ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ގަމު ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު މެންދުރު ބައްދަލުކުރައްވައިފިއެވެ.

ގަމު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ގަމު ކައުންސިލުގެ މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ވަނީ އެތަންތާގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ވަނީ އެމަނިކުފާނާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ގަމުގެ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ވަނީ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ގަމުގެ ރައްޔިތުންގެ ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް އަޅާ ހައުސިން ޔުނިޓުތަކާއި ފްލެޓްތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ގަމުގެ މަގުތައް ބެލެހެއްޓުމުމުގައި ހުރި ގޮންޖެހުންތައް ވެސް ކައުންސިލަރުން ފާހަގަކުރައްވާފައިވެއެވެ.

މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމާބެހޭގޮތުންނާއި ގަމު ރީޖަނަލް ހޮސްޕިޓަލުގެ މަސައްކްތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތު ވަނީ ޙިއްޞާކުރައްވާފައެވެ. އަދި އެމްއެންޔޫގެ ކެމްޕަހެއް ޤާއިމުކުރުމަށް ގަމުން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ވެސް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރާއި ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިން އަދި ކަމާގުޅޭ މިނިސްޓްރީތަކުން ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ވިސްނުންތެރިކަމާއެކު ޙައްލުކުރެއްވުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.