ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު ދެކުނުބުރީ މާމިގިލި ކައުންސިލުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، މާމިގިލި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އެގޮތުން ރަށުގެ ޞިއްހީ ނިޒާމުގެ ފެންވަރު ރަނގަޅުކޮށް އެކަށީގެންވާ ޞިއްޙީ ޚިދުމަތެއް ޤާއިމުކުރުމަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާކަމަށާ އަދި މިހާރު ހުރި އިޖްތިމާޢީ މަރުކަޒާއި ބެހޭގޮތުން ހުރި ކަންބޮޑުވުންތަކާއި ރަށުގައި ޤާއިމުކޮށްފައިވާ ފުލުހުންގެ ޚިދުމަތް ފުޅާކުރުމާއި ރަށުގެ ތަރައްޤީއާ މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މުހިންމު ކަމަށް ކައުންސިލުން ފާހަގަކުރާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާ އަދި އަންނަ އަހަރުގެ ބަޖެޓާއެކު ކައުންސިލުތަކަށް މާލީގޮތުން ލިބޭ ތަނަވަސްކަމާއެކު ބައެއް ކަންކަމަށް ޙައްލު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން އެދިވަޑައިގެންނެވި މުހިންމު ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.