ޖަޕާނު ސަރުކާރުން ރާއްޖެއަށް ދޭ އެހީގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވާ ޖަޕާނުގެ ވޮލަންޓިއަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަވީރުގެ ސައިފޮދެއް ބާއްވަވައިފިއެވެ.
މި ސައިފޮދު ބާއްވަވާފައި ވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ. މި ސައިފޮދުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގައި ހަރަކާތްތެރިވަމުންދާ 16 ވޮލަންޓިއަރުންނަކީ ޖަޕަނީސް އޯވަރސީސް ކޯޕަރޭޓިވް ވޮލަންޓިއާރސް ( ޖޭ.އޯ.ސީ.ވީ) ގެ ވޮލަންޓިއަރުންނެވެ. 1982 ވަނަ އަހަރުން ފެށިގެން ޖޭ. އޯ. ސީ. ވީ ގެ ވޮލެންޓިއަރުން ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. އަދި ޖަޕާނުގެ ވޮލަންޓިއަރުންގެ ފަރާތުން ދިވެހި ރައްޔިތުންނާއި ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއަށް ބޮޑެތި އެހީތަކެއް ދަނީ ލިބެމުންނެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ވޮލަންޓިއަރުން ދިވެހި މުޖުތަމަޢަށް ކޮށްދެއްވާ މަސައްކަތްތަކަށް ވޮލަންޓިއަރުންނާއި ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. "ޓީ ވިޓް ވޮލަންޓިއަރސް" ހަރަކާތަކީ މީގެ ކުރިން އަހަރަކު އެއްފަހަރު ބާއްވަމުން އައި ހަރަކާތެއް ނަމަވެސް މިފަހަރު މި ޙަރަކާތް އަލުން މި ފެށުނީ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހުގައެވެ.