ކުދީން ބެލުމާއި، ތަރުބިއްޔަތު ކުރުމުގައި ތިމާވެއްޓާއި ރަޙުމަތްތެރި، އަދި އިސްރާފުވުން ކުޑަ ގޮތްތައް އިޚުތިޔާރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ، މަސައްކަތްތެރި މައިންނާއި އަންހެން ކަނބަލުންގެ މަސައްކަތްތެރިކަން ދައްކާލުމަށް ބާއްވާ "މަމްސް އެކްސްޕޯ 2019" އިފްތިތާޙު ކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "މަމްސް" ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒު ކުރިއަށްދަނީ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ތިމާވެށި ރައްކާތެރި ކުރުމުގެ މުހިއްމު ކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުދީން ބޮޑުކުރުމުގައި ވެސް ތިމާވެއްޓާއި ރަޙުމަތްތެރި، އަދި އިސްރާފުވުން ކުޑަވާނެ ގޮތްތައް އިޚުތިޔާރު ކުރުމަކީ، ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، "މަމްސް" ޖަމްޢިއްޔާއިން އިސްނަގައިގެން ކުރަމުން ގެންދާ ފައިދާހުރި މަސައްކަތްތައް ފާހަގަކުރައްވާ އެކަމަނާވަނީ، ހުރިހާ މައިންނަށް، އަދި ޚާއްޞަކޮށް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މައިންނަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، އަންހެނުން ބާރުވެރިކުރުވުމަކީ، ދިގު މުއްދަތެއްގެ ފައިދާތަކެއް ލިބޭނެ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ މައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި "މަމްސް" ޖަމްޢިއްޔާއިން އިސްނަގައިގެން ހަދާފައިވާ "ފެމިލީ ޓު ފެމިލީ ފަންޑް" ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާފައެވެ.
"މަމްސް އެކްސްޕޯ" އަކީ މަސައްކަތެރި މައިންނާއި، އަންހެން ކަނބަލުންގެ މަސައްކަތްތައް ދައްކުވައިދޭ މައުރަޒެކެވެ. މަމްސް ޖަމްޢިއްޔާއިން މިފަދަ މައުރަޒެއް އިންތިޒާމު ކުރުމުގެ މައިގަނޑު މަޤްޞަދަކީ، އަންހެނުން ބާރުވެރިކުރުމާއި، ވިޔަފާރި ފުޅާކުރަން އެހީތެރިވެ ދިނުމާއި، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް މައިންނަށް ފުރުޞަތު ފަހިކޮށްދީ، އަންހެނުން ބާރުވެރި ކުރުވުމެވެ.