ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިގުރަށުގެ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރެވިފައި ނެތުމާއި، ބަނދަރު ބޮޑުކުރުމާއި ރަށްގިރުމުގެ މައްސަލައާއި ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ނެތުމާއި ޒުވާނުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމާއި، ދިރިއުޅުމަށް ގޯތި ދޫކުރުމާއި، ތަޢުލީމީ ދާއިރާއާ ޞިއްޙީ ދާއިރާގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަންކަން ހިމެނެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިގުރަށު ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. މީގެތެރޭގައި ފެނާ ނަރުދަމާއާ ބަނދަރުގެ މަސައްކަތްފަދަ ބޮޑެތި މަސައްކަތްތައް ފެށޭނެކަމަށް ލަފާކުރެއްވޭ ތާރިޚްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމަށްވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.