ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މ. އަތޮޅު ދިއްގަރު ކައުންސިލަރުންނާއި މުވައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، އެމަނިކުފާނު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު ދިއްގަރު ސްކޫލްގައެވެ. މި ބައްދަލުކުރެއްވުމުގައި ދިއްގަރު ކައުންސިލަރުންގެ އިތުރުން ދިއްގަރު ސްކޫލާއި، ޞިއްޙީ މަރުކަޒާއި، ފެނަކަ ކޯޕޮރޭޝަންގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިއްގަރު ކައުންސިލަރުންވަނީ އެ ރަށަށް މި ވަގުތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމާއި، ޚިދުމަތްތަކާ އަދި، އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން، ދިއްގަރަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބިމުގެ ދަތިކަމާއި އުދައެރުމާއި ރަށް ގިރުމުގެ މައްސަލަކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިއްގަރުގައި ހިންގުމަށް މި އަހަރަށް ރާވައި ބަޖެޓުކޮށްފައިވާ މަޝްރޫޢުތައް ކަމަށްވާ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރުގެ ފެންވަރު މަތިކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢު ފަދަ މަޝްރޫޢު ތަކާއި ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ކައުންސިލަރުންވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި، ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް، ކައުންސިލަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް މަޝްވަރާ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ދިއްގަރު ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރުމާއި، ތަޢުލީމީ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ހުރި ދަތިތަކާއި، އެންމެ ފުރިހަމަ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، 31 ވަނަ ޅެންވެރީންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ދިއްގަރު ކައުންސިލަރުންނާއި ރައްޔިތުންނާއި ކަމާއިބެހޭ އިދާރާތައް ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ، ދިއްގަރަކީ ނަމޫނާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެއްކަމަށް ވިދާޅުވެފައެވެ. އެ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތައް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތަކަށް އިސްކަންދެއްވައިގެން، އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގަވައި ޚިދުމަތްތަކުގެ ފެންވަރު މަތިކުރެއްވުން ކަމަށެވެ.

މީގެ އިތުރުން، އިޖްތިމާޢީ ގޮތުން ޤައުމަށް ކުރިމަތިވެފައިވާ ކަންތައްތައް ހައްލުކުރުމުގައި ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުންނާއި މުވައްސަސާތަކުގެ އިސްވެރީން ފާހަގަކުރައްވާފައިވާ ކަންތައްތައް ހައްލުކުރެއްވުމަށް ކަމާއިބެހޭ އިދާރާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްގަރަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނުވަނީ އެނބުރި މާލެ ވަޑައިގަންނަވާފައެވެ.