި މިއަހަރުގެ ތެރޭގައި، އިތުރު 1300 އެނދާއެކު، 13 ރިސޯޓާއި 74 ގެސްޓް ހައުސް އަލަށް ހުޅުވޭނެ ކަމަށް ލަފާކުރެއްވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން ޢާންމުވި ދުވަހުން ފެށިގެން، އިއްޔެގެ ނިޔަލަށް، ފަތުރުވެރިކަމުގެ 13287 ބުކިން ކެންސަލްވެފައިވާކަމަށާއި މިކަމުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް، މިއަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަން ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ދަތުރުފަތުރު- އެއާޕޯޓްތަރައްޤީކުރުން
ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރެވޭނެ، އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް، ސަރުކާރުން ދެއްވާ ސަމާލުކަން ހާމަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހއ. ހޯރަފުށްޓާއި މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ހަދާ އެއަރޕޯޓުތައް ނިންމުމަށް މަސައްކަތްކުރަވަމުން ގެންދަވާކަމަށެވެ. އަދި ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި، ރާއްޖޭގެ 6 ރަށެއްގައި އެއާޕޯޓްތައް ތަރައްޤީކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކަނޑުދަތުރުފަތުރުގެ ނިޒާމު
ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް، މުޅިން އައު ދަތުރުތަކެއް ފެށުމަށް ތައްޔާރުވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހާމަކުރެއްވިއެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން، ދުވެލި ހަލުވި، ތިމާވެއްޓާ ރަޙްމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި މިއަހަރުގެ ތެރޭގައި ޚިދުމަތް ފެށިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަން
ދިވެހި މަސްވެރިކަން ތަރައްޤީކުރަން ކުރެވެމުންދާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ. އެ ގޮތުން، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، މިހާރު ހުރި 2000 ޓަނުން 6000 ޓަނަށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި އިންވެސްޓް ކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް، ލޭނު މަސްވެރިކަމަށް ދީފައި އޮތް ހުއްދަތައް، ބޮޑުކަންނެލީގެ މަސްވެރިންގެ އެދުމާ އެއްގޮތަށް، މިހާރު ވާނީ ބާޠިލު ކޮށްފައިކަމަށާއި އަދި މަސްވެރި އުޅަނދުފަހަރަށް ގެންނަ އިންޖީނާއި، ދޯނި ބަނުމަށް ބޭނުންވާ ފައިބަރާއި ރެސިން އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތަކުގެ އިމްޕޯޓް ޑިއުޓީ މިއަހަރުގެ ތެރޭގައި ކަނޑައިލެވޭނެކަންވެސް ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
އެން ހޯދަން ފީނުމުގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ރައްކާތެރި ގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ފެށިގެންދާނެކަމަށާއި އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ޚިދުމަތް، އަންނަ މާރިޗު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރައްވަމުން އަންނަކަމުގައި ރިޔާސީ ބަޔާން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދަނޑުވެރިކަން
މަސްވެރިކަމެކޭ އެއްގޮތަށް ދަނޑުވެރިންގެ ޝަކުވާތަކަށް ލުޔެއް ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ދަނޑުވެރިން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ، އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކާ އަދި، ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިއުންކަން ފާހަގަކުރައްވައި، ސަރުކާރު ޙިއްޞާވާ އެގްރި ކުންފުންޏެއް އުފައްދަވައިގެން، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ އިންތިޒާމްތައް މި އަހަރު ތެރޭގައި ހަމަޖެހިގެންދާނެކަމުގެ އުފާވެރި ޚަބަރުވެސް ރައީސުލްޖުމްހޫރިއްޔާ ދަނޑުވެރިންނަށް މިއަދު ދެއްވިއެވެ.
ކުޅިވަރުގެ ދާއިރާ
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ލިބުނު ކާމިޔާބީތައް ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހި އެތުލީޓުން މިދިޔަ އަހަރު ވާދަކުރި ބައިނަލްއަގްވާމީ މުބާރާތްތަކުން، 13 ރަން މެޑެއްޔާއެކު، ޖުމްލަ 46 މެޑަލް ރާއްޖެއަށް ލިބުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ބޭނުންވާ ޢުމްރާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅުންތެރިންގެ ކުރިއެރުމަށް ރާއްވަވާފައިވާ ކަންކަމަށް އިޝާރާތްކުރައްވަމުން ޤައުމީ ޓީމަކަށް މަދުވެގެން 5 އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔަރކުރުމުން، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި ލޯން ސްކީމެއް ތަޢާރަފުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކޮށް މިއަހަރުގެ ތެރޭގައި ޚިދުމަތް ލިބެން ފަށާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ބައިނަލްއަޤްވާމީ ފެންވަރަށް ކުޅުންތެރިން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ކުޅިވަރުގެ ހުނަރު ހޯދޭނެ ގޮތަށް، ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާކަންވެސް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ސާފު ބޯފެން، ނަރުދަމާ
ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ޔަޤީންކޮށްދިނުމަކީ، މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދުކަން ފާހަގަކުރައްވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާތަނަށް މަސައްކަތް ނުފެށި ހުރި ރަށްރަށުގައިވެސް، އެންމެ ލަސްވެގެން 2021 ވަނަ އަހަރު މަސައްކަތް ފަށައި، މި ދައުރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޚިދުމަތްތައް ދޭން ފެށޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ރިޔާސީ ބަޔާނުގައި ދެއްވިއެވެ.
ކަރަންޓް- އިޔާދަކުރަނިވި ހަކަތަ
ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު މަދުކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި 40 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކޮށް، 5.2 މެގަވޮޓްގެ ކަރަންޓު އުފައްދަން ފެށިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ކަރަންޓު ވިއުގައިގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތަ ހިމެނޭ މިންވަރަށް 7.5 އިންސައްތަ އިތުރުވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިރުގެ އަވިން، އިތުރު 51 މެގަވޮޓްގެ ކަރަންޓު އުފައްދާނެ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަންވެސް ރިޔާސީ ބަޔާނުގައި ހާމަކުރެއްވިއެވެ.
މާލެ ސަރަޙައްދުގެ ކަރަންޓް
މާލެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ހުޅުމާލޭގައި ހެދި 50 މެގަވޮޓުގެ އިންޖީނުގެއިން މިދިޔަ އަހަރު ވަނީ ހުޅުމާލެއަށް ކަރަންޓު ދޭން ފަށާފައިކަމަށާއި ހުޅުމާލެއާއި ހުޅުލެ އަދި މާލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި، މިހާރު އަޅަމުން އަންނަ ކަރަންޓު ކޭބަލްގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައްކާތެރިގޮތުގައި ކުނި ނައްތާލުން
ރަށްރަށުން މިހާރުވެސް ލިބޭ އެންމެ ބޮޑު ޝަކުވާއަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވެން ނެތުމުގެ ޝަކުވާކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ޤައުމީ ފެންވަރުގައި، އިތުބާރު ހިފޭ، ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް، ރާއްޖޭގެ 3 ސަރަހައްދެއްގައި މިހާރު ކުރެވެމުންދާކަމުގައެވެ.
ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން، ކުނިން ހަކަތަ އުފެއްދުމަށް ތިލަފުށީގައި މިހާރު ފަށާފައިވާ، 168 މިލިއަން ޑޮލަރުގެ މަޝްރޫޢު ނިމުމުން، 8 މެގަވޮޓުގެ ކަރަންޓު، މާލޭގެ މަރުކަޒީ އިންޖީނުގެއާ ގުޅައިލެވޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 28 މިލިއަން ޑޮލަރަށް އައްޑޫގައި ޤާއިމުކުރާ، ކުނިން ހަކަތަ އުފައްދާ ޕްލާންޓު ނިމުމުން، 1 މެގަވޮޓްގެ ކަރަންޓު، އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ކަރަންޓް ވިއުގަޔާ ގުޅައިލެވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން، ރާއްޖެއަކީ އެއްފަހަރު ބޭނުކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް، ބޭނުންނުކުރާ ޤައުމަކަށް ހެދުމަށް އެކުލަވައިލާ ޕްލޭނަށް، މިއަހަރު ޢަމަލުކުރަން ފައްޓަވާނެކަންވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ޘަޤާފަތާ ތަރިކަ
ރާއްޖޭގެ ޘަޤާފީ ތަރިކައާއި އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މިދިޔަ އަހަރު ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ސަގާފީ ތަރިކައިގެ ޤާނޫނެއް ހަދައި ޢަމަލުކުރަން ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޘަޤާފީ ތަރިކަ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ދަފްތަރު ކުރުމަށް، އޮކްސްފޯޑް އިސްލާމިކް ސެންޓަރާ ގުޅިގެން ހިންގާ މަޝްރޫޢުގެ ސާރވޭ މަސައްކަތްވެސް މިހާރުވަނީ 4 އަތޮޅެއްގެ 108 ރަށެއްގައި ކޮށް ނިންމާފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަން
ރިޔާސީ ބަޔާން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުންކަމުގައެވެ. ހިޔާ މަޝްރޫޢުގެ ފަހުގެ މައުލޫމާތުތައް ޙިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް މުޅި ޖުމްލަ، 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓްތައް ޢިއުލާންކުރުމަށް ތައްޔާރުވެފައިވާކަމަށާއި ހިޔާ މަޝްރޫއުގެ 7000 ފްލެޓް، މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށި، ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ދެއްވިއެވެ.
އަތޮޅުތަކުގެ ބޯހިޔާވަހިކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި ޢާއިލާތަކުގެ ތެރެއިން، މިހާތަނަށްވެސް ދާއިމީ ބޯހިޔާވަހިކަން ނުލިބޭ އެތައް ޢާއިލާއެއް އެބަތިބިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ޢާއިލާތަކަށް ބޭނުންވާ، 60 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ނިންމައި، މިއަހަރު ތެރޭގައި އެތަންތާގައި ދިރިއުޅެން ފެށޭވަރުވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަންތަކުގެ މަސައްކަތް
ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން ޔާމީން ރަޝީދާއި އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގެ ރިޕޯޓް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އެކޮމިޝަނުން ބެލި ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާއި ޖަލުގައި މަރުވި ޙަސަން ޒަރީރުގެ މަރުގެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ދަޢުވާކުރަންޖެހޭ މީހުންނާ މެދު ދަޢުވާކުރުމުގެ ކަންކަން ފެށުމަށް ތައްޔާރުވަމުން އަންނަކަންވެސް ރިޔާސީ ބަޔާނުގައި ހާމަކުރެއްވިއެވެ.
މީގެ އިތުރުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމަށް އެކުލަވައިލި އެސެޓް ރިކަވަރީ ކޮމިޓީން ވެސް މިހާރު މަސައްކަތްތައް ނިންމައި ފައިނަލް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާ އެ މައްސަލަތަކުގެ ރިޕޯޓްތައް ލިބުމުން، އެކަންކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ދިވެހި ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ޖަޒީރާ ރާއްޖޭގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދޭނީ، ކޮންމެ ހިނދެއްގައި އަދި ކޮންމެ ޙާލަތެއްގައިވިޔަސް، ޤައުމީ މަޞްލަޙަތަށް އިސްކަންދީގެންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ނިންމަވާލެއްވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި، ރައްޔިތުން އިންތިޚާބުކުރި ސަރުކާރުގެ އެންމެން، އެކުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަމުންނެވެ.