ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، 20އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އޭޝިއާ ފުޓްބޯޅައިގެ މުސްތަގުބަލުގައި ފެނިގެންދާނެ އެންމެ ހުނަރުވެރި ޖީލުގެ މެދުގައި ކުޅޭ ސާފްގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވާދަކޮށްފައިވަނީ ސްރީލަންކާއާއެވެ. މިމެޗު 3-2ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ، ސްރީލަންކާޓީމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ޖެނެރަލް ސެކެޓްރީ ޕުރުއްޝޮއްތަމް ކައްޓެލް އާއި އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ، ރާއްޖޭގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.