މަގުމަތީގައި ދުއްވުމާއި ހިނގާބިނގާވުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ "ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޤައުމީ ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މި ހަރަކާތަކީ މިއަހަރު ކުރީކޮޅު މި ސަރުކާރުން ފެށި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ރާއްޖޭގެ މަގުމަތީގައި ހިނގާފައިހުރި ނުރައްކާތެރި ހާދިސާތަކާއި އަދި މިހާރުވެސް ހިނގަމުންދާ ހާދިސާތަކަކީ ރައްޔިތުން އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބުގައި ހުރި މައްސަލަތައް ކަމުގައި އެމަނިކުފާން ވިދާޅުވިއެވެ.
މަގުމަތީގައި ހިނގާ އެކްސިޑެންޓެއްގެ ޝިކާރައަކަށްވެ ދަރިއަކު ދުނިޔެދޫކޮށްދާންޖެހުމަކީ އެއްވެސް މީހަކު އެމީހަކު އެދޭނެ ކަމެއް ނޫން ކަމަށާއި ދުވެލި މަޑުކުރުމަކީ އަޅުގަނޑުމެންގެ އަމިއްލަ ކޮންޓްރޯލްގައި އޮތްކަމެއް ކަމުގައި ވިދާޅުވެ، މަގުމަތީގައި ދުއްވާ އުޅުމުގައި މަޑު ދުވެއްޔެއް އިޙްތިޔާރު ކުރުމަށް ޒުވާނުންނާއި ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސްކުރެއްވިއެވެ.
"ގަވައިދުތަކާއި ޤާނޫނު ހެދިފައި ހުންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށް. އެއްވެސް ޙާލެއްގައި ޤާނޫނަކީ ނުވަތަ ޤަވާޢިދަކީ މީހަކަށް އަނިޔާއެއްދިނުމުގެ ގޮތުން ހެދޭ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެންގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފަ ހުރި ޤާނޫނުތައް." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އެކިއެކި މަސައްކަތްތަކުގައި އެކި ފަންތީގައި ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު ވަރަށް ގިނަކަން ފާހަގަކުރައްވައި އެމަނިކުފާން ވިދާޅުވީ އެމީހުންގެ ކިބައިންވެސް ކަންތައްތަކެއް ރަނގަޅުވެގެންދާނީ، އަޅުގަނޑުމެން ނަމޫނާ ދައްކައިގެން ކަމުގައެވެ. އަދި އަޅުގަނޑުމެންގެ ޤައުމުގައި އެތަކެއް ބިދޭސީން އުޅެމުންދާއިރު، އެފަރާތްތަކަށް މިޤައުމުގެ ޤާނޫނުތަކާއި ޤަވަޢިދުތަކާއި އުޞޫލުތަކާއި އަޅުގަނޑުމެންގެ ހަމަތައް އެފަރާތްތަކަށް ކިޔައިދޭންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއުޅެނީ މިޤައުމައިގެން، އެންމެން މިއުޅެނީ ކުރިޔަށްދާން. ތަރައްޤީވެފައިވާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިޔަށްދާއިރު، ހުރިހާކަމެއްވެސް އަޅުގަނޑުމެން ރަނގަޅުކުރަން ޖެހޭނެ. މަގުމަތީގައި އަޅުގަނޑުމެންގެ މުޢާމަލާތްތަކާ، ދުއްވުމާ، އުޅުމާ، މި ހުރިހާ ކަމަކީ މިއީ އަޅުގަނޑުމެން ރަނގަޅުކުރަން ޖެހޭނެ ކަންކަން." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
"ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ހިނގާލުމަކީ މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާތައް ޝާމިލްވާގޮތަށް ހިންގި ޤައުމީ ހަރަކާތެކެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެއްވަގުތެއްގައި މިއަދު މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވެއެވެ. މާލޭގައި މި ހަރަކާތް ކުރިޔަށްގެންގޮސްފައިވަނީ ސޯޝަލް ސެންޓަރު ސަރަޙައްދުން ފެށިގެން މަޖީދީ މަގުން އިރަށެވެ. މި ހިނގާލުމުގައި ބައެއް ސަރަހައްދު ތަކަށް މަޑުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހޭލުންތެރި ކުރުމުގެ މެސެޖުތަކާއި މަންޒަރުތަކާއެކު ނުރައްކާތެރި އެކްސިޑެންޓްގެ ހާދިސާއެއްގެ ހަރަކާތްތަކެއް ދައްކާލާފައިވެއެވެ.