ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ޑިސަނަޔަކަ މުޑިޔަންސެލަގެ ޖަޔަރަތްނަ އަވަހާރަވުމާ ގުޅިގެން ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބޮޑުވަޒީރު ޖަޔަރަތްނަ ޤައުމުގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކަކީ އަންނަން އޮތް އެތައް ޖީލުތަކުންވެސް ހަނދާން އާކުރަމުންގެންދާނެ ކަންތައްތަކެއްކަން ފާހަގަކުރެއްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބޮޑުވަޒީރު ޖަޔަރަތްނަ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރުގެ ޢާއިލާއަށް އެމަނިކުފާނުގެ އިޚްލާޞްތެރި ތައުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައިވެއެވެ.